ޚަބަރު

އީސީގެ ދަފުތަރާ އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރު އެކުލަވައިލަން އެދިއްޖެ

މުހައްމަދު އިޝާން

އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރާ އެއްގޮތަށް ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފުތަރު އެކުލަވައިލަން އެ ކޮމިޝަނުން އެދިއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި، ވަކި ޕާޓީއަކަށް ރަޖިސްޓްރީ ވެފައިވާ މީހަކު އޭނާ ރަޖިސްޓްރީ ވެފައިވާ ނޫން ޕާޓީތަކުގެ ޕްރައިމަރީގައި ވޯޓުލާ ކަމަށެވެ.

"އަޅުގަނޑަށް ފާހަގަކުރެވޭ ކަމަކީ، އެހެން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ މީހުން ވެސް އެބައުޅޭ ޕާޓީތަކުގަ. މިސާލަކަށް އެބައުޅޭ ހަމަ އެމްޑީޕީގެ ޕްރައިމަރީއެއްގަ ވެސް ވޯޓުލާމީހުން ޕީޕީއެމްގެ ޕްރައިމަރީއެއްގައި ވެސް ވޯޓުލާނެ. އަދި ޖުމްހޫރީ ޕާޓީއެއްގެ ޕްރައިމަރީއެއް ބާއްވައިފިއްޔާ އެޕާޓީގަ ވެސް ވޯޓުލާ ބަޔަކު އެބައުޅޭ އެކަމަކު އިލެކްޝަންގައި އޮންނާނީ ކޮންމެވެސް އެއްޕާޓީއެއް ނަމުގަ." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެފަދަ ކަންކަން ރަނގަޅު ކުރެވޭނީ އީސީގެ ދަފުތަރާ އެއްގޮތަށް ސިޔާސީ ޕާޓީތަކުން ވެސް ދަފުރަތު އެކުލަވައިލުމުން ކަމަށެވެ. އަދި ފުއާދު ވަނީ އީސީގެ ދަފުތަރާ އެއްގޮތަށް ޕާޓީތަކުގެ ދަފުތަރު ބައްޓަންކުރުމަށް އެދިވަޑައިގެންފައެވެ.

"އަޅުގަނޑަށް ހީވަނީ ކޮންމެވެސް ހިސާބަކުން އެބަވޭހެން މި އިލެކްޝަން މިއޮތް އަދަދާ ހަމައަށް އެ ބޭފުޅުންގެ ބައިތިރިކޮށްލައްވަ ދެއްވަން." ފުއާދު ވިދާޅުވިއެވެ.

ޕާޓީގެ ދަފުތަރާއި އީސީގެ ދަފުތަރާއި އެއްގޮތް ނުވުމުގެ ސަބަބުން ޝަކުވާ ލިބޭ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. އެފަދަ ޝަކުވާތައް ހުށަހެޅުނަސް އީސީއަށް އެކަމަށް އިޖާބު ނުދެވޭނެ ކަމަށާއި އެފަދަ ޝަކުވާތަކާ ގުޅިގެން ޖަވާބުގައި ދަންނަވަނީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އީސީގެ ރޯލެއް ނޯންނަ ކަމަށާއި، އެތެރޭގެ އިންތިހާބުގެ ކަންތައް ބަލަހައްޓަނީ އެ އިންތިހާބެއް ބާއްވާ ޕާޓީއަކުން ކަމަށެވެ.

ފުއާދު ވިދާޅުވީ، އެތެރޭގެ އިންތިހާބަކާ ގުޅިގެން އީސީގެ ދަފުތަރު ހޯދަން ޕާޓީއަކުން އެދިއްޖެނަމަ ދަފުތަރު ފޯރުކޮށްދޭނެ ކަމަށާއި، އިންތިހާބާއި ގުޅޭ ކަންކަމުގައި އެހީތެރިކަމަށް އެދިއްޖެނަމަ އެކަމެއް ވެސް ކޮށްދެއްވާނެ ކަމަށެވެ.

"ދެން އަނެއްކާ އެޕާޓީތަކުގެ ނުހިމެނޭ މީހުން ބައެއް ޕާޓީތަކުގެ ހުރީމަ ވެސް ބައެއް ކަހަލަ ޝަކުވާ އާދޭ. ބައެއް މީހުން ހަމަ އެބުނޭ މިސާލަކަށް ތިމަންނަމެންގެ ޕާޓީގަ އަދަދުން މިދައްކަނީ މިވެނިވަރެކޭ. ޕާޓީން އެބަބުނެޔޭ އޭގެ ދެ ގުނަ އެބައޮންނަ ކަމަށް، އެހެންވީމާ ވާގޮތަކީ ތިމަންނަމެންގެ ކެންޑިޑޭޓު ތިމަންނަމެން ސައްހަކޮށްތިބި މެންބަރުން ވޯޓުލާއިރު އަދި މިސާލަކަށް އަނެއް ކެންޑިޑޭޓަކަށް އެބަލައޭ އެހެން ދިމާލަކުން އަންނަ މީހުން." ފުއާދު ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުތައް ކައިރި ކައިރީގައި ބާއްވަން ޖެހުމުން ބޮޑު ހަރަދެއް ކުރަން ޖެހޭތީ އެކަމަށް ހައްލު ހޯދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށާއި، އެޓާނީ ޖެނެރަލް އަދި ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ. ފުއާދު ވިދާޅުވީ އިންތިހާބުތައް ބާއްވަންވީ މުއްދަތާއި ބާއްވަންވީ ގޮތަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެއާ ހިލާފަށް އަމަލުކުރަން ބޭނުންނުވާ ކަމަށެވެ.

"ގޮނޑިއެއް ހުސްވާތާ 60 ދުވަސް ތެރޭގައި އިންތިހާބެެއް ބާއްވަން ޖެހޭނޭ އޮންނާތީ އަޅުގަނޑުމެން 60 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން އެބަޖެހޭ، އަނެއް އިންތިހާބު ދެ ހަފުތާ ފަހުން ބާއްވަން ޖެހުނަސް. މީތި ލަހެއް ނުކުރެވޭ މިއާ އެއްކޮށެއް ބާއްވާކަށް. ދެން އަނެއްކާ ވޯޓު ކަރުދާހުގައި ހުންނަން ޖެހޭ ސެކިއުރެޓީ ފީޗާސްތައް ވެސް ވަކި ގޮތަކަށް ހުންނަން ޖެހޭނެކަމަށް ކަނޑައަޅައިފައި އެބައޮވޭ ސުޕްރީމް ކޯޓުން ވެސް އަންގަވާފައި އެބައޮވޭ. ކުލަކޮށް ހުންނަން ޖެހޭނެކަމާ، އޭގަ ސެކިއުރެޓީ ފީޗަސް ހުންނަން ޖެހޭނެކަމާ، އަނެއްކާ އެއްޗެހީގެ ތެރެއިން ގިނަ އެއްޗެހި މިވަނީ ގާނޫނެއްގެ ތެރެއަށް ވަދެފަ. މިސާލަކަށް 150،000 ރުފިޔާ އެއީ އަޅުގަނޑުމެން ހިސާބު ހަދާލިއިރު އަންނަވަރު، މިހެން ދެންނެވިޔަސް އެންމެ އުތުރަށް ނޫނީ އެންމެ ދެކުނަށް ހިސާބެއްގައި ބާއްވަން ވެއްޖިއްޔާ އެ ހިނގައިދާނެ 200،000 ރުފިޔާ ވެސް ގާތަށް. މާލެ އަތޮޅު ކަހަލަ ކައިރި ހިސާބެއްގައި އޮތިއްޔާ 100،000 ކުޑަވެސް ވެގެން އެބަދޭ، އެކަމަކީ އެވަރަޖަކީ 150،000 އެބައަރާކަން" ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، އިންތިހާބެއް ބޭއްވުމަށް ކުރަންޖެހޭ ހަރަދުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ހަރަދުކުރަން ޖެހޭނީ ވޯޓު ކަރުދާސް ތައްޔާރު ކުރުމަށް ކަމަށެވެ. 150،000 ރުފިޔާގެ ތެރެއިން 75،000 ރުފިޔާ ހަރަދުވަނީ ވޯޓު ކަރުދާހަށް ކަމަށް ފުއާދު ވިދާޅުވިއެވެ. އެހާވަރަށް އަގުބޮޑުވަނީ ވޯޓު ކަރުދާހުގައި ސެކިއުރެޓީ ފީޗާސް ހިމަނަން ޖެހޭތީކަން ފުއާދު ފާހަގަ ކުރެއްވިއެވެ.

"ބައެއް ގައުމުތަކުގެ ކަރަންސީވެސް ނުހުންނާނެ މިހާ ސެކިއުރެޓީ ބޮޑުކޮށެއް." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ސެކިއުރެޓީ ފީޗާސްތަކުގެ ބަދުލުގައި ކުލަތަކެއް ހިމެނުމަށް ނުވަތަ ތައްގަޑެއް ޖެހުމާމެދު ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރެއްވި ކަމަށާއި، ނަމަވެސް ޕާޓީތަކުން އެކަމާ އެއްބަސްނުވި ކަމަށެވެ. މީގެ އިތުރުން ފުއާދު ވިދާޅުވީ، އިންޑިއާ، ބަންގްލަދޭޝް، ޕާކިސްތާން އަދި ސްރީލަންކާގައި ސެކިއުރެޓީ ފީޗާސް ގޮތުގައި ވޯޓު ކަރުދާހުގައި ބެނުންކުރަނީ ތައްގަޑެއް ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިސްނައިވަޑައިގަތުމަށް ވެސް ފުއާދު ވަނީ އެދިވަޑައިގެންފައެވެ.

މަޖިލީހުގައި އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ކައިރި ކައިރީގައި ބާއްވަން ޖެހުމުން އެ ކޮމިޝަންގެ ބަޖެޓު ހުސްވާން ކައިރިވެފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް އީސީން 21 އިންތިހާބަކަށް 2.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.

ފުއާދުގެ މަޖިލީހުގައި ފާހަގަކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯ އަފްޝަން ލަތީފު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތައް ގިނަވެ އީސީގެ ބަޖެޓަށް ބުރަވާތީވެ އަތޮޅު ކައުންސިލްތަކުގެ ބަޖެޓުން އެ ކަން ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ހުށަހެޅުމަށް ނިންމަވައިފައިވާ ކަމަށެވެ.

އަފްޝަން ވިދާޅުވީ، ބައި އިލެކްޝަންތައް އީސީން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި ކައުންސިލްތަކަށް ދޫކޮށްލަން ފެނިވަޑައިގަންނަވާ ކަމަށެވެ.