ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ރިޔާސީ ގަރާރުގެ ސަބަބުން އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެފައިވާތީ އެމްނެސްޓީ އިންޓަނޭޝަނަލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލް އަގުވާމީ ޖަމިއްޔާއެއްކަމަށްވާ އެމެނެސްޓީން މިއަދު ކުރި ޓުވީޓެއްގައި ވަނީ މުޒާހަރާގެ ބައިވެރިން ހައްޔަރުކޮށް އަނިޔާކުރަމުންދާ މައްސަލަ އަވަހަށް ތަހުގީގު ކުރުމަށް ގޮވާލައިފައެވެ.
"މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރި މައްސަލަ ވީ އެންމެ އަވަހަކަށް ނުފޫޒެއް ނެތި ތަހުގީގު ކުރަން ޖެހޭ،" އެމްނެސްޓީން ބުންޏެވެ.
އެމެނެސްޓީން ބުނީ، "އިންޑިއާ އައުޓް" ކެމްޕޭނުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެ ހަރަކާތް ހުއްޓުވަން ރައީސް ސޯލިހު ނެރުއްވި ގަރާރުގެ ދަށުން ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރަމުންދިޔަ މީހުންނަށާއި ނޫސްވެރިންނަށް ހުރަސް އެޅުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރަން ވާނީ ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ކަމަށް ވެސް އެމެނެސްޓީން ބުންޏެވެ.
އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް އެމްނެސްޓީން ގޮވާލާފައިމިވަނީ "އިންޑިއާ އައުޓް" މުޒާހަރާތެރެއިން ފުލުހުން ހައްޔަރުކުރި އަންހެނެއްގެ ވީޑިއޯ އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. އެ ވީޑިއޯއިން ފެންނަނީ ސިފައިންގެ މީހަކު އެ އަންހެން މީހާގެ ފަހަތުން ދުވެފައިދާތަނެވެ. އެހެން ވީޑިއޯއެއްގައި ފެންނަނީ ހޮސްޕިޓަލެއްގައި އެ އަންހެން މީހާ ނޭވާލުމަށް ދަތިވެގެން އުޅޭ މަންޒަރެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ، އެ އަންހެން މީހާ ފުލުހުންގެ ވެހިކަލަށް އެރީ ކިޔަމަންތެރިކަމާއެކު ކަމަށެވެ. ނަމަވެސް ވެހިކަލް ތެރޭގައި އޭނާއަށް ފުލުހުން އަނިޔާކުރި ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން ވެސް ވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ކުރީ ދުވަހު ބޭއްވި މުޒާހަރާގައި ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް ސޯލިހު ގަރާރެއް ނެރެއްވީ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ.
އެ ގަރާރާ ގުޅިގެން ފުލުހުން ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކެއް ނަގައިފައެވެ. އޭގެ ތެރޭގައި ޔާމީންގެ ގޮކޮޅުގައި ހަރުކޮށްފައިވާ ބެނާވެސް ހިމެނެއެވެ. އަދި ބެނާ ހަރުކުރި ގެތަކުގެ ވެރިން ފުލުހަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ. މީގެ އިތުރުން ފާރުތަކަށް "އިންޑިއާ އައުޓް" ސްޕްރޭ ކުރި މީހެއްގެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން "އިންޑިއާ އައުޓް" ކެމްޕޭން އިންތިޒާމުކުރާ ހޯރަފުށީ ދާއިރާގެ ކުރީގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް ވަނީ ހައްޔަރުކުރިއެވެ. ނަމަވެސް އިއްޔެ ވަނީ އޭނާ ދޫކޮށްލައިފައެވެ. މުހައްމަދު އިސްމާއީލާއެކު ދެން ހައްޔަރުކުރީ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމުގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރިއަސް މުޒާހަރާކުރުން ނުހުއްޓުވޭނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ރައީސް ސޯލިހުގެ ގަރާރަކީ ބާތިލު ގަރާރެއްކަން ކަނޑައަޅަން ވަނީ ކޯޓަށް ހުށަހަޅައިފައެވެ.