ހިޔާ ފުލެޓު ސަރަހައްދުގައި ފުޑް ސްޓޯލުތަކެއް ބަހައްޓަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އެޗްޑީސީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، ހިޔާ ފުލެޓު ސަރަހައްދުގައި އަށް ފުޑް ސްޓޯލެއް ބަހައްޓަން ނިންމާފައިވާ ކަމަށާއި އެކުންފުނިން ފުޑް ސްޓޯލު ބަހައްޓަން ނިންމީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ސިއްހީގޮތުން ރައްކާތެރި ގޮތަކަށް އެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
އޮފިޝަލު ވިދާޅުވީ، ދެ މޮޑަލަކަށް ބަހާލައިގެން ފުޑް ސްޓޯލު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަތަރު ފުޑް ސްޓޯލެއް ހާއްސަ ކުރާނީ ހެދިކާ ވިއްކުމަށް ކަމަށާއި އެ ހަތަރު ސްޓޯލަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންނަށް ހެދިކާ ވިއްކަން މަގު ފަހިކޮށްދިނުމުގެ ގޮތުން ގާއިމުކުރާ ސްޓޯލުތަކެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އަނެއް ހަތަރު ސްޓޯލުގައި ވިއްކާނީ ތައްޔާރީ ކާނާ އާއި ލުއި ބުއިންތައް ކަމަށެވެ.
"އެޗްޑީސީން ބަރާބަރަށް މޮނިޓާކުރާނެ އެތަނުން ވިއްކާ ކާބޯތަކެއްޗާއި ސްޓޯލު އެޗްޕީއޭގެ މިންގަނޑާ އެއްގޮތަށް ހުރިތޯ،" އޮފިޝަލް ވިދާޅުވިއެވެ.
މިމަހުގެ 20 ވަނަ ދުވަހު އެޗްޑީސީން ވަނީ ހިޔާ ފުލެޓް ސަރަހައްދުގައި ހުއްދަ ނެތި ހިންގަމުން ގެންދިޔަ ގާޑިޔާތައް ނަގައިފިއެވެ.
އޭރު އެޗްޑީސީން ބުނެފައިވަނީ ކަމާގުޅޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ހިޔާ ފުލެޓު ސަރަހައްދުގައި ކާބޯތަކެތި ވިއްކުމުގެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.
ހުއްދަނެތި ހިންގަމުންދިޔަ ގާޑިޔާތައް އެޗްޑީސީން ނެގީ، ހިޔާ ފުލެޓް ސަރަހައްދަކީ ވަރަށް ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދަކަށްވާތީ، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތްދިނުމުގައި ހުންނަން ޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތައް ދަށްވެފައި، އެފަދަ ތަންތަނުން ދޭ ހިދުމަތްތަކުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ޝަކުވާ އެ ކުންފުންޏަށް ލިބެމުންދާތީއެވެ.