ރާއްޖޭގައި ތިބި ސިފައިން ބޭލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ކެމްޕެއިނަކީ ކުރީގެ ރައީސް އަބްދުالله ޔާމީން ފެއްޓެވި ކެމްޕެއިނެއް ނޫން ކަމަށް އެމަނިކުފާނާއެކު ޕީއޭއާއި ޕީޕީއެމްގައިވެސް އިސްކޮށް މަސައްކަތް ކުރެއްވި އަދި މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށްލާފައި ހުންނަވަނިކޮށް, އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ފެށި "އިންޑިއާ އައުޓް" ކެމްޕެއިންގެ ބާނީއަކީ ޕީޕީއެމުން ބުނާ ގޮތުން ރައީސް ޔާމީނެވެ.
ނަމަވެސް "ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ޝަރީފު ވިދާޅުވީ, އެ ހަރަކާތަކީ އެމްޑިޕީގެ ތެރެއިން ނުކުތް ބައެއް ބޭފުޅުން ފެށި ކެމްޕެއިނެކެވެ. ނަމަވެސް ފަހުން އެ ކެމްޕެއިނަށް ހިތްވަރު ދެއްވީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަސްލުގެ ހަގީގަތުގައި އިންޑިއާ އައުޓް ކެމްޕެއިނަކީ ރައީސް ޔާމީންގެ އޯނާޝިޕް ކެމްޕެއިނެއް ނޫން. ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް ހަގީގަތުގައި ކޮންމެވެސް ބަޔަކު, އެމްޑީޕީ ތެރެއިން ނުކުތް ބަޔަކު, މިސާލަކަށް ފުރަހަނި ޝުއައިބުމެން, ކުރެންދޫ މާހިރުމެން އެމީހުން ކުލަބް ހައުސްގައި ގުރޫޕެއް ހަދައިގެން ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ޕްރެސެންސްއާ ގުޅޭ ގޮތުން ހިތްހަމަނުޖެހިގެން އެކަމާ ގުޅިގެން ވާހަކަދައްކަވަމުން ގޮސްފައި, އެބޭފުޅުން ފުރަތަމަ ހިނގާލުންވެސް ބޭއްވީ. ބާއްވައިގެން ކޮންމެވެސް ގޮތަކުން ޕޮލިޓިކަލީ ބެކިންއެއް ބޭނުންވާތީވެ އެދުސްވަރުގައި ޔާމީން ހުންނެވީ ގޭގައި. ހުންނަވައިގެން ކޮންމެވެސް ވަރެއްގެ ބެކިންއެއް ދެއްވީ," ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި, 2023ގެ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ޔާމީން ވިއްކަން އުޅުނީ އޭނާގެ ނަމެވެ. އެގޮތުން 2018ގެ ރިޔާސީ އިންތިހާބުން ބަލިވީ އޭނާ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގައި ހުންނަވައިގެން އިންތިހާބު އޮޅުވާލައި, ވައްކަން ކޮށްގެން ކަމަށް ދައްކަން އުޅުނު ކަމަށާއި ނަމަވެސް އެކަން ފަހުން ވައިގައި ނުހިފީ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖެ ހިމެނޭ ސަރަހައްދުގައި އޮންނަ ސިޔާސީ ކަންކަމުގައި ބަސް ބުނާނެ ގައުމަކީ އިންޑިއާކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ, އިންޑިއާ އައުޓް ކެމްޕެއިން ހިންގެވުމުގައި ރައީސް ޔާމީންގެ ދެ މަގުސަދެއް އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"ދެ ސިނާރިއޯއެއް އެބަ އޮތޭ. އެއް ސިނާރިއޯއަކީ ރައީސް ޔާމީން ބޭނުންފުޅުވަނީ އިންޑިއާ އައުޓް ކެމްޕެއިން ބޭނުންކޮށް, އިންޑިއާއާއެކުގައި ނެގޯޝިއޭޓްކުރަން. މާނައަކީ ރައީސް ޔާމިން ޖަލުން ސަލާމަތްވުމަށްޓަކައި އިންޑިއާގެ ބެކިން ހޯދަން, އިންޑިއާ އައުޓް ޓޫލަކަށް އެ ބޭނުންކުރައްވަނީ. އެއީ އެއް ސިނާރިއޯ އަޅުގަނޑު ގަބޫލުކުރާ. ދެވަނަ ސިނާރިއޯއަކީ ރައީސް ޔާމީނަކީ މިޖާޒުގެ ގޮތުން ބަލާއިރުގަ ބަދަލުހިފުމުގެ ރޫހު ގެންގުޅުއްވާ ބޭފުޅެއްކަން އެބަ އެނގޭ ރައީސް ޔާމީން ވާހަކަފުޅުދައްކަވާއިރު. އެހެންވީމަ ރައީސް ޔާމީން ގަބޫލުކުރައްވާ ގޮތުގައި 2018ގެ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގަތީ އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމާއެކީގައި. އެހެންވީމަ އޭގެ ބަދަލު ހިފުމުގެ ރޫހުގެ ގޮތުގައި ކުރައްވާ ކަމެއްގެ ގޮތުގައިވެސް އަޅުގަނޑަށް އެބަ ސިފަވެގެންދޭ," ޝަރީފު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު