ޚަބަރު

ސްޓެލްކޯގެ ދުރު ވިސްނުން: ޑިމާންޑަށް 70 މެގަވޮޓް އިތުރުކޮށް 2030ގެ ފަހަށް 150 މެގަވޮޓްގެ ބިޔަ ޕްލާންޓެއް

މުހައްމަދު ސިމާއު

ގްރޭޓާ މާލެ ސަރަހައްދުގައި ދުވަހެއް ދުވަހަކަށް ކަރަންޓުގެ ޑިމާންޑު އަންނަނީ އިތުރުވަމުންނެވެ. ހާއްސަކޮށް ހުޅުމާލެ ފޭސް 2 ހިއްކައި ނިމި, އުސް އިމާރާތްތަކެއް ހަދައި, އިތުރަށް އެދަނީ ނަގަމުންނެވެ. އަނެއްކޮޅުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއު, ތިލަމާލެ ބުރިޖުގެ މަސައްކަތް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ބުރިޖުން މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލައި ނިމޭއިރު ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކޮންމެ ރަށަކަށްވެސް އަންނާނެއެވެ.

"ވަން" އަށް ދެއްވި އިންޓަވިއުއެއްގައި، މިކަންކަމަށް ސްޓެލްކޯ ތައްޔާރުތޯ ސުވާލުކުރުމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހިއްސާކުރެއްވީ 2030ގެ ފަހަށްވެސް އެ ކުންފުނީގައި އޮތް ޕްލޭނެވެ.

ސްޓެލްކޯއިން މިހާތަނަށް ފަސް ފިޔަވައްސަކަށް ބަހާލައިގެން ކުންފުނީގެ ކެޕޭސިޓީ ވަނީ އިތުރުކޮށްފައެވެ. މިވަގުތުވެސް 50 މެގަވޮޓްގެ އިންޖީނުގެއެއް ހުޅުމާލޭގައި ހަދައި ނިންމައި ކޮމިޝަން ކުރުމަށް އޮތީ ތައްޔާރަށެވެ. އަދި އިތުރު 70 މެގަވޮޓްގެ އިންޖީނުގެއެއް ހެދުމުގެ ޕްލޭންތައް މިހާރުވެސް އަންނަނީ ހަދަމުންނެވެ.

"ސްޓެލްކޯއިން އަބަދުވެސް ހުންނާނީ 10 އަހަރަށް 20 އަހަރަށް ޕްލޭންކޮށްފައި. ނަމަވެސް އަންދާޒާ ކުރިވަރަށްވުރެ މާ އަވަހަށް ތަރައްގީ އެބަ އާދޭ. ފޭސް 2 އުފެދުމާއެކު ބޮޑެތި އިމާރާތްތައް އަންނަމުން މިދަނީ. އަންދާޒާ ކުރެވޭ ދެ އަހަރެއްތެރޭ މެކްސިމަމް ކެޕޭސިޓީއަށް ދާނެ ކަމަށް," މިހާރުގެ ހާލަތު ހިއްސާކުރައްވަމުން ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި, ގްރޭޓާ މާލެ ސަރަހައްދަށް ކަރަންޓު ދިނުމަށް މިވަގުތު 100 މެގަވޮޓްގެ ކެޕޭސިޓީއެއް އެބަ އޮތެވެ. އޭގެން ބޭނުންކުރަނީ 85 މެގަވޮޓް ކަމަށާއި 15 ވަރަކަށް މެގަވޮޓް ބެކަޕެއްގެ ގޮތުގައި ބަހައްޓާފައިވާ ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް އަހަރެއްގެ ތެރޭގައި އެ ބެކަޕް 30 މެގަވޮޓަށް ނުގެނެސްފި ނަމަ, އުނދަގޫތަކެއް ދިމާވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ. އެހެންކަމުން ސްޓެލްކޯއިން މިހާރު ދަނީ ހުޅުމާލޭގައި ހުންނަ ބާ އިންޖީނުގޭގައި އިތުރު އިންޖީނުތަކެއް ބަހައްޓައި, ބެކަޕް ކެޕޭސިޓީ 25 މެގަވޮޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

"2024 ތެރޭގައި މިހާރު ޕަވާ ޖެނެރޭޝަން މެކްސިމަމް ކެޕޭސިޓީއަށް އަތުވެދާނެ. 2024 އަށްފަހުގައި އިތުރު ޕްލާންޓެއް ބޭނުންވާނެ. އެހެންވީމަ 70 މެގަވޮޓްގެ ޕްލާންޓެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް މިހާރު ވަރަށް ފައިނަލް ސްޓޭޖެއްގައި ނިމިފައި އޮތީ. މިހާރު ކަމާބެހޭ ފަރާތްތަކަށް ލިޔެގެން, ފައިނޭންސް މިނިސްޓްރީން ފައިނޭންސް މޮޑަލެއް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ," ކުރިއަށް އޮތް ޕްލޭން ހިއްސާކުރައްވަމުން ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި, އެ 70 މެގަވޮޓްގެ އިންޖީނުގެ ނިމުމުން 2030ގެ ކުރިން އިތުރު ޕަވާ ޕްލާންޓެއް ބޭނުމެއް ނުވާނެއެވެ. ނަމަވެސް ތިލަމާލެ ބުރިޖާއެކު ކަރަންޓަށް އޮތް ޑިމާންޑު އިތުރުވާނެތީ, އެއަށްފަހުވެސް ޕްލޭންވެސް އޮތީ ރާވައިފައެވެ.

"150 މެގަވޮޓްގެ ތިލަފުށީގައި އެޅުމަށް ރާވާފައި އޮންނާނީ," ޝަރީފު ވިދާޅުވިއެވެ.