ރާއްޖެ އެތެރެކުރަން އުޅުނު 12.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ތުހުމަތުކުރެވޭ ފިލްމީތަރި ހުސައިން ސޮބާހުގެ ބައި އަލުން ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް ލަފާދީފިއެވެ.
ކަނޑުމަތީގައާއި، މާލެ އާއި، ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ހިންގި އެ އޮޕަރޭޝަނުގައި 12.6 ކިލޯގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ނ. ވެލިދޫ / މަރިޔާޒް، މުހައްމަދު އަބްދުއްލަތީފް (30އ) އާއި، އިންޑިއާގެ ރައްޔިތެއް ކަމުގައިވާ ސްމޭޝް ކޭއޭ ކްރިޝްޓަން ކުޓީ (37އ) ގެ އިތުރުން ބަންގުލަދޭޝްގެ ރައްޔިތެއް ކަމަށްވާ ކަވްސަރު އަލަމް (30އ)އެވެ.
ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) އަދި މެރިން ޕޮލިސް ގުޅިގެން މިދިޔަ މާޗު މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އަތުލައިގަތް އެ މަސްތުވާތަކެތީގެ މައްސަލައިގައި ސޮބާހުއާ ފުލުހުން ސުވާލުކުރީ އެ މަސްތުވާތަކެތި އެތެރެކުރުމުގައި ބޭނުންކޮށްފައިވަނީ އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ލޯންޗަކުން ކަމަށްވާތީއެވެ.
އެމައްސަލައާ ގުޅިގެން މީގެ ކުރިން ސޮބާހު ބުނެފައިވަނީ، އޭނާގެ ލޯންޗު ކުއްޔަށް ހިފާފައި ވަނީ 46،800 ރުފިޔާއަށް ކަމަށެވެ. އަދި ލޯންޗު ކުއްޔަށް ނެގީ ށ. އަތޮޅަށް ދިއުމަށް ކަމަށް ބުނެ ކަމަށާއި އެކަމަކު ދަތުރުގެ ވަކި ހިސާބަކުން ލޯންޗަށް މައްސަލައެއް ދިމާވެގެން އެނބުރި ހުޅުމާލެއަށް އަންނަ ވާހަކަ އެންގި ކަމަށްވެސް ސޮބާހު ބުނެފައިވެއެވެ.
ލޯންޗު ހުޅުމާލެ ކައިރި ކުރި ވަގުތު އެތަނަށް ދިޔަ ކަމަށާއި އެއިރު ފުލުހުން ތިބި ކަމަށް ސޮބާހު ބުނެފައިވެއެވެ. އޭނާގެ ލޯންޗެއްތޯ ފުލުހުން ސުވާލުކުރުމުން އެއީ އޭނާގެ ލޯންޗެއް ކަމަށް ބުނެފައި ވާނެ ކަމަށާއި އަދި ލޯންޗު ކުއްޔަށްދިން ކަމަށް ވެސް ބުނެފައިވާނެ ކަމަށް ސޮބާހު ބުންޏެވެ.
އެ މަސްތުވާތަކެތީގެ މައްސަލައިގައި ޕީޖީން މިއަދު ވަނީ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ނިންމައިފައެވެ. އަދި އެކަކު ޑީޕޯޓުކުރަން ލަފާދީފައިވާއިރު ސޮބާހުގެ ބައި އަލުން ތަހުގީގުކުރުމަށް ފުލުހުންނަށް ވަނީ އަންގައިފައެވެ.
ސޮބާހުގެ ބައި އަލުން ތަހުގީގުކުރަން އެންގި ސަބަބެއް ޕީޖީއަކުން ހާމައެއް ނުކުރެއެވެ.