ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުން ނިމުމަކަށް ގެނައުމަށް ވަރަށް އަވަހަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ނައިބު ރައީސް އާދަމް ޝަރީފް ވަނީ އާންމުންނަށް ނޭނގި ޕާޓީ ބަދަލުވާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން މިއަދު މަޖިލީހަށް ހުށަހަޅުއްވައިފައެވެ. ނަމަވެސް އެ މައްސަލައަށް ބަހުސް ނުކޮށް ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ، އާންމުންނަށް ނޭނގި ޕާޓީތަކަށް ވެއްދުމާއި ވަކިކުރަމުންދާތީ ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތްކުރަން ބޭނުންވާ މީހުންގެ ހައްގުތައް ގެއްލޭ ކަމަށާއި އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލިބޭ އިމްތިޔާޒުތަކާ ބީރައްޓެހި ކަމެއް ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ، ވާނުވާ ނޭނގި ޕާޓީ ބަދަލުވާތީ ބައެއް ސިޔާސީ ޕާޓީތަކަށް ނުހައްގު މާލީ ފައިދާ ލިބޭ ކަމަށެވެ. އެހެންވެ ގިނަ ޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ރިޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަގު ފޯމު ހުށަހެޅުން ނުހުއްޓިގެން އުޅެނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޭތީ ކަމަށެވެ.
"ޕާޓީތަކުގެ ދަފުތަރު ބަލައިގެން އިލެކްޝަންސް ކޮމިޝަނުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން ފައިސާ ދޭހާ ދުވަހަކު މިކަން މިގޮތަށް ހިނގާނެ. ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ނިމުމަކަށް ގެނައުމަށް ގާނޫނޫ އިސްލާހުކުރަން މޯލްޑިވްސް ނެޝަނަލް ޕާޓީން ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން،" ރިޔާޒް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވަނީ ދައުލަތުގެ ކޮންމެ އަހަރެއްގެ ބަޖެޓުގެ 0.1 ޕަސެންޓް ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހޭނެ ކަމަށެވެ. އެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކަށް އެ ފައިސާ ލިބޭނީ އީސީގެ ދަފްތަރުގައި 10،000 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ޕާޓީތަކަށް އެކަންޏެވެ. ދައުލަތުގެ ބަޖެޓުން މިއަހަރު ވަނީ ސިޔާސީ ޕާޓީތަކަށް ޖުމުލަ 30.2 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
- އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)
- ޕީޕީއެމް: 9.4 މިލިއަން ރުފިޔާ (34،237 މެމްބަރުން)
- ޖުމްހޫރީ ޕާޓީ: 5.53 މިލިއަން ރުފިޔާ (20،107 މެމްބަރުން)
- އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެމްބަރުން)
ޚަބަރު
ޚަބަރު
ޚަބަރު