ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގެ ބޮޑު ޕަސަންޓޭޖެއް ހިއްސާކުރާ ޔޫރަޕުގެ ގައުމުތަކުގައި މިހާރު ފެތުރެމުންދާ "މަންކީޕޮކްސް"ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޔޫރަޕްގެ ގިނަ ގައުމުތަކުން "މަންކީޕޮކްސް"ގެ ކޭސްތައް ފެނިފައިވާތީ ބަލި ފެތުރެމުންދާ ގޮތާ ގުޅޭ ތަހުގީގެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ފަށައިފައެވެ.

ޑަބްލިޔުއެޗްއޯއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު 12 ގައުމަކުން "މަންކީޕޮކްސް"ގެ 92 ކޭސް ފެނިފައިވެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވީ، "މަންކީޕޮކްސް"ގެ ހާލަތާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއެކު ނުރަސްމީ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި "މަންކީޕޮކްސް"ގެ ބޮޑު އައުޓްބްރޭކެއް އަދި ނެތުމުން ވަކި ގައުމަކަށް ފިޔަވަޅު އަޅަން އަދި ނިންމާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

"ވަކި ގައުމަކަށް އަދި އެއްވެސް ފިޔަވަޅެއް އަޅަން އަޅުގަނޑުމެން އަދި ނުނިންމަން. ނަމަވެސް ހެލްތު މިނިސްޓްރީން އަންގާ ގޮތަކަށް އަމަލުކުރަން ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަޅުގަނޑުމެންވާނީ އިރުޝާދު ދީފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް މެނޭޖުކުރި ގޮތުން، ދުނިޔޭގެ ގައުމުތަކުގެ މެދުގައި ރާއްޖެއާމެދު އޮތް އިތުބާރު ބޮޑުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ، "މަންކީޕޮކްސް" ފަދަ ބައްޔެއް ރާއްޖެ އައި ނަމަވެސް އެކަމުގެ ބޮޑު އަސަރެއް ފަތުރުވެރިކަމަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަން "ވަން އައިލެންޑް ވަން ރިސޯޓް" ކޮންސެޕްޓަށް ކުރިއަށްގެންދާތީ ކަމަށް ވިދާޅުވިއެވެ.

"މަންކީޕޮކްސް"އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސަރަހައްދީ އެއްވެސް ގައުމަކުން އަދި އެބަލި ފެނިފައެއް ނެތެވެ. އަދި އެބަލި ރާއްޖެ އައުމުގެ ފުރުސަތު ބޮޑު ކަމަށް ނުބެލެވޭ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.