Close
ޚަބަރު

ލަންކާއަށް ބޭރުގެ އެހީ ހޯދަން އެގައުމުގެ ސަރުކާރުން ރައީސް ނަޝީދު ހަމަޖައްސައިފި

މުހައްމަދު އިޝާން

ސްރީ ލަންކާގެ އިގުތިސާދީ ހާލަތު ރަނގަޅުކުރަން އެހީ ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެގައުމުގެ ސަރުކާރުން މިއަދު ހަވާލުކޮށްފިއެވެ.

މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު މީޑިއާތަކަށް މިއަދު ވިދާޅުވީ ސްރީ ލަންކާގެ އިގުތިސޯދީ ހާލަތު ރަނގަޅުކުރުމުގެ ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ނަޝީދާ ހަވާލުކުރެއްވީ އެމަނިކުފާނު އެގޮތަށް އެދިވަޑައިގަތުމުން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ކަމަށެވެ.

ނަޝީދުގެ އެ ހުށަހެޅުން ބަލައިގަނެ ނަޝީދުގެ އިސްނެންގެވުމަށާއި އެއްބާރުލުމަށް ރަނިލް ޝުކުރު އަދާކުރައްވައިފައިވާ ކަމަށް ވެސް ޒިޔާއު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގައި ނަޝީދު ހުންނެވިއިރު ސްރީ ލަންކާއަށް ވަރަށް ގިނައިން އެމަނިކުފާނު ވަޑައިގަންނަވައެވެ. އަދި ފަހުން ވަނީ އެގައުމުގައި ހުންނަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ސިޔާސީ މަސައްކަތް ކުރައްވައިފައެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް ވެސް އެމްޑީޕީން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ސްރީ ލަންކާގައެވެ.

ލަންކާގެ އިގުތިސޯދު ހާލަތު ގޯސްވުމުގެ އެގައުމުގެ 22 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ޒާރޫރީ ބޭނުންތަކަށް ޖެހިފައެވެ. އެގޮތުން ކާބޯތަކެއްޗާއި ތެޔޮ އަދި ބޭސް ގަންނާނެ ފައިސާ އެމީހުން އަތީ ވަނީ ހުސްވެފައެވެ. ލަންކާގެ އިންފްލޭޝަން ވެސް ކުރިން ނުދާހާ މިންވަރަށް މިހާރު ވަނީ މައްޗަށް ގޮސްފައެވެ. އަދި އިގުތިސާދީ ހާލަތު ގޯސްވުމުން ތަކެތީގެ އަގަށް އައި ބަދަލާއެކު ޕެޓްރޯލާއި ޑީސެލްގެ އަގު ވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ.

ލަންކާގެ އިގުތިސާދީ ހާލަތު ދަށްވެ އާންމުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާތާ އެތައް ދުވަހެއް ވަނީ ވެފައެވެ. މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ސަރުކާރުގެ ސަޕޯޓަރުން ނުކުމެ ކުރިމަތިލުމަކަށް ދިއުމުން މަސްރަހު ހޫނުވެ ލަންކާގެ އެކި ހިސާބުތަކުގައި ތަޅާފޮޅައި، ތަންތަނުގައި ދަނީ ހުޅުޖަހަމުންނެވެ.

އެ ހަމަނުޖެހުންތަކުގައި ވެރިކަން ކުރާ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކުވެސް މަރާލާފައިވާ އިރު، ހަމަނުޖެހުންތައް ކޮންޓްރޯލުކުރަން ސިފައިން ވަނީ މަގުތަކަށް ނެރެފައެވެ. އަދި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމުގެ ބާރުވެސް ފުލުހުންނަށް ވަނީ ދީފައެވެ. އޭގެ އިތުރުން ލަންކާގެ އާންމުންގެ ތަންތަނަށް ގެއްލުންދީ އެހެން މީހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލުކުރާ ފަރާތްތަކުގެ ގަޔަށް ބަޑި ޖެހުމުގެ ހުއްދަ ލަންކާ ސިފައިންނަށް އެ ގައުމުގެ ސަރުކާރުން ވަނީ ދީފައެވެ.

ލަންކާގެ ބޮޑުވަޒީރުގެ މަގާމާ ރަނިލް ހަވާލުވެވަޑައިގެންނެވީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. ރަނިލް ވަނީ މީގެ ކުރިން ލަންކާގެ ބޮޑު ވަޒީރުކަން ފަސް ފަހަރު ކުރައްވައިފައެވެ. އެއީ 1993 އިން 1994 އަށް، 2001 އިން 2004 އަށް، 2015 އިން 2015 އަށް (100 ދުވަސް)، 2015 އިން 2018 އަށް އަދި 2018 އިން 2019 އަށެވެ.

ރައީސް ގޮޓާބަޔަ ރާޖަޕަކްސަގެ ކުރިމަތިފުޅުމަތީގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރަނިލް ވަނީ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވައިފައެވެ. ރަނިލް ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރައްވާފައި މިވަނީ ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް ގޮޓާބަޔަ ރާޖަޕަކްސަގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.

ލަންކާގެ ބޮޑުވަޒީރުގެ މާގަމަށް އައްޔަންކުރެއްވި ރަނިލްއަކީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ލީޑަރެވެ. ބޮޑުވަޒީރުގެ މަގާމަށް ރަނިލް ގެނައުމުގެ ބޭނުމުގައި ޔޫއެންޕީން ވަނީ ސްރީލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ) ޕާޓީއާއެކު ކޯލިޝަން ހަދައިފައެވެ. ރަނިލްއަށް ބޮޑުވަޒީރުގެ މަގާމު ހުށަހެޅީ ވެސް އެސްއެލްޕީޕީގެ ފަރާތުންނެވެ.

ގާނޫނާ ހަދާ މަޖިލީހުގެ މެމްބަރުކަމަށް 2020 ވަނަ އަހަރު ވާދަކޮށް، ރަނިލްއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފައެވެ. ނަމަވެސް ޕާލިމެންޓް ނޭޝަނަލް ލިސްޓުގެ ދަށުން ސިޔާސީ ޕާޓީތަކަށް ކަށަވަރުވެފައިވާ ގޮނޑިއަށް ޔޫއެންޕީގެ ފަރާތުން ރަނިލް ވަނީ އައްޔަންކުރައްވައިފައެވެ.