ޚަބަރު

6 ބާވަތެއްގެ މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށްދީފި

ރިފާ ހަލީލު

މަރުގެގެ ބާވަތްތަކު ތެރެއިން ހަ ބާވަތެއްގެ މަރުގެ މައްސަލައިގައި ޕޯސްޓުމޯޓަމް ހެދުމުގެ އިހުތިޔާރު ފުލުހުންނަށް ލިބޭ ގޮތަށް ޕޯސްޓުމޯޓަމް ހެދުމާ ބެހޭ ގަވާއިދެއް ހަދައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން މަރުގެ މައްސަލަތަކުގައި މަރުގެ ސަބަބު ދެނެގަތުމަށް ހަށިގަނޑު ޕޯސްޓުމޯޓަމަށް ގެންދިޔުމުގެ ބާރު ފުލުހުންނަށް ލިބިގެންވެ އެވެ.

މިއަދުން ފެށިގެން އަމަލުކުރަންފަށާފައިވާ ''މަރުގެ މައްސަލަތައް ތަހުގީގު ކުރުމަށް ފޯސްޓް-މޯޓަމް ހެދުމުގައި އަމަލުކުރާނެ އިޖުރާއަތުތަކުގެ ގަވާއިދު''ގައިވާ ގޮތުން އެކްސިޑެންޓްތަކާއި އިހުމާލުގެ ސަބަބުން މީހަކު މަރުވާ މައްސަލަތަކުގައްޔާއި ގަސްދުގައި މީހުން މެރުމާއި އަމިއްލަ އަށް މަރުވުމުގެ މައްސަލަތަކުގެ އިތުރުން ގޮތް ނޭނގެ މަރުތަކާއި ގުދުރަތީ މަރެއް ކަމާ މެދު ޝައްކު އުފެދޭ މަރުތަކުގައި ޕޯސްޓުމޯޓަމް ހެދިދާނެ އެވެ.

ގަވައިދުގައިވާ ގޮތުން ޕޯސްޓު މޯޓަމް އެގްޒޭމިނޭޝަން ހެދުމަށް ކޯޓު އަމުރެއް އޮންނަ ހާލަތުގައި، އެ އަމުރާ އެއްގޮތްވާ ގޮތުގެ މަތީން ޕޯސްޓުމޯޓަމް ހެދޭނެ އެވެ. ޕޯސްޓުމޯޓަމް ހެދުމަށް ހަށިގަނޑު އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭނީ މަރުވެފައިވާ މީހުން ލުމަށް ހާއްސަ ބޮޑީ ބޭގު ނުވަތަ ކެޑޭވާ ޕައުޗަކަށް ލައިގެން ކަމަށް ގަވައިދު ބުނެ އެވެ. އަދި އެފަދަ ހާއްސަ ބޭގެއް ލިބެން ނެތް ހާލަތެއްނަމަ، ޕޯސްޓުމޯޓަމަށް ގެންދަންޖެހޭނީ ސާފު ފޮތިގަނޑެއް ބޭނުންކޮށްގެން ކަމަށްވެސް ގަވާއިދު ބުނެ އެވެ.

ގަވައިދުގައިވާ ގޮތުން ހަށިގަނޑު އެއްތަނުން އަނެއްތަނަށް އުފުލައި ގެންގުޅުމުގައި އަމަލުކުރަންވާނީ، ހަށިގަނޑަށް އިތުރު ގެއްލުމެއް ނުލިބޭނެ ގޮތަށް، އަދި ހަށިގަނޑުން ލިބިދާނެ ހެއްކެއް ތަޣައްޔަރު ނުވާނެ ގޮތަކަށެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނު ނުވަތަ އެ ގާނޫނުން ބާރުލިބިގެން އެކުލަވައިލާ ފޮރެންސިކް ޕެތޮލޮޖީއާބެހޭ ގަވާއިދެއްގައި، ޕޯސްޓްމޯޓަމާ ގުޅޭ އިޖުރާއަތެއްގައި ފުލުހުން އަމަލުކުރަންޖެހޭ ވަކި ކަމެއް ބަޔާންކޮށްފައިވާނަމަ، އެގޮތުގެ މަތީން އަމަލު ކުރަންވާނެ ކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.

އެ ގަވާއިދު ބުނާގޮތުން ޕޯސްޓްމޯޓަމް ހެދޭނީ ދިވެހި ސަރުކާރުން އެކަމަށް ގަބޫލުކުރާ ރާއްޖޭގެ މަރުކަޒުތަކާއި ބޭރު ގައުމުތަކުގައި އެ ގައުމެއްގެ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުން އެކަންޏެވެ. އަދި އެ ގަވާއިދު ބުނާގޮތުން ޕޯސްޓްމޯޓަމް ހަދަން ހުއްދަ ދެވޭނީ ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިސްއަށެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަދަންޖެހޭ އިތުރު ތަހުލީލެއް ނެތް ނަމަ، މަރުވި މީހާގެ އާއިލާއާ އަވަހަށް ހަށިގަނޑު ހަވާލު ކުރަން ޖެހޭނެ ކަމަށް އެ ގަވައިދު ބުނެ އެވެ. އަދި ބިދޭސީއެއް ނަމަ، ހަށިގަނޑާ ހަވާލުވުމަށްޓަކައި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ގައުމެއްގެ އެމްބަސީއަށް އަންގަން އެ ގަވާއިދު ލާޒިމްކުރެ އެވެ.

ޕޯސްޓްމޯޓަމް އެގްޒޭމިނޭޝަން ހަދާ ހަށިގަނޑަކީ ކާކުކަން ދެނެނުގަނެވޭ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް:

  • * ކާކުކަން ދެނެގަތުމަށް ޓަކައި ހަށިގަނޑުން ނަގަންޖެހޭ އެންމެހައި ސާމްޕަލް ނެގުން؛
  • * ޕޯސްޓްމޯޓަމް އެގްޒޭމިނޭޝަން ހެދުމުގެ ކުރިން ހަށިގަނޑަށް އައިޑެންޓިފިކޭޝަން ނަންބަރެއްދީ، ޕޯސްޓްމޯޓަމް އެގްޒޭމިނޭޝަނާ ގުޅޭ އެންމެހައި މައުލޫމާތެއް އެ އައިޑެންޓިފިކޭޝަން ނަންބަރުގެ ދަށުން ރިކޯޑުކޮށް ބެލެހެއްޓުން.
  • * އިންސާނެއްގެ ހަށިގަނޑުގެ ބައެއް ޕޯސްޓްމޯޓަމް އެގްޒޭމިނޭޝަން ހަދާ ހާލަތުގައި،
  • އެ ހަށިގަނޑުގެ ބަޔަކީ ކާކުގެ ހަށިގަނޑުގެ ބައެއްކަން ޔަގީން ނުކުރެވޭނަމަ އަމަލުކުރަންވާނީ، ކާކުކަން ދެނެގަތުމަށް ހަށިގަނޑުން ނަގަންޖެހޭ އެންމެހައި ސާމްޕަލެއް ނަގައިގެން، ހަށިގަނޑަށް އައިޑެންޓިފިކޭޝަން ނަންބަރެއްދީ ރިކޯޑުކޮށްގެން.

މަރުގެ މައްސަލަތަކުގައި ޕޯސްޓްމޯޓަމް އެގްޒޭމިނޭޝަން ހެދޭ ހަށިގަނޑަކީ ކާކުކަން ދެނެގަނެވިފައި ނުވާނަމަ، އެ ފަރާތަކީ ކާކުކަން ދެނެގަތުމަށް ބޭނުންވާނެ އެންމެހައި މައުލޫމާތާއި، އެފަދަ ފަރާތްތަކުގެ ޕޯސްޓްމޯޓަމް އެގްޒޭމިނޭޝަނާ ގުޅޭ އެންމެހައި މައުލޫމާތު ހިމެނޭ ޑޭޓާބޭސްއެއް، ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމުކުރަންވާނެ ކަމަށްވެސް އެ ގަވައިދުގައި ބުނެފައިވެ އެވެ.