ޚަބަރު

އާރަށު މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށައެޅުންތައް ބަލައިނުގަންނަން ނިންމައިފި

އަލީ ޔާމިން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް، މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ހުށަޅާފައިވާތީ، އެ ހުށަހެޅުންތައް ބަލައިނުގަންނަން ކޯޓުން ނިންމައިފިއެވެ.

އެ މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅަން ޝަރީއަތުން ދީފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް އެ މުއްދަތު އޭޕްރީލް 27 ވަނަ ދުވަހަށް ހަމަވި އިރު ދައުލަތުންވެސް އަދި އެ މައްސަލަ ރައްދުވާ ރައީސް ޔާމީންގެ ފަރާތުންވެސް އެއްވެސް ހުށަހެޅުމެއް ހުށަހަޅައިފައެއް ނުވެއެވެ.

އެ މައްސަލައިގެ އަޑުއެހުން ކުރިއަށްގެންދަނީ ރައީސްގެ ޔާމީންގެ ދައުވާތަކާއި މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައިފައިވާ ޔޫސުފް ނައީމްގެ މައްސަލަވެސް އެކުއެކީގައެވެ.

އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އެ މައްސަލައިގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވައި، ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދެއްވައިފައެވެ. އެގޮތުން ގާޒީ ވަނީ 15 ދުވަހުގެ މުއްދަތެއް ދައުލަތާއި ދިފާއަށްވެސް ދެއްވައިފައެވެ. އެ 15 ދުވަސް ގުނާނީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ ދަށުންކަމަށް ގާޒީ އެ ދުވަހު ވިދާޅުވިއެވެ.

މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުންތައް ފައްޓަވަމުން އެ މައްސަލަ ބައްލަވާ ގާޒީ ޝަކީލް ވަނީ، ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ހުށަހެޅުންތައް ހުށަހެޅުއްވިތޯ ސުވާލު ކުރައްވައިފައެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނީ، ދައުލަތުގެ ހުށަހެޅުންތައް ހުށަހަޅާފައިވާނީ މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކުރާ މުއްދަތަށް ކަމަށެވެ.

އެ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރަނީ ފުރުސަތު ދެއްވި ދުވަހާއި، މުއްދަތު ހަމަވާ ދުވަސް ނުގުނާނެ ކަމަށެވެ. އަދި ވަކި ކަމެއް ކުރަން އޮތް އެންމެ ފަހު ތާރީހަކީ ރަސްމީ ބަންދު ދުވަހަކަށްވާނަމަ، އެ ކަމެއް ބަންދު ދުވަހާއި ވިދިގެން އަންނަ ރަސްމީ ބަންދު ނޫން ދުވަހު ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ހަތް ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަންކަން ކޮށްފިކަން ކަށަވަރު ކުރުމުގައި އެ ހަތް ދުވަހުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ނުހިމެނެނޭ ކަމަށެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ދެއްވާފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ. ނަމަވެސް ދައުލަތާއި ދައުވާލިބޭ ފަރާތްތަކުން އެ މުއްދަތު ގުނާފައިވަނީ އެ ފިތުރު އީދުގެ ޗުއްޓީގެ ދުވަސްތަކަށްވެސް ބަލައިފައެވެ.

ދައުލަތުން ފަހުން ވަނީ މުއްދަތު ގުނާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެފައެވެ.

އެ މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި ނައީމްގެ ފަރާތުންވެސް ހުށަހެޅުންތައް ހުށަހަޅާފައިވަނީ، ދައުލަތެކޭ އެއްގޮތަށް މާނަ ކުރުމުގެ ހަމަތައް ބަޔާންކުރާ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާން ކުރާ މުއްދަތަށް ރިއާޔަތްކޮށްފައެވެ.

އެހެންވެ، މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، ދުވަސް ފަހަނައަޅައިދިއުމަށް ފަހު ހުށަހެޅުންތައް ހުށަހަޅާފައިވާތީ އެ ހުށަހެޅުންތައް ބަލައިނުގަތުމަށެވެ. އަދި އެ ނިންމުން ބަދަލުނުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައިގައި މަތީ ކޯޓުތަކުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު އޮތްކަމަށް ގާޒީ ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން އޮންނާނީ އިބްތިދާއީ ބަޔާން އިއްވައި، ޝަރީއަތް ފެށުމެވެ. އެގޮތުން އެ އަޑުއެހުން ތާވަލްކޮށްފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެ މެންދުރު 1:00 ގައެވެ. އެ ޝަރީއަތް ކުރިއަށްގެންދާނީ ލައިވްކޮށް ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.