ޗެލްސީ

ބޯލީގެ ކޮންސޯޓިއަމްއަށް ޗެލްސީ ވިއްކާލުމަށް ޕްރިމިއާ ލީގުން ހުއްދަ ދީފި

އެލް އޭ ޑޮޖާސްގެ ޓޮޑް ކޯ އޯނަރު ބޯލީ ލީޑު ކުރާ ކޮންސޯޓިއަމްއަށް ޗެލްސީ ވިއްކާލުމަށް ޕްރިމިއާ ލީގުން ހުއްދަ ދީފިއެވެ.

ޕްރިމިއާ ލީގުން އިއްޔެ ބުނެފައި ވަނީ 4.25 ބިލިއަން ޕައުންޑުގެ ޑީލެއްގެ ދަށުން ބޯލީގެ ކޮންސޯޓިއަމްއަށް ޗެލްސީ ވިއްކާލުމަށް އޯނަރުންނާއި ޑިރެކްޓަރުންގެ އާނ ބަސް ލިބިފައިވާ ކަމަށެވެ. ޗެލްސީ ވިއްކާލުމުގެ ޑީލަށް ޕްރިމިއާ ލީގުން ހުއްދަ ދިނުމާއެކު ދެން އޮންނާނީ އެންމެ ފަހުގެ މަރުހަލާއެވެ. އެއީ އިނގިރޭސި ސަރުކާރުން އެޑީލަށް ޔަގީންކަން ދިނުމެވެ.

ޗެލްސީ ވިއްކާލުމުގެ ޑީލްގެ ތެރެއަށް ސަރުކާރު އެހާ ބޮޑަށް ވަދެފައި ވަނީ، ކްލަބު ވިއްކާލައިގެން ލިބީ އެއްވެސް ފައިސާއެއް މިހާރުގެ ވެރިޔާ ރޯމަން އަބްރަމޮވިޗަށް ނުދާނެކަން ޔަގީން ކުރުމަށެވެ. އެއީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަބްރަމޮވިޗަށް އިނގިރޭސި ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

އިނގިރޭސި ސަރުކާރުގެ ތެރެއިން އޮފިޝަލަކާ ހަވާލާ ދީ ބީބީސީން ރިޕޯޓު ކޮށްފައި ވަނީ ޗެލްސީ ވިއްކާލުމަށް ސަރުކާރުން ދޭން ޖެހޭ ލައިސަންސް ދޭން މިހާރު ތައްޔާރު ވެފައިވާ ކަމަށާއި، އެންމެފަހު ޓެކްނިކަލް ތަފުސީލުތަކަށް މިހާރު ކްލަބާއެކު އިނގިރޭސި ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިނގިރޭސި ސަރުކާރުން ރަޝިއާއަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ޗެލްސީގެ ވެރިޔާ އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާއެކު ޗެލްސީ ވިއްކާލަން އަބްރަމޮވިޗް ނިންމީ އެހެން ގޮތެއް ނެތިގެންނެވެ. އެ ނިންމުމާއެކު ގިނަ ފަރާތްތަކެއް ޗެލްސީ ގަންނަން ހުށަހަޅާފައިވާ އިރު، ޗެލްސީ ވިއްކާލަން ރަނގަޅު ގްރޫޕެއް ހޯދުމަށް ވަނީ ގިނަ ދުވަސްތަކެއް ހޭދަވެފައެވެ.

ޗެލްސީ ވިއްކާލުމުގެ ކަންކަން ވަރަށް ބޮޑަށް ދިގު ލައިގެން ގޮސް، އެ ޑީލް "ފަނި" ވެދާނެ ކަމަށް ބައެއް ނޫސްތަކުން ބުނެފައިވާ އިރު، މި މަސް ނިމުމުގެ ކުރިން ޗެލްސީ ނުވިއްކިއްޖެ ނަމަ، ކްލަބަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އެއީ މިވަގުތު ކްލަބު ހިނގަމުން ދަނީ މިމަހުގެ ނިޔަލަށް އިނގިރޭސި ސަރުކާރުން ދީފައިވާ ވަގުތީ ހުއްދައެއްގެ ދަށުން ހަރަދުތައް ކޮށްގެން ކަމަށްވާތީއެވެ.