ރިޕޯޓް

އެއް ލޯންޗުން އަޅައިނުލައިދިޔަ ކަމުގެ ތުހުމަތު! ލޯންޗު ކައިރިއަށް ދިޔަ ފުރަތަމަ މީހާއަށް ފެނުނު މަންޒަރު!

ރިފާ ހަލީލު

6

"އަޅުގަނޑަށް ކޯލް އަންނަނީ 7:34ގަ. އެކްސިޑެންޓުވެގެން އުޅޭތަނަކަށް ދެވިދާނެހޭ ބުނެ. ދެން ކޯލް އައިތާ ދެތިން މިނެޓު ތެރޭގަ އަޅުގަނޑު ނައްޓާލައިފިން އެ ދިމާލަށް. އެ ލޯންޗާ ގާތް ކުރަނިކޮށް އެ ލޯންޗު ދުއްވަން އިން ކުއްޖާ ގޮވާލާފަ ބުނި މިސްބާހު (މަރުވި ދެ މީހުންގެ ތެރެއިން އެކަކު) ގެއްލިއްޖެއޭ. އޭނާ ނެތޭ. މޫދަށޭ ވެއްޓުނީ. ދެން އަހަރެން އެރީ އެ ލޯންޗަށް. ލޯންޗަށް އެރި އިރު ޝާފިއު (މަރުވި އަނެއް މީހާ) އޮތީ ލޯންޗުތެރޭގަ. އޭނަގެ ނެތް އެއްވެސް ކަމެއް. ވިންދެއްވެސް ނެތް."

ފަސް މީހުންނާއެކު، ރޭ ގއ. ވިލިނގިއްޔަށް ދަތުރުކުރަމުންދަނިކޮށް އެރަށު ނެރު ފައިކައްޓަށް އަރައި އެކްސިޑެންޓު ހިނގި ސަރަަހައްދަށް ފުރަތަމަ ދިޔަ އިސްމާއިލް ޒަކީ އޭނާ އަށް ފެނުނު މަންޒަރު "ވަން" އަށް ހިއްސާ ކުރަމުން މިއަދު ބުންޏެވެ.

ރޭ ހިނގި މި އެކްސިޑެންޓުގައި މަރުވީ ގއ. ވިލިނގިލީ ދޫރެސް، މިސްބާހު އަބްދުލް މުހުސިން އާއި ނ. ލަންދޫ، އުރަހަ، އަހުމަދު ޝާފިއު އެވެ.

ޒަކީ ބުނީ އެކްސިޑެންޓުވި ލޯންޗަށް އެރި އިރު އެ ލޯންޗުގެ ކުރީކޮޅުގައި ލޯންޗު ދުއްވި އެރަށު ޒުވާނާ ހުރި ކަމަށެވެ. އަދި އޭނާ އައީ ފުދޭ ވަރަކަށް ބާރަށް ކަމަށާއި އަނދިރިވުމުންނާއި ފުސްވުމުގެ ސަބަބުން ކުރި ނުފެންނަ ކަމަށް އޭނާ ބުނި ކަމަށް ޒަކީ ބުންޏެވެ. އަދި މިސްބާހު މަސައްކަތް ކުރީ ކުރިމަތީގެ ދޮރު ހުޅުވަން ކަމަށާއި އެއީ ލޯންޗު ގޮސް ނެރި ފައިކައްޓަށް އެރި ވަގުތު ކަމަށްވެސް ޒަކީ ބުންޏެވެ. މިސްބާހު ވިއްސައިގެން ދިޔައީ އެވަގުތު ކަމަށްވެސް ދުއްވަން އިން މީހާ ބުނި ކަމަށް ޒަކީ ބުންޏެވެ.

"މިސްބާހު އޮތީ މޫދުގަ ކަން އެނގޭތީ ދެން ބެލީ ލޯންޗުގަ ތިބި މީހުން ގޮވައިގެން އަވަހަށް ފަރުވާދެވޭނެ ތަނަކަށް ދާން. މުޅި ލޯންޗުގަ އޮތީ ހުސްލޭ. މިސްބާހު ނަގަން ކިތަންމެ ބޭނުންވިޔަސް އަޅުގަނޑު އަތުގަ އެވަގުތު ނެތް ފީނަން ދާނެ އެއްޗެއްވެސް. ލައިޓެއްވެސް ނެތް. ދެން އޭރު ލޯންޗުގަ ތިބި ހަތަރު މީހުންހގެ ތެރެއިން އެކަކު މިއޮތީ މަރުވެފަ. ސިކުނޑި ބޭރުވެފަ. އޭނާ އަތްދަނޑިމައްޗަށް ނެގި އިރު ބޮލުން އެއްޗިސްތަކެއް ފައިބަމުންދިޔަ. ސިކުނޑީގެ ބައިތައް ކަމަށް ބެލެވޭ އެއްޗެހި ލޯންޗުތެރޭގަ ހުރި. ދެން ދުއްވަން އިން މީހާގެ ދޫ އޮތީ ފުދޭ ވަރަކަށް ބޮޑަށް ބުރިވެފަ. ލޯ މައްޗާއި އަނގަމަތި ފަޅައިގެން ގޮސްފަ. ދެން އިން ދެ މީހުންނަށްވެސް އެކި ވަރުގެ އަނިޔާވެފަ ތިބީ. ދެން ވަގުތުން އެމީހުން ގޮވައިގެން އެއްގަމަށް ދިޔައީ." އޭނާ ކިޔައިދިނެވެ.

ޒަކީ ބުނީ މަރުވެފައި އޮތް މީހާ ޖެޓީ މަތީގައި ބާއްވައިފައި ދެން އަވަސް ފަރުވާ ދޭން ޖެހޭ ތިން މީހުން ގޮވައިގެން ސައިކަލުގައި ހޮސްޕިޓަލަށް ދިޔައީ ކަމަށެވެ. އަދި މަރުވެފައި އޮތް މީހާ އެތަނަށް އައި ފުލުހުންގެ ވެހިކަލްގައި ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެހެން ލޯންޗުތައް ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ކަމަށާއި އެ އުޅަނދުތަކުން މިސްބާހު މޫދުން ނަގައިގެން އައި ކަމަށްވެސް ބުންޏެވެ.

"މިސްބާހު މޫދުން ނެގީ އެހެން ބަޔަކު ގޮސް. ލޯންޗު ކައިރީގަ މޫދުގަ އޮތީ. މޫދުން ނަގައިގެން އެއްގަމަށް ގެނައި އިރު ހުރިން. އޭރު މިސްބާހުގެ ކަރު އޮތީ ބިނދިފަ. ބޮލުގެ ފަހަތުބައި ފާޑަކަށް ޗަސްވެފަ އޮތީ. މޫނުމަތީގެ އެކި ތަންތަން ކަފައިގެން ގޮސްފަ ހުރި. ދެން އެހެން ތަންތަނަށްވެސް އަނިޔާވެފަ ހުރި. ޝާފިއު ނެގި އިރު ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ. މޫނުމަތިންވެސް ކަފައިގެން ގޮސްފަ ހުރީ. ލޯންޗުތެރޭގަ އޮއްވާވެސް ވިންދު ހުރިތޯ ބެލިން. ނެތް އެއްވެސް ވަރަކަށް. އެހެންވެ މަރުވެފަކަން ޔަގީންވި." އޭނާ ބުންޏެވެ.

މި ދެމަރާއެކު މުޅި ވިލިނގިއްޔަށް އޮތީ ހަމަހިމޭންކަމާއި ހިތާމަވެރިކަން ވެރިވެފަ އެވެ. މަރުވި ދެ މީހުންގެ އާއިލާއިންވެސް ތައްޔާރުވަމުންދިޔައީ މިއަދު ބާއްވަން ހަމަޖެހިފައި އޮތް ބޮޑު ކައިވެންޏަކަށެވެ. ކައިވެނި ކުރަނީ މިސްބާހުގެ ކޮއްކޮ އާއި ޝާފިއުގެ ބޭބެގެ އެވެ. ނަމަވެސް ލިބުނު ބޮޑު ހިތާމައިގެ ސަބަބުން ކައިވެނި ވަނީ ފަސްކޮށްފަ އެވެ.

މިހާދިސާއާ ގުޅިގެން އެހީނުވެ ލޯންޗެއް ދިޔަ ކަމުގެ ތުހުމަތުވެސް ކުރެ އެވެ. އެގޮތުން ނެރުމައްޗަށް ލޯންޗު އަރައިގެން އުޅޭ ހާދިސާ ހިނގިކަން ފުރަތަމަ އެނގުނު އެރަށު އިބްރާހިމް އައުސް ބުނީ އޭނާއަށް އެ ލޯންޗުގައި ހުރި ގާތް ރައްޓެއްސަކު ގުޅައިފައި އެކްސިޑެންޓެއް ވެގެން އުޅޭ ވާހަކަ ބުނި ކަމަށެވެ. އަދި އެހީވާން ބަޔަކު ފޮނުވުމަށް ބުނި ކަމަށްވެސް އޭނާ ބުންޏެވެ.

"7:20 ހާއިރު ރައްޓެހި ކުއްޖެއް ގުޅާފަ ބުނީ އެމީހުން ރަށަށް (ވިލިނގިއްޔަށް) އައި ލޯންޗު ނެރު ފައިކައްޓަށް އަރައިގެން އެކްސިޑެންޓު ވެގެންނޭ މިއުޅެނީ. ވަރަށް ބޮޑަށް އަނިޔާވެގެންނޭ. ވަރަށް އަވަހަށް އެއްޗެއް ފޮނުވާލަދީބަލާށޭ. ދެން އަހަރެން ދުވެފަ ބަނދަރަށް ދިޔައިރު ލޯންޗެއް ފުރަން ރެޑީވަނީ. އެމީހާ ގާތު ބުނީމަ ބުނީ ދެން މި މީހުން ގޮވައިގެން ކޫއްޑުއަށް ދަނީ ކާކުހޭ. ކިޔާފަ އެމީހާ އަޅައިނުލައި ދިޔައީ."

އައުސް ބުނީ އެމީހާ ގާތު އެހީއަށް އެދުމުން އެކަމަށް އޭނާ އިންކާރު ކުރި ކަމަށެވެ. އަދި އެރަށުން ވާހަކަ ދެއްކި އެހެން މީހަކުވެސް ބުނީ ފުރަތަމަ ލޯންޗުން އެހީނުވި ކަމަށެވެ. އަދި އޭނާ ފުރައިގެން ދިޔައީ ކަމަށެވެ. އަދި އެހެން ލޯންޗަކުން ގޮސް އެމީހުންނަށް އެހީވީ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް މިކަމަށް އެމީހުން އެބުނާ ލޯންޗުގެ ކެޕްޓަން ނިޔާޒު އަލީ އިންކާރު ކުރެ އެވެ. ނިޔާޒު "ވަން" އަށް ބުނީ އޭނާ ފުރައިގެން ދިޔައިރު އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގުނު ނަމަވެސް އެހާ ސީރިއަސް ކަމެއްކަން އެނގިފައިނުވާ ކަމަށެވެ. އަދި ދަތުރު ކުރަމުންގޮސް ނެރުން ނިކުންނަން ދިޔައިރު ލޯންޗު ނެރު ފައިކައްޓަށް އަރާފައި އޮތްތަން ފެނުނު ކަމަށްވެސް އޭނާ ބުންޏެވެ.

"ދެން އަޅުގަނޑަކަށްވެސް ނޭނގޭނެތާ މިހާ ބޮޑު ކަމެއް ހިނގައިގެން އުޅޭކަމެއް. އަޅުގަނޑުމެން ނައްޓާލަން އުޅެނިކޮށް ސައިކަލުގަ އައި ކުއްޖަކު ބުނި ތިމަންނަ ގޮވައިގެން ކޫއްޑޫއަށް ދޭބަލާށޭ. ތިމަންނަ ބަލާ އައި ލޯންޗު ނެރު ފައިކައްޓަށް އަރައިފި ކަމަށްބުނި. އެހިން ސީރިއަސް ކަމެއް ވެގެން އުޅޭހޭ. ބުނީމަ ބުނީ ނޫނެކޭ. ބުނީމަ އަޅުގަނޑުވެސް މާ ބޮޑަށް އަޅައެއް ނުލަން. ދެން ދިޔައިރު ފެނުނު ލޯންޗު އަރާފަ އޮއްވާ. އެކަމަކު އަނެއްހެން ބޮޑު ކަމެއް ކަމަށް ނުވާތީ ދިޔައީ." އޭނާ ބުންޏެވެ.

މިވާހަކަތައް ދޮގުކޮށް ވިލިނގިލިން ވާހަކަ ދެއްކި މީހަކު ބުނީ ލޯންޗުތެރޭގައި އެވަގުތު ކިރިޔާވެސް ވާހަކަ ދައްކާލެވޭ ހާލަތުގައި ތިބީ ދެ މީހުން ކަމަށާއި އެ ދެ މީހުން އެހީއަށް އެދި އާދޭސް ކުރި ކަމަށް ލޯންޗު ދުއްވަން އިން މީހާ ބުނި ކަމަށެވެ. އެކަމަކުވެސް އެ ލޯންޗުން އަޅައިނުލައި ދިޔައީ ކަމަށްވެސް ލޯންވު ދުއްވަން އިން މީހާއާ ހަވާލާދީ އޭނާ ބުންޏެވެ.

މިސްބާހާއި ޝާފިއުގެ މަރުގެ ހަބަރާއެކު އާއިލާއަށް ފުން ހިތާމައެއް ލިބިފައިވާއިރު ޝާފިއުގެ ބައްޕަގެ ހާލުވެސް ދެރަވެ ވަނީ ފަރުވާ ދީފަ އެވެ. ލޯންޗުގައި ތިބި ފަސް މީހުންގެ ތެރޭގައި މިސްބާހުގެ ކޮއްކޮވެސް ހިމެނެ އެވެ. އޭނާގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެނެސް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާދެމުންނެވެ. އޭނާގެ އިތުރުން ދެން ތިބި ދެ މީހަކަށްވެސް އައިޖީއެމްއެޗުގެ އިމަޖެންސީފގައި އަންނަނީ ފަރުވާދެމުންނެވެ.

މިސްބާހާއި ޝާފިއުގެ ޖަނާޒާ މިއަދު މެންދުރު ނަމާދަށްފަހު ބާއްވަން އާއިލާއިން މަސައްކަތް ކުރި ނަމަވެސް ދެ މީހުންގެ ހަށިގަނޑުން ލޭ ފައިބާވަރުން ޖަނާޒާ ބޭއްވޭ ގޮތެއް ނުވި އެވެ. އަދި ފަޅައިގެން ގޮސްފައިވާ ތަންތަން ފެހުމަށްފަހު މިއަދު އަސްރު ނަމާދުގެ ފަހުން ޖަނާޒާ ބޭއްވުމަށް އާއިލާއިން މިހާރު ވަނީ ތައްޔާރުވެފަ އެވެ.