އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތައް މިރޭ ކުޅުނު އިރު، ފަހަތުން އަރައި އެސްޓޮން ވިލާ ބަލިކޮށް، މެންޗެސްޓާ ސިޓީން ލީގު ތަށި ދިފާއުކޮށްފިއެވެ.
ސިޓީ ދަނޑުގައި ކުޅުނު މެޗުގައި މިރޭ އެޓީމުން އެސްޓޮން ވިލާ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މިއީ ސިޓީން އިނގިރޭސި ޗެމްޕިއަންކަން ހޯދި އަށްވަނަ ފަހަރެވެ. އަދި ޕްރިމިއާ ލީގުގެ އެރާގައި އެޓީމު ވަނީ ހަ ތަށި ހަމަކޮށްފައެވެ. ސިޓީން ލީގު ތަށި ދިފާއުކޮށް އެޓީމު ވަނީ 2017-18 އަދި 2018-19 ވަނަ އަހަރުގެ ކާމިޔާބީ ތަކުރާރު ކޮށްފައެވެ. އެއީ ޖެހިޖެހިގެން ދެ ސީޒަނުގައި ތަށި ނަގައިގެންނެވެ.
ލީގުގެ ފަހު މެޗުތައް މިރޭ ކުޅެފައިވާ އިރު، މިރެއާ ހަމައަށްވެސް އެއްވެސް ޓީމަކަށް ލީގު ޔަގީން ވެފައެއް ނުވެއެވެ. ލީގު ރޭހުގައި ވާދަކުރަން އޮތީ ލިވަޕޫލާއި މެންޗެސްޓާ ސިޓީއެވެ. މިރޭގެ މެޗުތައް އެއް ގަޑިއެއްގައި ކުޅެފައިވާ އިރު، މެޗުތަކަށް ނުކުތް އިރު އަމިއްލަ ބާރުގައި ތަށި ނެގެން އޮތީ ސިޓީއަށެވެ. މިރޭ ސިޓީން އެސްޓޮން ވިލާއާ ދެކޮޅަށް ނުކުތް އިރު، ސިޓީއަށް 37 މެޗުން ލިބިފައި ވަނީ 90 ޕޮއިންޓެވެ. ލިވަޕޫލް ދެވަނައިގައި އޮތީ 37 މެޗުން 89 ޕޮއިންޓާ އެކުގައެވެ.
ޕްރިމިއާ ލީގުގެ ފަހު ދުވަހާ ހަމައަށް ތަށި ލިބޭނެ ޓީމެއް ޔަގީންނުވެ އޮތުމުން މިރޭގެ މެޗުތައް އޮތީ ޝައުގުވެރި ކޮށެވެ. ހާއްސަކޮށް ސިޓީއަށް ލީގު ތަށި ދިފާއުކުރެވޭނެތޯ، ނޫނީ ލިވަޕޫލުން ސީޒަނުގެ ތިންވަނަ ތަށި ހޯދާނީތޯ ކުރެވޭ ސުވާލު އޮތީ ސަޕޯޓަރުންނަށް ޝައުގުވެރިވެފައެވެ.
މެޗުތައް ފެށިގެން ފުރަތަމަ ފެނުނީ ލިވަޕޫލް ކޮޅަށް ވުލްވްސްއިން ގޯލެއް ޖެހިތަނެވެ. މެޗުގެ ތިންވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ވުލްވްސްއަށް ލީޑު ނެގައިދިން އިރު، ސިޓީން ކުޅުނު މެޗުގައި ގޯލެއް ނުޖެހިގެން އުޅެނިކޮށް ދެންވެސް ފެނުނީ ލިވަޕޫލް މެޗުގައި ގޯލު ޖެހިތަނެވެ. ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށް އުންމީދު ދެމެހެއްޓީ ސަޑިއޯ މާނޭ ޖެހި ގޯލުންނެވެ.
ލިވަޕޫލުން ތަށްޓަށް ކުރަމުންދާ އުންމީދަށް އިތުރު ހިތްވަރެއް ގެނުވީ ހާފު ނިމުމުގެ ކުރިން ސިޓީ ކޮޅަށް އެސްޓޮން ވިލާއިން ގޯލު ޖެހުމާ ގުޅިގެންނެވެ. އެ ގޯލު ޖެހީ މެޓީ ކޭޝްއެވެ. އެ ގޯލާއެކު ލީގު ތަށީގެ މަންޒަރަށް ކުޑަ ބަދަލެއް އައެވެ. އެހެން ނަމަވެސް ދެ މެޗުގެ ހާފު ނިމުނު އިރުވެސް ސިޓީ އޮތީ އެއްވަނައިގައެވެ. އެއީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ދެ މެޗުގެ ފަހު ހާފުވެސް ފެނުނީ ޕްރެޝަރު ކޮށެވެ. ސިޓީ އާއި ލިވަޕޫލުންވެސް ދިޔައީ ގޯލަކަށް މަސައްކަތް ކުރަމުންނެވެ. ސިޓީ މެޗުގެ ދެވަނަ ހާފުގައި އެޓީމަށް އަނެއްކާވެސް ހާލަތު ގޯސްވިއެވެ. ފިލިޕް ކުޓީނިއީ ޖެހި ހިތްގައިމު ގޯލަކާއެކު އެސްޓޮން ވިލާއިން ދެ ގޯލުގެ ލީޑެއް ނެގިއެވެ. އެހިސާބުން ދެން އޮތީ ލިވަޕޫލަށް ފުރުސަތު ބޮޑުވެފައެވެ. ލިވަޕޫލް ވުލްވްސްއާ އެއްވަރުވަމުން ދިޔައީ 1-1 އިންނެވެ. ބޭނުން ވެފައި އޮތީ އެންމެ ގޯލެކެވެ.
ލިވަޕޫލަށް އެ ގޯލު ނުޖެހިގެން އުޅެނިކޮށް ސިޓީން އުންމީދު އާކުރުމަށް ގޯލެއް ޖެހިއެވެ. ސިޓީން ވިލާ ކޮޅަށް ޖެހި ފުރަތަމަ ގޯލު ޖެހީ އިލްކޭ ގުންޑޮގަންއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ރޮޑްރީ ޖެހި ގޯލާއެކު ސިޓީން ތަށި ދިފާއުކުރިއެވެ. އެއިރުވެސް ލިވަޕޫލް އޮތީ އެއްވަރު ވެފައެވެ. ލިވަޕޫލުން ދިޔައީ ތިން ޕޮއިންޓަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
ލިވަޕޫލުން ލީގަށް ކުރަމުން އައި އުންމީދަށް ސިޓީން ނިމުން ގެނުވީ ނަތީޖާ އެއްކޮށް އަނބުރާލައިގެންނެވެ. މެޗުގެ 81 ވަނަ މިނެޓުގައި ސިޓީން ލީގު ޔަގީންކުރި ގޯލު ޖަހައިދިނީވެސް ފުރަތަމަ ގޯލު ޖެހި ގުންޑޮގަންއެވެ.
އޭގެ އިރުކޮޅެއް ފަހުން ލިވަޕޫލުން ކުޅުނު މެޗުގައި މުހައްމަދު ސަލާހް ޖެހި ގޯލުން ލިވަޕޫލް ލީޑު ނެގި ނަމަވެސް، ތާވަލުގައި އެޓީމަށް ސިޓީ ޖަހައެއް ނުލެވުނެވެ. ލިވަޕޫލުން ތިންވަނަ ގޯލު ޖެހީ އެންޑީ ރޮބާޓްސަންއެވެ. އެޓީމުން މިރޭގެ މެޗުން 3-1 ގެ ނަތީޖާއިން މޮޅުވި ނަމަވެސް ސިޓީން ތަށި ޔަގީން ކުރިއެވެ.
ސިޓީން ލީގު ހޯދީ 38 މެޗުން 93 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް ދެވަނައިގައި ނިންމާލީ 38 މެޗުން 92 ޕޮއިންޓާ އެކުގައެވެ. ޗެލްސީން ތިންވަނައިގައި ސީޒަން ނިންމާލީ މިރޭގެ މެޗުގައި 2-1 އިން ވޮޓްފޯޑު ކައިރިން މޮޅު ވެގެންނެވެ. އެޓީމަށް ވަނީ 38 މެޗުން 76 ޕޮއިންޓް ލިބިފައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު