ޚަބަރު

6 މޭގެ ހަމަލާ: ކޮމިޓީގެ ރެކޮމެންޑޭޝަންތައް ސަރުކާރުން ތަންފީޒު ކުރޭތޯ ބަލަން ބޭއްވި ބައްދަލުވުން ސިއްރު

އިބްރާހިމް ޒަކީ

މިއަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ އައިއީޑީއެއް ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހުށަހެޅި ރިޕޯޓީގައި ހިމެނޭ ރެކޮމެންޑޭޝަންތައް ސަރުކާރުން ތަންފީޒު ކުރަމުން އަންނަ ގޮތާމެދު މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ހައެއް މެއިގެ މައްސަލަ ދިރާސާކޮށް ޓޫފޯވަން ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓުގައި 45 ރެކޮމެންޑޭޝަނެއް ހިމަނާފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

މަހެއްހާ ދުވަހުގެ މަސައްކަތުން ނިންމާލި އެ ރިޕޯޓުން އާންމު ކޮށްފައިވަނީ 271 ސޮފުހާއެވެ. އެ ރިޕޯޓުގައި ބޮޑެތި ތުހުމަތުތަކަކާއި ނަޝީދަށް ސެކިއުރިޓީ ދިނުމުގައި ބޮޑެތި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ފުރިހަމައަށް މަސްއޫލިއްޔަތު އަދާކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓުގައިވެއެވެ.

ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިނުމަށް ވެފައިވާ ތައްޔާރީތަކާއި ހަމަލާގެ ކުރިން ވެފައިވާ ކަންކަމާއި ހަމަލާދިން ދުވަހު ހިނގައިދިޔަ ހުރިހާ ކަމެއްގެ އިތުރުން ހަމަލާގެ ފަހުންވެސް ހިނގައިދިޔަ ހުރިހާ ކަމެއް ވަރަށް ތަފުސީލުކޮށް ރިޕޯޓުގައި ހިމަނާފައިވެއެވެ.

ރިޕޯޓުގައި ހިމެނޭ ރެކޮމެންޑޭޝަންތައް ސަރުކާރުން ތަންފީޒު ކުރަމުން އަންނަ ގޮތާމެދު މަޝްވަރާ ކުރުމުގެ އިތުރުން، ވީއައިޕީ ސެކިއުރިޓީ ދިނުމުގެ އުސޫލު ދިރާސާ ކުރި ސަބް ކޮމިޓީން ތައްޔާރު ކޮށްފައިވާ ކަރުދާހާމެދު މަޝްވަރާ ކުރަށްވެސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.