ސްރީ ލަންކާއަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދާ އެ ގައުމުން ހަވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށް އެ ގައުމަށް ބޭރު އެހީ ހޯދުމުގެ މަސައްކަތް ނަޝީދާ ހަވާލު ކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައެވެ. އެ މަސައްކަތް ނަޝީދާ ހަވާލުކުރެއްވީ އެމަނިކުފާނު އެގޮތަށް އެދިވަޑައިގަތުމުންނެވެ.
އެކަމަށް މަރުހަބާ ވިދާޅުވެ، ރައީސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަބަދުވެސް އޮންނާނީ އަވައްޓެރި ލަންކާއެކު ކަމަށާއި ލަންކާއަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ވެދެވެން އޮތް އެހީތެރިކަމެއް ކޮންމެ ގޮތަކަށްވެސް ފޯރުކޮށްދޭނެ ކަމަށެވެ.
"ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދަންނަވަން، ބައިނަލްއަގުވީ އެހީ ހޯދުމުގެ މަސައްކަތް ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ހަވާލުކުރުމުން، ރާއްޖެއިން އަބަދުވެސް ތެދުވާނީ ސްރިލަންކާގެ ރައްޔިތުންނާއެކު،" ރައީސް ސޯލިހު ވިދާޅުވިއެވެ.
މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު މީޑިއާތަކަށް މިއަދު ވިދާޅުވީ ނަޝީދުގެ އެ ހުށަހެޅުން ބަލައިގަނެ ނަޝީދުގެ އިސްނެންގެވުމަށާއި އެއްބާރުލުމަށް ރަނިލް ޝުކުރު އަދާކުރައްވައިފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގައި ނަޝީދު ހުންނެވި އިރު ސްރީ ލަންކާއަށް ވަރަށް ގިނައިން އެމަނިކުފާނު ވަޑައިގަންނަވައެވެ. އަދި ފަހުން ވަނީ އެގައުމުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް ވެސް އެމްޑީޕީން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ސްރީ ލަންކާގައެވެ.