ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ދައުވާ ކުރަން ފޮނުވުމަށް ފަހު ކޯޓަށް ހުށަހަޅަން ބަޔާން ކޮށްފައިވާ މުއްދަތު ފާއިތުވި ފަހުން މައްސަލަ ކޯޓަށް ހުށަހެޅި ކަމަށް ބުނެ، ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ދައުވާ އުފުލައިފައިވާ ދެ މީހަކަށް ކުރާ ދައުވާތަކެއް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
"މަސްޖަރީ" ނަމަކަށް ކިޔާ ދޯންޏެއްގައި މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ތިބިކަމުގެ ތުހުމަތު ވަނީ ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު، (32އ) އަދި ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމް، (28އ) އަށެވެ.
އެ މީހުންގެ އިތުރަށް އަށް މީހަކު ހައްޔަރުކޮށް އެ އެންމެންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލައިފައެވެ. އަދި އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކެނަބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާވެސް އުފުލައިފައެވެ.
އެ މައްސަލައިގައި، ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ މުހައްމަދު އަކްރަމާއި މުހައްމަދު ޝަރީފްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާއަކީ މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ދައުވާތަކެއް ކަމަށް ކަނޑައަޅުއްވައިފައެވެ.
ކޯޓުން ބޭރުކޮށްލީ މުހައްމަދު އަކްރަމްގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި މުހައްމަދު ޝަރީފްގެ މައްޗަށް އުފުލާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި ކެނަބިސް ބޭނުން ކުރުމުގެ ދައުވާއެވެ.
އެ މައްސަލައިގައި ގާޒީ ހަސަން ސައީދު އިއްވެވި ހުކުމުގައިވަނީ، އެ ތިން ދައުވާވެސް މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައެޅުއްވީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު އިތުރު ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 94 ވަނަ މާއްދާގެ (ރ) އާ ހިލާފަށް ކަން ޝަރީއަތަށް ފާހަގަ ކުރެވިފައިވާތީއެވެ.
ގާޒީ އެ ގޮތަށް ނިންމެވީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ދިން ފުރުސަތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ތަހުގީގު ކުރި މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުނެ ދައުވާ ލިބޭ އެ ދެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ކުރި ބަހުސަށް ރިއާޔަތްކުރެއްވުމަށް ފަހުގައެވެ.
ކުރިމިނަލް ކޯޓުގެ އެ ނިންމުން އިސްތިއުނާފުކުރަން ނިންމާފައިވާކަން ހާމަކުރައްވައި ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު މިއަދު މީޑިއާތަކަށް ވިދާޅުވީ، މުހައްމަދު އަކްރަމް މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވިފަހުންކަން ބަޔާންކޮށް އެ މައްސަލައިގެ ދައުވާ ބާތިލުކުރަން ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.
އަދި މުހައްމަދު ޝަރީފުގެ މައްޗަށް ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހެކިތަކުގެ ތެރެއިން 45 ހެއްކެއް ބަލައިނުގަތުމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުންވެސް އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ޝަފީއު ވިދާޅުވިއެވެ.
"އިސްތިއުނާފުކުރުމަށް މާދަމާގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާނަން،" ޝަފީއު ވިދާޅުވިއެވެ.
ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި އެ މަސްތުވާތަކެތީގެ ފުލުހުން އަތުލައިގަތީ 2020 ވަނަ އަހަރުގެ ޑިސެމްބަރު ފަރިދީމަގުގައި ހިންގި އޮޕަރޭޝަނެއްގައެވެ. އެ 72 ކިލޯގެ މަސްތުވާތަކެތި ހުރީ ހަތަރު ދަބަހެއްގައި ފޮރުވައިފައެވެ. އެތަކެތީގެ މަގުމަތީ އަގަކީ 71 މިލިއަން ރުފިޔާކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.