ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރި ކުރި މީހަކު އުމުރަށް ޖަލަށް

މުހައްމަދު އިޝާން

ކެނަބިސް ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ދެހާސް ސަތާރަވަނަ އަހަރު މ. ސޭންޑީހޮލޯގޭގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަހުމަދު އާރިފު ބަލައިފާސްކުރި އިރު އޭނާ ލައިގެން ހުރި ސޯޓުގެ ކަނާތްފަރާތުގެ ޖީބުން 15.1309 ގްރާމްގެ ކެނަބިސް ހުރި ފިލްމުހުސްކުރި ދަޅެއް ވަނީ ފެނިފައެވެ. އަދި ކޮޓަރީގެ އެދުމަތީގައި ބޮޑިކޮށްފައިވާ ޓިޝޫއަކުން ވަނީ 0.2830 ގްރާމް ކެނަބިސް ފެނިފައެވެ. އަދި އެ ކޮޓަރީގެ އަލަމާރިމަތިން ފުލުހުންނަށް ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 0.0875 ގްރާމް ހުއްޓެވެ.

އެހެންވެ ދައުލަތުން ވަނީ އާރިފުގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ 2017 ވަނަ އަހަރުގެ މާޗު މަހުގެ 19 ވަނަ ދުވަހު ކޮށްފައެވެ.

ދައުވާއަށް ޖަވާބުދާރީވަމުން އާރިފު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ދައުލަތުން ވަނީ އާރިފުގެ މައްޗަށް ކުށް ސާބިތުކުރުމަށް ހަ ފުލުހެއްގެ ނަން ޝަފަވީ ހެކިންގެ ގޮތުގައި ހުށަހަޅައިފައެވެ. އެއީ ސީނަށް ދިޔަ ފުލުހުންނާއި ކޮޓަރިން ފެނުނު މަސްތުވާތަކެތި ތަހުލީލު ކުރި ފުލުހުންނެވެ.

އޭގެ ތެރެއިން ސީނަށް ހާޒިރުވި ތިން ފުލުހުން ހެކިބަސް ދެމުން ބުނެފައިވަނީ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އާރިފުގެ ތަކެތި ކަމަށް އޭނާ ކޮޓަރީގައި ހުރެ އެއްބަސްވެފައިވާ ކަމަށާއި ދައުވާގައި ފާހަގަކޮށްފައިވާ ތަންތަނުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މައްސަލައިގެ ހުލާސާ ބަޔާނުގައި އާރިފުގެ ފަރާތުން ބުނެފައިވަނީ، ފުލުހުން އާރިފު ހައްޔަރުކުރީ ގާނޫނީ އިންޒާރު ދިނުމެއް ނެތި ކަމަށާއި މައްސަލައިގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާ ކަމަށެވެ. އަދި ހައްޔަރު ފޯމުގައި ވެސް ގާނޫނީ އިންޒާރު ދީފައިނުވާކަން ފާހަގަ ކުރިއެވެ.

ދައުލަތުގެ ފަރާތުންނާއި ދިފާއުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކުރުމަށްފަހު ޝަރީއަތުން ހުކުމްކުރީ އާރިފުގެ މައްޗަށް ކެނަބިސް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވާތީ 25 އަހަރަށް ޖަލަށްލައި 100،000 ރުފިޔާއިން ޖޫރިމާނާ ކުރުމަށެވެ. އެގޮތަށް ހުކުމްކުރީ، ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާތަކުން އާރިފު ކުށްކުރިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާތީއެވެ.

އާރިފުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް ތަންފީޒު ކުރަން ޖެހޭނީ 22 އަހަރާއި ހަ މަހާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ އޭނާ ޝަރީއަތް ނިމެންދެން ދެ އަހަރާއި ފަސް މަހާއި 16 ދުވަސް ވަންދެން ޖަލުގައި ހުރުމުންނެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އަލީ އާދަމްއެވެ.