"އިންޑިއާ އައުޓް" ހަރަކާތް ރާވައި ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ދޫކޮށްލައިފިއެވެ.
ފުލުހުން މުހައްމަދު އިސްމާއީލް ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަމުރުކުރީ ބަންދުން ދޫކޮށްލުމަށެވެ. އެއީ ފުލުހުން މުހައްމަދު އިސްމާއީލް ހައްޔަރުކުރި އިރު، ކޯޓު އަމުރު ދައްކާފައިނުވާތީއެވެ.
މުހައްމަދު އިސްމާއީލުގެ އިތުރުން ދެން ހައްޔަރުކުރީ ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމެވެ. އޭނާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ.
މާލޭގެ ފާރުތަކުގައި ''އިންޑިއާ އައުޓް" ކުރަހާ މައްސަލައިގައިވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އޭއީ ކ. މާލެ، މއ. ލެއްގި، އުމުރުން 34 އަހަރުގެ އަބްދުލްޣައްފާރު އަބްދުލްޣަފޫރެވެ. އޭނާގެ ބަންދަށް ކުރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ދީފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެ އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހަތަރު މީހަކު ދެނެގަނެވި އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އިދިކޮޅު ފަރާތްތަކުން ދަނީ އިންޑިއާ އައުޓްގެ ނަމުގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަނީ އެއްވުންތަކާއި ބެނާތައް ދެމުމާއި ގްރެފިޓީ ކުރެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ގޮވާލައި ހިންގާ އިންޑިއާ އައުޓް ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްގައި ދައުލަތުގެ އިދާރާތަކަށް ވަނީ އެ ހަރަކާތް ހުއްޓުވަން އަންގަވައިފައެވެ.
ރައީސްގެ ގަރާރަށްފަހު ފުލުހުން ގެންދަނީ މާލޭގެ އެކި ސަރަހައްދުގައި އިންޑިއާ އައުޓް ޖަހާފައިވާ ބެނާތަކާއި އިންޑިއާ އައުޓް ރަމްޒުވާ ގޮތަށް ހުރި ބެނާތައް ވެސް ނަގަން ފަށައިފައެވެ.
މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކަށް އިންޑިއާ އައުޓް ލިޔެފައިވާ ކަރުދާސްތައް އަޅާފައިވާ އިރު، ރައީސް އޮފީހާއި އިންޑިއާ ހައިކޮމިޝަންގެ އިތުރުން އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމައްޗަށްވެސް ވަނީ މި ކަރުދާސްތައް އަޅައިފައެވެ.
މީގެ އިތުރުން މިދިޔަ އާދީއްތަ ދުވަހުގެ ރޭ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުންނަ މ. އެންދެރިގަސް ގޭގެ ފާރުގައިވެސް ވަނީ އިންޑިއާ އައުޓް ސްޕްރޭއިން ލިޔެފައެވެ. އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅުގައިވެސް އިންޑިއާ އައުޓު ސްޕްރޭކޮށް ގެއްލުންދީފައިވެއެވެ.