ކީރިތި ރަސޫލާ އަހަރެމެންނަށް އަންގަވަނީ ރިވެތި އަހުލާގުން ޒީނަތްތެރިވުމަށް ކަމަށާއި އެކަލޭގެފާނު އަންގަވަނީ ހިނިތުންވުމާއެކު އަނެކުންނާ ބައްދަލުކުރުމަށް ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ އޯގާތެރިކަމާއި އިހުސާންތެރިކަމާއި މައާފުކުރުމަކީ އެ ސިފަތަކުން މީސްތަކުން ޒީނަތްތެރިވުމަށް ނަސޭހަތްދޭ މީހާގެ ނަފުސުގައި އަށަގެންފައި ހުންނަން ޖެހޭނެ ސިފަތަކެއް ކަމަށެވެ.
"ކީރިތި ރަސޫލާ އަހަރެމެންނަށް އަންގަވަނީ ރިވެތި އަހުލާގުން ޒީނަތްތެރިވުމަށެވެ. އެކަލޭގެފާނު އަންގަވަނީ ހިނިތުންވުމާއެކު އަނެކުންނާ ބައްދަލުކުރުމަށެވެ. މިއީ ވަގުތަކަށް, މުދަލަކަށް, ތަނަކަށް ބޭނުންވާ ކަމެއް ނޫނެވެ. އަނެކާގެ ކުރިމަތީގައި ހިނިތުންވެލުމުން, ރަން އަކުރުން އޭނާގެ ހިތުގައި ލިޔެވިގެންދާ މެސެޖުގެ އަސަރު ވަރަށް ފުންވާނެއެވެ. ވަރަށް ދިގު މުއްދަތަކަށް މި އަސަރު ދެމިގެންދާނެއެވެ...،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ކީރިތި ރަސޫލާގެ މުޅި ހަޔާތްޕުޅަކީ މުސްލިމުންނަށް ލިބިގެންވާ ލާމަސީލު ނަމޫނާއެއް ކަމަށާއި އެކަލޭގެފާނުގެ މަތިވެރި ޝަހުސިއްޔަތުގެ ކޮންމެ ފަރާތަކަށް ބެލިކަމުގައި ވިޔަސް, އެއީ ލާމަސީލު ނަމޫނާއެއް ކަމަށެވެ.
"ރަސޫލެއްގެ ގޮތުން ވިޔަސް, ޒައީމެއްގެ ގޮތުން ވިޔަސް, ބަފައިކަލެއްގެ ގޮތުން ވިޔަސް, ފިރިކަލެއްގެ ގޮތުން ވިޔަސް, އެދުރެއްގެ ގޮތުން ވިޔަސް, އޯގާތެރިކަމާއި މައާފުކުރެއްވުމާއި ދީލަތިފުޅުކަމަށް ބެލިޔަސް އެއީ އިންސާނިއްޔަތަށް ލިބިގެންވާ އެންމެ މަތިވެރި ނަމޫނާއެވެ...،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ކީރިތި ރަސޫލާއަކީ މީސްތަކުންގެ ތެރޭގައި އުޅުއްވި ދިރިހުރި ގުރުއާނެއް ކަމަށާއި ކީރިތި ގުރުއާނުގައި ހެޔޮ ކަމަކަށް ގޮވައިލެވިއްޖެނަމަ އެކަލޭގެފާނު އެކަމެއް ކުރައްވައި, މީސްތަކުންނަށް އެކަމަށް އިރުޝާދު ދެއްވި ކަމަށެވެ. އަދި ކީރިތި ގުރުއާން އެކަމަކާ ދުރުހެލިވުމަށް ގޮވައިލި ކޮންމެ ނުބައި ކަމަކާ އެކަލޭގެފާނު ދުރުހެލިވެ ވަޑައިގެން, އެކަމަކާ ދުރުހެލިވުމަށް އުއްމަތަށް ނަސޭހަތްދެއްވި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ