ޗެލްސީ

ޗެލްސީ ވިއްކާލުމަށް ސަރުކާރުންވެސް ހުއްދަ ދީފި، މުހިއްމު ތާރީހުތަކަށް ނަޒަރެއް

އިނގިރޭސި އެންމެ ބޮޑު އެއް ކްލަބު، ޗެލްސީ ވިއްކާލުމަށް އެގައުމުގެ ސަރުކާރުންވެސް މިއަދު ހުއްދަ ދީފިއެވެ.

އެމެރިކާގެ ބިލިއަނަރު ޓޮޑް ބޯލީ އިސްވެ ހުރެ އުފެއްދި ހާއްސަ ކޮންސޯޓިއަމަކަށް ޗެލްސީ ވިއްކާލަން ނިންމާފައި ވަނީ 4.25 ބިލިއަން ޕައުންޑަށެވެ. އެއީ ޗެލްސީ ވިއްކާލުމުގެ ޖުމުލަ ހަރަދެކެވެ. ޗެލްސީ ވިއްކާލުމުގެ ހަރަދަކީ 2.5 ބިލިއަން ޕައުންޑެވެ. ދެން ހިނގާނެ 1.75 ބިލިއަން ޕައުންޑުގެ ހަރަދަކީ 10 އަހަރުގެ ތެރޭގައި ކްލަބަށް އާ ވެރިން އިންވެސްޓް ކުރަން ޖެހޭ އަދަދެވެ.

ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޗެލްސީގެ ވެރިޔާ އަދި ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން އެޅި ފިޔަވަޅުތަކާ އެކު އިނގިރޭސިވިލާތުގައި ހުރި އަބްރަމޮވިޗްގެ ހުރިހާ ވިޔަފާރި އެސެޓްތައް ވަނީ ފްރީޒުކޮށްފައެވެ. ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އެޅީ، އޭނާއަކީ ރަޝިއާގެ ރައީސް ވްލަޑިމީއާ ޕުޓިންގެ އޮލިގާކީގައި ހިމެނޭ ގާތް ވިޔަފާރިވެރިއަކަށްވާތީއެވެ.

ޗެލްސީއަށް އެޅި ފިޔަވަޅުތަކާއެކު އެ ކްލަބަށް މާލީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައި އޮތް އިރު، ކްލަބު ހިންގަން ހުއްދަ ދީފައިވަނީވެސް ވަކި ލައިސަންސެއްގެ ދަށުންނެވެ.

ފިޔަވަޅުތަކުގެ ސަބަބުން ޗެލްސީއަށް ކުޅުންތެރިން ގެންދިއުމާއި ކުޅުންތެރިންގެ އެއްބަސްވުން އާކުރުމަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އަބްރަމޮވިޗް މަސައްކަތް ކުރަމުންދިޔައީ ރަނގަޅު ބިޑަކަށް އަވަހަށް ކްލަބު ވިއްކާލުމަށެވެ. ކްލަބު ވިއްކާލުމުގައި ބަލަންޖެހޭ ކަންކަން ބަލައި، އެކަން ކުރިއަށް ގެންދަން އަބްރަމޮވިޗް ހަވާލުކުރީ އެމެރިކާގެ ރައިނޭ ގްރޫޕާއެވެ.

ގްރޫޕުގެ ނިންމުމާއެކު ޗެލްސީ ވިއްކާލަން ނިންމާފައި ވަނީ އެލްއޭ ޑޮޖާސްގެ ކޯ އޯނަރު ބޯލީ އިސްވެ އުފައްދާފައިވާ ހާއްސަ ކޮންސޯޓިއަމް އަކަށެވެ. އެ ޑީލް ނިންމަން މިހާރު ސަރުކާރާއި ޕްރިމިއާ ލީގުންވެސް ހުއްދަ ދީފައިވާ އިރު، މިހާރު ކުރިއަށް ދަނީ އެންމެފަހުގެ މަރުހަލާއެވެ.

"ރޭ އިނގިރޭސި ސަރުކާރުން ވަނީ ޗެލްސީ ވިއްކާލުމަށް ހާއްސަ ހުއްދައެއް ދީފައި. ޕުޓިންއާ ގުޅުން ހުރި ފަރާތްތަކަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ޗެލްސީއަށް ހުއްޓުމަކަށް އައިސްފައިވުން ނިމުމަކަށް ގެނެވެން އޮތީ އާ ވެރިންގެ އަތް މައްޗަށް މުޅި ކްލަބު ގޮސްގެން ކަމަށް ގަބޫލުކުރެވޭ. އަބްރަމޮވިޗަށް ޗެލްސީ ވިއްކާލުމުގެ ފައިދާ އެއްވެސް ގޮތަކަށް ނުކުރާނެ ކަމަށް ސަރުކާރަށް ގަބޫލުކުރެވޭ،" އިނގިރޭސި ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރުން ވަނީ ޗެލްސީގެ މަސްލަހަތު ހިމާޔަތް ކުރުމަށް، ޗެލްސީގެ ސަޕޯޓަރުންގެ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ޗެލްސީގެ ވިއްކުން - ތާރީހުތަކަށް ނަޒަރެއް

ފެބްރުއަރީ 24: ރަޝިއާ- ޔޫކްރެއިން ހަނގުރާމަ ފެށުން

ފެބްރުއަރީ 26: ރޯމަން އަބްރަމޮވިޗް ޗެލްސީގެ ހިންގުން، "ސްޓެވާޑްޝިޕް އެންޑް ކެއާ" ގެ ބާރު ހިލޭ ސާބަހަށް މަސައްކަތް ކުރާ ފައުންޑޭޝަނަކަށް ދިނުން

މާޗު 2: ޗެލްސީ ވެރިޔާ އަބްރަމޮވިޗް، އެ ކްލަބު ވިއްކާލާނެ ކަމަށް ބުނުން

މާޗު 10: އިނގިރޭސި ސަރުކާރުން އަބްރަމޮވިޗަށް ރަސްމީކޮށް ފިޔަވަޅު އެޅުން

މެއި 5: އަބްރަމޮވިޗް ޗެލްސީއަށް ހަރަދުކުރި 1.5 ބިލިއަން ޕައުންޑުގެ ލޯނު، އަނބުރާ ނުހޯދާނެ ކަމަށް ބުނުން

މެއި 7: ޗެލްސީ ގަތުމަށް ޓޮޑް ބޯލީ 4.25 ބިލިއަން ޕައުންޑުގެ އެއްބަސްވުމަކަށް ދިޔުން

މެއި 16: ސަރުކާރުގެ ތެރެއިން ޗެލްސީ ޑީލް "ފަނިވުމާ" ގާތަށް

މެއި 24: ޕްރިމިއާ ލީގުން ޗެލްސީ ޑީލަށް ހުއްދަ ދިނުން

މެއި 25: ސަރުކާރުން ޗެލްސީ ޑީލަށް އާން ބަސް ބުނުން