އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިންތިޒާމުކޮށްގެން ރޭ ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާއިން ހައްޔަރު ކުރި އެންމެން ދޫކޮށްލައިފި އެވެ.
އިދިކޮޅުން ރޭ މުޒާހަރާ ބޭއްވީ "އިންޑިއާ އައުޓް" ކެމްޕެއިން ހިންގާ ރާވާ ކަމުގެ ތުހުމަތުގައި އެ ކޯލިޝަނުގެ އެކްޓިވިސްޓަކާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އިއްޔެގެ ވަގުތެއްގައި ހައްޔަރު ކުރުމާ ގުޅިގެން އެކަމާ ނުރުހުން ފާޅުކޮށެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ ރޭގެ މުޒާހަރާތެރެއިން ހައްޔަރުކުރީ ތިން މީހުން ކަމަށެވެ. އަދި އެ ތިން މީހުންވެސް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ.
ރޭގެ މުޒާހަރާ ޕީޕީއެމް ދޮރުމަތިން ފެށި ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ މަޖީދީމަގަށް ނިކުތުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ މުޒާހަރާ ރޫޅާލައިފަ އެވެ.
ފުލުހުން ހާލަތާ ނުބައްދަލަށް ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ޕީޕީއެމުން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި އިންޑިއާގެ ދިފާއުގައި ފުލުހުން ދިވެހިންނަށް އަނިޔާ ކުރާ ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި މިކަން ކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމުރަށް ކަމަށާއި އެއީ ދިވެހިން އިންޑިއާ އަށް އަޅުވެތި ކުރުމަށް ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.
ރޭގެ މުޒާހަރާ ރޫޅުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު