އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު، ހ. ދޫވެހީގައި ދެމި އިންޑިއާ އައުޓް ބެނާ ނެގުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެ ބެނާއަކީ ކުށުގެ ހެކި ކަމަށް ފުލުހުން ބުނާއިރު އެ ހެކި ނަގައި ނައްތާލަން އެންގީ ކީއްވެގެންތޯ ހައިކޯޓުގެ ފަނޑިޔާރު ފުލުހުންނާ ސުވާލު ކުރައްވައިފިއެވެ.
ބެނާ ނެގުމަށް ކުރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރު ބާތިލުކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މިއަދު އޮތީ އެ މައްސަލައަށް ދައުވާއަށް ދައުލަތުން ޖަވާބުދާރީ ވުމެވެ.
މިއަދުގެ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ހައިކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ދައުލަތަށް އަމާޒުވިއެވެ.
ކުރިމަނަލް ކޯޓުން ނެރުނު އަމުރަކީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ކަނޑައެޅިގެން ހިލާފު އަމުރެއް ކަމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރެވޭނީ ގާނޫނަކުންކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެފައިވާއިރު، ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ގާނޫނެއް އެބައޮތްތޯ ހައިކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހަސަން ޝަފީއު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ އެފަދަ ގާނޫނެއް ނެތް ކަމަށެވެ. އަދި އެފަދަ ގާނޫނެއް ނެތީސް އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ ތެރެއަށް އެގޮތަށް ދަމާލާ ބެނާއެއް ވަންނަނީ ކިހިނެއްތޯ ވެސް ބެންޗުން ސުވާލު ކުރެއްވިއެވެ.
އެސުވާލުތަކާ ގުޅިގެން ޕީޖީ އޮފީހުގެ ޕަބްލިކު ޕްރޮސިިއުޓާ ހުސެއިން ސާމީ، ޖަވާބު ދެއްވުމަށް އެދިވަޑައިގެންނެވީ މި އަޑުއެހުމުގައި ބައިވެރިވި ފުލުހުންގެ ކިބައިންނެވެ. އެސުވާލަށް ފުލުުހުން ޖަވާބެއް ނުދިނެވެ. އަޑުއެހުމުގައި ބައިވެރިވި ފުލުސް އޮފިސަރު ވިދާޅުވީ، ފަނޑިޔާރު ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް ދެވެން ނެތް ކަމަށެވެ.
ގާނޫނުލް އުގޫބާތު އޮތްގޮތުން މިފަދަ ކުށްތަކުގެ ޝަކުވާ އަންނަން ޖެހޭނީ ކޮން ބައެއްގެ ފަރާތުންތޯ ބެންޗުން ކުރެއްވި ސުވާލަށް ދައުލަތުން ބުނީ ޝަކުވާ އަންނަންޖެހޭނީ އާންމުންގެ ފަރާތުން ކަމަށެވެ. އެ ޖަވާބާ ގުޅިގެން ބެނާއާބެހޭ ޝަކުވާ ކުރީ ކޮން ފަރާތަކުންތޯ ބެންޗުން ސުވާލު ކުރެއްވިއެވެ.
ޖަވާބު ދެމުން ފުލުހުން ބުނީ، އާންމު އުސޫލުން އެފަދަ ޝަކުވާ އަންނަން ޖެހެނީ އާންމުންގެ ފަރާތުން ކަމަށްވިޔަސް، މި މި މައްސަލައަކީ އަމިއްލަ އިސް ނެގުމުގައި ފުލުހުން ބަލާ މައްސަލައެއްކަމަށެވެ.
އަމުރަށް އެދުނުއިރު ހުރީ ކޮން ހެއްކެއްތޯ ބެންޗުން ސުވާލު ކުރެއްވުމުން، ފުލުހުން ބުނީ ބެނާތައް ނަގަން އެންގި އެންގުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށެވެ.
އެ ބެނާއަކީ ކުށަކާ ގުޅުންހުރި ހެއްކަކަށްވާއިރު، އެ ބެނާ ނަގައި ނައްތައިލުމަށް އެންގީ ކީއްވެތޯ ބެންޗުން ސުވާލު ކުރިއެވެ. އަދި އެ ބެނާ ނެގުމަށް އަންގާފައި އޮތީ ފުލުހުންނާ ހަވާލު ކުރަންނޫން ކަމަށާއި، އެގޮތަށް އަންގާފައި، އެއީ ހެއްކެއް ކަމަށް ބުނާއިރު އެ ދެކަންތައް ދިމާނުވާ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ. އަދި އެގޮތަށް އަންގައިގެން އެފަރާތުން އަމިއްލައަށް ބެނާ ނެގި ނަމަ، ދެން ވާނީ ކިހިނެއްތޯ ވެސް ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
"މީހަކު ކުށެއް ކުރާކަމުގެ ހެކި ތި ބޭފުޅުންނަށް ފެނުނީ. ފެނުނީމަ ތި ބޭފުޅުން ތި އަންގަނީ އެ ބޭފުޅާ އެ ހެކި ނަގާށޭ އަމިއްލައަށް. އެ ބުނެވެނީ ކީކޭތޯ؟ ހެކި ނައްތާލާށެކޭ ނޫންތޯ އެ ބުނެވެނީ،" ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
އެކި ފަހަރުމަތިން އެކަމާބެހޭގޮތުން ފަނޑިޔާރު ކުރެއްވި ސުވާލަށް ޖަވާބު ދެމުން ފުލުހުން ބުނީ މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށެވެ. އެހެންކަމުން އެކަމާބެހޭ އިތުރު ހެކި ހުރެދާނެ ކަމަށެވެ. އަދި ކޯޓުއަމުރަށް އެދުނީ ބެނާ ނަގަން އެންގުމުން އެއަށް އަމަލު ނުކުރުމަކީ ކުށެއް ކަމަށް ބަލައިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ ބެނާ ދަމާފައި ހުރި ރައީސް ޔާމީންގެ ގެކޮޅު ދޫވެހީގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން މިއަދު ވަނީ ނިންމާލައިފައެވެ. ދެން އޮންނާނީ މި މައްސަލައާބެހޭގޮތުން ހައިކޯޓުން ގޮތެއް ކަނޑައެޅުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު