ޚަބަރު

ރައީސް ޔާމީނަކީ މިހާރު ކޮލިޓީ ލީޑަރެއް ނޫން, ޕީޕީއެމުން އެ ނޫން ވިސްނުމެއް ގެންގުޅެންޖެހޭ: ޝަރީފު

މުހައްމަދު ސިމާއު

3

ކުރީގެ ރައީސް އަދި އިދިކޮޅު މައި ލީޑަރު އަބްދުالله ޔާމީނަކީ މިހާރު ކޮލިޓީ ލީޑަރެއް ނޫން ކަމަށް އެމަނިކުފާނާއެކު ޕީއޭއާއި ޕީޕީއެމްގައިވެސް އިސްކޮށް މަސައްކަތް ކުރެއްވި އަދި މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

"ވަން" އަށް ދެއްވި އެކްސްކުލޫސިވް އިންޓަވިއުއެއްގައި ޝަރީފު ވިދާޅުވީ, ރައީސް ޔާމީނަކީ ޕީއޭގައި މަސައްކަތްކުރެއްވި ދުވަސްވަރުގައި ރާއްޖޭގެ ހުރިހާ އެންމެން ގަބޫލުކުރާ ގޮތުގައި އެންމެ ކޮލިޓީ ސިޔާސީ ލީޑަރު ކަމަށާއި އެކަން އޭރު އިދިކޮޅުގައި ތިއްބެވި ބޭފުޅުންވެސް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން އޭރު ވާހަކަފުޅުދައްކަވާއިރު އެއްވެސް މީހަކަށް އިންޒާރެއް ނުދެއްވާނެ ކަމަށާއި ދައްކަވާނީ ވަރަށް ވަރުގަދަ ހަރުދަނާ ވާހަކަަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މިހާރު އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ދެކޮޅު ނުޖެހޭ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ވަން އެކްސްކުލޫސިވް: ޔާމީން ނޫން ވިސްނުމެއް ބޭނުންވޭ!

"މިހާރު އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވާއިރުގައި ކޮންމެވެސް ސިޔާސީ ބޭފުޅަކަށް އިންޒާރު ދެއްވާ. ކޮންމެވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކު ޖަލަށްލާނަމޭ ވިދާޅުވާނެ. އަދި މިވެނި ކަމެއް ކުރައްވާނަމޭ ވިދާޅުވާނެ. އަޅުގަނޑާ ދިމާލަށް ކޮންމެވެސް އެއްޗެކޭ ވިދާޅުވާނެ. ވާގޮތަކީ ރައީސް ޔާމީންގެ ވިސްނުން ހުންނަނީ ރައީސް ޔާމީނަށް ގެއްލުމެއް ދީފައިވާ ކަމަށް ގަބޫލުކުރައްވާ ހުރިހާ މީހުންނަށް ބަދަލުހިއްޕަވާނެ ވިދާޅުވަމުން އެގެންދަވަނީ. އެއީ ރައީސް ޔާމީންގެ ކުރިން ހުރި ކޮލިޓީ ސިފައެއް ނޫން. އޭރުގަ އެހެން މީސްމީހުން އެވާހަކަ ދައްކަވާނީ," ޝަރީފު ވިދާޅުވިއެެވެ.

ރައީސް ޔާމީނަށް 2023ގެ އިންތިހާބު ކާމިޔާބު ކުރެއްވިދާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ, ރައީސް ޔާމީންވެސް ވެރިކަން ކުރައްވާފައިވާ އިރު, އެމަނިކުފާނު އިތުރު ދައުރަކަށް ހޮވިވަޑައިނުގެންނެވީ ވަރަށް ބޮޑެތި ގޯސްތަކެއް ހެދިފައި ހުރުމުން ކަމަށެވެ. އެހެންކަމުން އިދިކޮޅުން އިތުރު ލީޑަރެއް އުފެދެން ޖެހޭ ކަމަށާއި ޕީޕީއެމުން އިތުރު ވިސްނުމެއް ގެންގުޅެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފަކީ ރައީސް ޔާމީންގެ އަރިހުގައި ވަރަށް ގިނަ އަހަރުތަކެއް ވާންދެން ސިޔާސީ މަސައްކަތް ކުރެއްވި ބޭޅުކެވެ. އަދި ކުރީން ވަރަށް ގާތްވެސް ބޭފުޅެކެވެ. ރައީސް ޔާމީނާއި ޝަރީފުގެ ގުޅުން ކެނޑުނީ، މިދިޔަ ރިޔާސީ އިންތިހާބު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ހިސާބުންނެވެ. އިލެކްޝަންސްގެ ރައީސް ކަމަށް ޝަރީފު ލެއްވީވެސް ރައީސް ޔާމީނެވެ. އިންތިހާބުން ރައީސް ސޯލިހު ކާމިޔާބު ކުރެއްވުމުން، ރައީސް ޔާމީން ވަނީ ޝަރީފަށް ގިނަ ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވައިލައިފައިވާ ކަމަށާއި އެކަމުގައި ޝަރީފު ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ވަނީ ތުހުމަތު ކުރައްވައިފައެވެ.