Close
ޚަބަރު

މާލޭގައި އުޅޭ ގިނަ ދުވަސްވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވިނަރެސް ފްލެޓުން ވަކި އަދަދެއް ކަނޑައަޅަނީ

އިބްރާހިމް ޒަކީ

3

ސަރުކާރުން ކުރިއަށް ގެންދާ ވިނަރެސް ފްލެޓް ޕްރޮޖެކްޓުން، މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ހާއްސަކޮށް ވަކި އަދަދެއްގެ ފްލެޓް ކަނޑައަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ސަރުކާރުން މާލޭ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން އަތޮޅުތެރެއިން މާލެ އައިސްފައިވާ، ރަށުގައި ބޯހިޔާވަހިކަން ނެތް އަދި މާލޭންވެސް ގޮތެއް ނުފެނިފައި ތިބި މީހުންނަށް މާލެއިން ފްލެޓް ހޯދުމުގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި މިހާރު މަސައްކަތް ނިމެމުންދާ ވިނަރެސް ޕްރޮޖެކްޓްގެ ތެރެއިން އެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ހުޅުމާލެ ފޭސް ދޭއްގައި އިމާރާތް ކުރަމުންދާ ވިނަރެސް ފްލެޓްތައް، އެތަން އިމާރާތްކުރާ ފަރާތުން އަންނަ ޖުލައި މަހުގެ ތެރޭގައި އެޗްޑީސީއާ ހަވާލުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ފްލެޓްތަކުން ކޮންމެސް މިންވަރެއް، މާލޭގައި އުޅޭ ގިނަ ދުވަސްވީ އަތޮޅުތެރޭގެ ރައްޔިތުންނަށް ސަރުކާރުން ކަނޑައަޅާފައި އެބަ އޮތް ކަމަށާއި އެ އަދަދު އަދި ފައިނަލް ކުރެވިފައިނުވާތީ ސީދާ އަދަދާބެހޭ ތަފުސީލު މިވަގުތު ދެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ފްލެޓްތަކުގެ ބޮޑު ޕަސެންޓެއް ލިބޭނީ މާލޭ ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟