އޭއެފްސީ ކަޕް

ގޯކުލަމް ކެރެލާ ކައިރިން މޮޅުވެ، މާޒިޔާ އުންމީދު ދަމަހައްޓައިފި

އޭއެފްސީ ކަޕްގެ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުގައި އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާ އެފްސީގެ މައްޗަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ކުރި ހޯދައިފިއެވެ.

އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި މާޒިޔާއިން ގޯކުލަމް ކެރެލާ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް މާޒިޔާ ނުކުތީ ފުރަތަމަ މެޗުގައި ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން 1-0ގެ ނަތީޖާއަކުން ބަލިވެފައި އޮވެގެންނެވެ. އަނެއްކޮޅުން ނުކުތް ގޯކުލަމް މިރޭގެ މެޗަށް ނުކުތް އިރު އޮތީ ފުރަތަމަ މެޗުން އޭޓީކޭ މޯހަން ބަގާން ބަލިކޮށްފައެވެ. މާޒިޔާއިން މިރޭ ގޯކުލަމް ބަލިކުރުމުން ގްރޫޕްގެ ފަހު ދެ މެޗަށްދާ އިރު، ހަތަރު ޓީމުވެސް އޮތީ ތިން ޕޮއިންޓާއެކު ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. އެހެންކަމުން މާޒިޔާއަށްވެސް އަނެއް ބުރަށް ދިއުމަށް މިހާރު އުންމީިދު އެބަ އޮތެވެ.

މިރޭގެ މެޗު މާޒިޔާއިން ރަނގަޅަށް ފަށާފައިވާ އިރު، މެޗުގެ ފަސްވަނަ މިނެޓުގައި އެޓީމުގެ ފުރަތަމަ ހަމަލާ ފެނިގެންދިޔައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ތަނަވަސްކުރި ފުރުސަތުގައި ޓާނާ ޑޮމިނިގޭޒް ފޮނުވާލި ހަމަލާ އަމާޒުވީ ސީދާ ގޯކުލަމް ގޯލްކީޕަރު ޑަގަރު އަތަށެވެ.

އޭގެ ފަހުންވެސް ދެން ފެނުނީ މާޒިޔާގެ ދެ ހަމަލާއެކެވެ. މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ޖެހި ބޯޅައާއި ސައިންޓް ވިންސެންޓްގެ ފޯވަޑް ކޯނެލިއަސް ސްޓެވާޓް ޖެހި ބޯޅަވެސް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ފުރަތަމަ ހާފުގައި ގޯކުލަމްއަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވުނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މާޒިޔާ ޑިފެންޑަރުންނަަށް ސަލާމަތް ނުކުރެވުނު ބޯޅައެއް އޭރިއާ ތެރެއިން ލިބުނީ ގޯކުލަމްގެ ކެމަރޫން ޑިފެންޑަރު، ބޯބާ އަމީނޫ އަށެވެ. އޭނާ ޖެހި ބޯޅަ މާޒިޔާގެ ކީޕަރު ނޭޕާލްގެ ކިރަން ކުމާރް ލިމްބޫ ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާގެ އިބްރާހީމް އައިސަމްގެ ނުރައްކާތެރި ހަމަލާއެއްވެސް ފެނުނި އިރު، އޭނާ ޖެހި ބޯޅަ މަތަކުރީވެސް ގޯކުލަމްގެ ގޯލްކީޕަރު ޑަގަރު އަތަށެވެ.

ދެވަނަ ހާފަށް ނުކުމެ، މާޒިޔާއިން ވަނީ މެޗުގެ 50 ވަނަ މިނެޓުގައި ގޯލު ޖަހައިފައެވެ. ޓަނާ ހުސްކޮށްލާފައި ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ކޯނެލިއަސް ފޮނުވާލި ބޯޅަ ގޯކުލަމް ޑިފެންޑަރެއް ފައިގައި ޖެހިފައި ވަނީ ގޯލުގެ ތެރެއަށެވެ.

އެ ގޯލަށްފަހު ގޯކުލަމް ކުރިއަށް ޖެހި ހަމަލާތަކަށް މަސައްކަތް ކޮށްފައިވާ އިރު، އެލެކްސް ސާޖީއާއި ރިޝާދު ޕުތެންވީޓެލް އަދި އަބްދުލް ހައްކު ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވުނެވެ. އޭގެ ތެރެއިން ރިޝާދު ޖެހި ބޯޅައާއި ހައްކު ޖެހި ބޯޅަ މަތަކުރީ މާޒިޔާގެ ނޭޕާލް ގޯލްކީޕަރު ކިރަން ކުމާރެވެ.

މެޗުގެ ފަހު ކޮޅުގައި އަނެއްކާވެސް މާޒިޔާގެ ހަމަލާތައް ފެނުނެވެ. ޓާނާގެ ބާރު ބޯޅައެއް ގޯކުލަމް ގޯލަށް އަމާޒުވި ނަމަވެސް ދިޔައީ ގޯލްކީޕަރު އަތަށެވެ. އަދި ޑިފެންޑަރު ނެމެންޖާ ކާޓަން ބޮލުން ޖެހި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މާޒިޔާއިން ދެން އޭއެފްސީ ކަޕް ގްރޫޕް ޑީގެ ސްޓޭޖުގައި ކުޅޭ މެޗުގައި އޭޓީކޭ މޯހުން ބަގާންއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 24 ވަނަ ދުވަހު ހަވީރުއެވެ.