ވިލިލާމެ ދާއިރާގެ ކުރީގެ މެންބަރު އަދި ޕީޕީއެމްގެ ކުރީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލައިފައިވާ ހަ ދައުވާގެ ތެރެއިން ރިޝްވަތުގެ ހިފުމުގެ ކުށުގެ އެއް ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްގެންގޮސްފައިވާއިރު، މިއަދު އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ދެފަރާތުން ވާހަކަ ދެއްކުމެވެ.
މިއަދުގެ އަޑުއެހުމުގައި ހުށަހެޅުންތަކަށް ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވަނީ، ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްގަފޫރު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުގެ -/150،000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ އުފުލައިފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އަނބުރާ ގެންދިއުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ހަމަ އެ ކުށާއި ގުޅިގެން އޭނާގެ މައްޗަށް މަނީ ލޯންޑަރިން ގެ ދައުވާވެސް އުފުލައިފައިވާތީއެވެ.
ނިހާންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލައިފައިވަނީ އަދީބު ދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެންޖެހޭ ހާލަތުގައި އަދީބު މެދުވެރިވެގެން -/150،000 (އެެއް ލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީއެވެ.
ހުށަހެޅުންތަކަށް ވާހަކަދެއްކުމަށް ދިން ފުރުސަތުގައި ދައުލަތުންވެސް އަދި ނިހާންގެ ފަރާތުންވެސް ވަނީ ބައެއް ހެކިތައް ބަލައިނުގަތުމަށް އެދިފައެވެ. އެގޮތުން ނިހާންގެ ފަރާތުން ވަނީ އަހުމަދު އަދީބުގެ މޯބައިލް ފޮރެންސިކް ރިޕޯޓާއި އަދީބުގެ ހެކިބަހާއި މި މައްސަލައިގައި ހިމެނޭ ބޭންކް ސްޓޭޓްމަންޓުތައް ބަލައިނުގަތުމަށް ހުށަހަޅައިފައެވެ. ބޭންކް ސްޓޭޓްމަންޓްތައް ބަލައިނުގަތުމަށް ދިފާއުން ބުނެފައިވަނީ އެ ސްޓޭޓްމަންޓްތައް ހޯދީ ކޯޓު އަމުރެއް ނެތިކަމަށް ބުނެއެވެ. އެކަމަށް ރައްދުދީ ދައުލަތުން ބުނީ، އެފަދަ ސްޓޭޓްމަންޓްތައް ހޯދަން ކޯޓު އަމުރު ބޭނުންނުވާނެ ކަމަށެވެ.
ނިހާންގެ މައްޗަށް އުފުލައިފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ އެއް ދައުވާ އަނބުރާ ގެންގޮސްފައިވީނަމަވެސް، އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް މި މައްސަލައިގައި އުފުލައިފައިވެއެވެ.
އެއީ، 2014 ވަނަ އަހަރު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާ އާއި އެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ އިތުރުން، މެންބަރުކަމުގެ ހައިސިއްޔަތުން އަދާ ކުރި މަސްއޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި -/650،000 (ހަލައްކަ ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން، އަދީބު ދިން ފައިސާ ހިފައިފައިވާތީ، ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ވަނީ އުފުލައިފައިވެއެވެ.