މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް މީހުން ގެންދިއުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަނަށް އެކަނި ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއަށް ލިބިފައިވަނީ 453 ކޯޓާކަމުގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ރަސްމީކޮށް އަންގާފައިވާ ކަމަށެވެ.
"އެހެންކަމުން 1443 (2022) ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކުން ހުޅުވާލައިގެން، ޕްރޮޕޯސަލް ހުށަހަޅައި، އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތުމާ އެކު މިހާރުގެ ހާލަތައް ރިއާޔަތްކޮށް، ރާއްޖެއަށް ލިބިފައިވާ ކޯޓާއަށް 1443 ވަނަ އަހަރު ހައްޖަށް މީހުން ގެންދިޔުމަށް ސަރުކާރުން ކަނޑައަޅާފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑް،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއަށް ލިބިފައިވާ 453 ކޯޓާގެ ތެރެއިން 100 ކޯޓާ އާންމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާ ވަނީ މިނިސްޓްރީން ހަވާލުކޮށްފައެވެ. ނަމަވެސް އެ 100 ކޯޓާއަށް ކުރިން ކިޔުގައި ތިބި މީހުންނަށް ވެސް ކުރިމަތިލެވޭނެއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިރޭ "ވަން"އަށް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަށް ދީފައިވާ ކޯޓާގެ ތެރެއިން 353 ކޯޓާ ހާއްސަ ކުރާނީ ކުރިން ހައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ މީހުންނަށާއި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، 100 ކޯޓާގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލު ހައްޖު ކޯޕަރޭޝަނުން އާންމު ކުރާނެ ކަމަށެވެ.
އިތުރު ކޯޓާ ހޯދުމަށް ސައުދީ ސަރުކާރާއެކު މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު