ރައީސް އަބްދުالله ޔާމީން, އިންޑިއާއާ ދޭތެރޭ ދެކެވަޑައިގަންނަވާ ގޮތަށް ބަދަލުތަކެއް އައީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް އެދިވަޑައިގެންނެވި ފަދަ އެހީތަކެއް ނުލިބުމުން ކަމަށް ރައީސް ޔާމީންގެ ކުރީގެ ތަރުޖަމާން މުހައްމަދު މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
އަދީބު އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީ, މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)ގެ ނައިބު ރައީސް ކަމަށް ދާދި ފަހުން ހަވާލުވެވަޑައިގެންނެވި މުއާޒު މިއަދު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވިދާޅުވީ, ރައީސް ޔާމީނަށް އިންޑިއާއަކީ ވަރަށް މުހިންމު ގައުމެއް ކަމަށާއި އެމަނިކުފާނަށާއި އެމަނިކުފާނުގެ ވެރިކަމަށް އިންޑިއާގެ ތާއީދު އޮތުމަށް އަބަދުވެސް އެދިވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް 2018ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަކީ ހިތްޕުޅުގައި ޖެހޭނެ ކަމެއް ކަމަށާއި އަދި އެއީ އިންޑިއާގެ ބައިވެރިވުން އޮވެގެން ލިބިވަޑައިގެންނެވި ނާކާމިޔާބީއެއް ކަމަށް ރައީސް ޔާމީން ވިދާޅުވަމުން ގެންދަވާ ކަމަށް މުއާޒު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައިގެން "އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިނާ ގުޅޭ ގޮތުން މުއާޒު ވިދާޅުވީ، އެއީ ވަކި ޝިއާރެއް ދައްކައިގެން ވެރިކަމަށް އާދެވިދާނެ ކަމަށް ހީފުޅުވެގެން ހިންގާ ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށާއި އޮއްޓަރު ހުރި ވާހަކައެއްވެސް ނުދެއްކޭ ކަމަށް ވިދާޅުވިއެވެ.
"އިންޑިއާއާ ދޭތެރޭ ދެކޭ ދެކުމަށް ބަދަލުތަކެއް މިއައީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އެމަނިކުފާނުގެ ސަރުކާރަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތަށް ކުރިއެރުންތަކެއް ފަހަތުކޮޅުން ނުލިބުން. ހާއްސަކޮށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ޒާތުގެ އެހީތަކެއް އިންޑިއާއިން ނުލިބުން," މުއާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު