އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގޯކުލަމް ކެރަލާ އެފްސީ ކައިރިން މޮޅުވެ، ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސްއިން އިންޓަ ޒޯނަލް ޕްލޭ އޮފް ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
މިއަދު ހަވީރު އިންޑިއާގެ ކަލްކަތާގެ ސޯލްޓްލޭކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އޮސްކާ ބްރޫޒޯންގެ ބަޝުންދަރާ ކިންގްސްއިން އިންޑިއާގެ ގޯކުލަމް ކެރެލާ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ބަޝުންދަރާ މިއަދު ހޯދި މޮޅާއެކު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވަނީ އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލަށް ދަތުރުކުރުމުގެ ދޮރު ބަންދުވެފައެވެ. މާޒިޔާއިން މިރޭ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށް ކުޅޭއިރު، އެ މެޗުން މޮޅުވިޔަސް ހެޑް ޓު ހެޑް ގަވާއިދަށް ބަލާއިރު އެއްވަނަ ނުލިބޭނެއެވެ. އެއީ ބަޝުންދަރާ އަތުން މާޒިޔާ ބަލިވެފައިވާތީއެވެ. މާޒިޔާ އިން މިރޭ އޭޓީކޭ ބަލިކޮށްފިނަމަ ނޫނީ މެޗު އެއްވަރުކޮށްފިނަމަ ބަޝުންދަރާއަށް އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލްގެ ޖާގަ ލިބޭ އިރު، ދެން ޕްލޭ އޮފް ބުރުގެ ފުރުސަތު އޮތީ މޯހަން ބަގާންއަށެވެ. އެޓީމަށް އަނެއް ބުރަށް ދާން ފުރުސަތު އޮތީ މިރޭ 8:00 ގެ މެޗުގައި މާޒިޔާ ބަލިކޮށްގެންނެވެ.
ގްރޫޕް ޑީގެ އެއް ވަނައިގައި ބަޝުންދަރާ އޮތީ ތިން މެޗުން ހަ ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު އޭޓީކޭ މޯހަން ބަގާންއެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާއެކު މާޒިޔާއެވެ.
މިއަދުގެ މެޗު ވަރުގަދަކޮށް ފެށީ ބަޝުންދަރާއިންނެވެ. މެޗުގެ ކުރީކޮޅުގައި އެޓީމުގެ ބްރެޒިލްގެ ފޯވާޑް، ރޮބީނިއޯއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ގޯކުލަމްގެ ގޯލްކީޕަރު ރަކްޝިތު ޑާގަރު މަތަކުރި އިރު، މެޗުގެ 22 ވަނަ މިނެޓުގައި ބަޝުންދަރާގެ ބްރެޒިލް މިޑްފީލްޑަރު މިގޭލް ފެރޭރާ ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ.
މޮޅަށް ކުޅެމުން ދިޔަ ބަޝުންދަރާއިން މެޗުގެ ލީޑު ނެގީ 36 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ރޮބީނިއޯއެވެ. ގޯކުލަމްގެ ދެ ޑިފެންޑަރުން ކައިިރިން ދެމިގަތުމަށް ފަހު ރޮބީނިއޯ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ބަޝުންދަރާއިން ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ފުޅާކުރިއެވެ. އެ ގޯލަކީ މެޗުގެ 54 ވަނަ މިނެޓުގައި ގެމްބިއާގެ ފޯވާޑް ނުހާ މުރޮންގް ޖެހި ގޯލެކެވެ.
މެޗުގައި ގޯކުލަމް ކެރަލާއިން ޖެހި ހަމައެކަނި ގޯލު، 75 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖެމެއިކާ ފޯވާޑް، ޖޯޑެން ފްލެޗާއެވެ.