ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ސެމީ ފައިނަލުގައި މިރޭ ކުޅެން އޮތް ދެ މެޗު، ވިއްސާރަވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކޮށްފިއެވެ.

ޖުމުލަ ދިހަ ޓީމު ވާދަކުރާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ވަނީ ނިމިފައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެފައިވާ އިރު، ރޭ ކުޅެފައި ވަނީ ގްރޫޕް ސްޓޭޖުގެ ފަހު ތިން މެޗެވެ. ރޭގެ މެޗުތަކަށް ފަހު ސެމީ ޔަގީންކުރީ ތުނޑީ އޯލްޑް ބޯއީސްއާއި ޓީމު މާވަށް، ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އަދި ސެންޓްރަލް އޭރިއާ ވެޓްރަންސް އެވެ.

އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ސެމީގެ ދެ މެޗު ފަސްކުރަން މުބާރާތް އިންތިޒާމުކުރާ ފަރާތުން ނިންމީ ލ. ފޮނަދުއަށް ހަވީރުން ފެށިގެން ބޯކޮށް ވާރޭ ވެހި، ވިއްސާރަކުރަމުން ދާތީއެވެ.

ލީޑްގެ ރައީސް މުހައްމަދު އަފްރާހް "ވަން" އަށް ވިދާޅުވީ މެޗުތައް ކުޅެވޭތޯ ފަހު ވަގުތާ ހަމައަށްވެސް ބެލި ކަމަށާއި، މެޗުތައް މާދަމާ ރެއަށް ފަސްކުރަން ޖެހުމުން ސަޕޯޓަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށެވެ.

އޭގެ އިތުރުން އަފްރާހް ވިދާޅުވީ މުބާރާތުގައި މިހާތަނަށް ސަޕޯޓަރުން ދެމުންދާ ތަރުހީބަށް ޝުކުރު އަދާކުރާ ކަމަށާއި، ޓީމުތަކުން ލީޑަށް ދެމުންދާ އެއްބާރުލުމަށްވެސް ޝުކުރުވެރިވާ ކަމަށެވެ.

ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޓައިޓަލް ސްޕޮންސަރަށް "އަމް މުދިޝް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް އަދި ފޮނަދޫ ކައުންސިލެވެ. އޯގަނައިޒިން ޕާޓްނަރަކީ ލ. އެޓޯލް ޕޮލިހެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ޝަބްނަމީ ހޯލްޑިންގްސްއެވެ.

ލޮޖިސްޓިކްސް ޕާޓްނަރަކީ ދިވްޒޯން ލާމެވެ. ކޮފީ ޕާޓްނަރަކީ ލ. ފޮނަދޫގެ ދި ޖޭމް ކިޗަން ރެސްޓޯރަންޓެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. އޮފިޝަލް ކިޓް ޕާޓްނަރަކީ މަޅި އެމްވީއެވެ. ލައިވް ޕާޓްނާއަކީ "ބިގޭ ޓީވީ"އެވެ.

ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

މުބާރާތުގެ ސެމީ މެޗުތައް މާދަމާ ރެއަށް ފަސްކޮށްފައިވާ އިރު، ފުރަތަމަ އޮންނަ ސެމީގައި 8:30 ގައި ނުކުންނާނީ ތުނޑީ އޯލްޑް ބޯއީސްއާއި ޓީމް މާވަށެވެ. އަދި މާދަމާ ރޭ 10:00 ގައި އޮންނަ ސެމީގައި އެފްއެމްއެސްސީ ނުކުންނާނީ ސެންޓްރަލް އޭރިއާ ވެޓްރަންސްއާ ދެކޮޅަށެވެ.