އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު އަޑުއެހުމުގައި އެ އަމުރު ބާތިލުކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އެދިއްޖެއެވެ.

މި މައްސަލައިގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު، ހައިކޯޓަށް އިސްތިއުނާފު ހުށަހަޅުއްވަމުން ވިދާޅުވީ، އެ ކޯޓު އަމުރު ބާތިލުކުރުމަށް އިސްތިއުނާފުގެ ދެ ނުކުތާއެއް ހުށަހަޅުއްވާ ކަމަށެވެ.

އެއް ނުކުތާއަކީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާ ނުބައިކޮށް މާނަކޮށް އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކުށުގެ އަމަލަކަށް ނުފެތޭ ހާލަތެއްގައި އެމާއްދާގެ ދަށުން ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެހި ބަލައި ފާސްކުރުމުގެ އަމުރު ނެރެފައިވުމާއި ގާނޫނުއަސާސީގެ 19 ވަނަ މާއްދާއިންނާއި 27 ވަނަ މާއްދާއިން ލިބިދޭ އަސާސީ ހައްގުތައް ނިގުޅައި ގަނެވޭގޮތަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފައިވުން ކަމަށެވެ.

ދެވަނަ ނުކުތާއަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 22 ވަނަ މާއްދާ ނުބައިކޮށް މާނަކޮށް އެ މާއްދާގައި ބުނާ ހާލަތު ނެތަސް އެ މާއްދާތަކަށް ހަވާލާދީ ކޯޓު އަމުރު ނެރެފައިވުން ކަމަށްވެސް ވިދާޅުވިއެވެ.

ކޯޓު އަމުރު ނެރެފައިވަނީ ގާނޫނާ ހިލާފަށްކަން ސާބިތުކުރުމަށްތަކައި ޝިޔާޒު ވިދާޅުވީ، ގެއަކުން ފުލުހުން އެއްޗެއް ގެންދިއުމަށް ބޭނުންވެއްޖެ ހިނދެއްގައި، ގޭގެއަށް ވަނުމަށް ކޯޓު އަމުރު ނެރެވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މީހުންގެ ގެދޮރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށެވެ.

އެހެންކަމުން އެ ބޭނާ ނެގުމަށް ކޯޓުން އަމުރު ނެރެގެން، ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެގޮތަށް މީހުންގެ އަމިއްލަ ގެދޮރު ބަލައި ފާސްކުރުމަށް އަމުރު ނެރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގާނޫނުން މަނާ ނުކުރާ ކަމެއް ކުރުމަކީ ކުށެއް ނޫން ކަމަށާއި އާއްމު ތަނެއްގައި ކުރެ އެމީހަކު ކުރާ ކަމަކުން، އެހެންމީހަކަށް ގޯނާ ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ ކުރާ އަމަލަކީ ގާނުނީ ކުށެއް ނޫން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.

އަދި އާންމު މަސްލަހަތަށް ގެއްލުންވާ ކަމުގެ ތުހުމަތު ފުލުހުން ކުރިނަމަވެސް، އެހެން މީހުންނަށް އުނދަގޫ ނުވާ ގޮތަށް ތަނެއްގައި ބެނާއެއް ހަރުކުރުމަކީ މަސްލަހަތަށް ގެއްލުން ވާނެ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށާއި، ވަކި ކަމަކަށް ތާއީދު ހޯދަން ނުވަތަ ވަކި ކަމަކާ ދެކޮޅު ހެދުމުގެ ގޮތުން ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުން ކަމަށް ނުބެލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ހ.ދޫވެއްސަކީ، އެ މައްސަލަ އިސްތިއުނާފު ކުރައްވާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ރަޖިސްޓަރީގައި ހުރި، އެފަރާތުގެ އަމިއްލަ މުދަލެއް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އެހެންކަމުން އަމިއްލަ ގޯތީގައި ހިޔާލު ފާޅުކުރުމަކީ ނުކުރެވޭނެކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވަކި ކަމަކަށް ތާއީދު ހޯދަން ނުވަތަ ވަކި ކަމަކާ ދެކޮޅު ހެދުމުގެ ގޮތުން ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުން ކަމަށް ނުބެލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ، ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައަށް ދައުލަތުން ޖަވާބު ދިނުމެވެ.