މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ގއ. މާމެންދޫގައި މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހެއްގެ ދިފާއީ ހެކިން ބަލައިނުގަންނަން ދައުލަތުން ހުށަހެޅި އިރު، ދައުލަތުގެ ހެކިން ބަލައިނުގަންނަން ދިފާއުން ހުށަހަޅައިފިއެވެ.

އުމުރުން 17 އަހަރުގެ އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލަދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ މާމެންދޫ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ކުރެއެވެ.

އުދައްޔު މަރާލި ވަގުތުގައި، އެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން މާޒިން އާއި ޝަމީމް ހުރީ އެހެން ތަނެއްގައިކަން ސާބިތު ކުރަން ދިފާއީ ހެކިންގެ ގޮތުގައި ދިހަ ހެއްކެއް ހުށަހަޅާފައިވެއެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދިނުމުން ދައުލަތުން ހުށަހެޅީ ޝަމީމް ހުށަހެޅި ދިހަ ހެކިންގެ ތެރެއިން ހަތް ހެއްކެއް ބަލައިނުގަތުމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުގެ ވަކީލު، ފަރަހަނާޒް މުހައްމަދު ދީދީ ވިދާޅުވީ ދައުވާ އިއްވި މަރުހަލާގައި އެ ހެކިތައް ހާމަކޮށްފައި ނުވާތީ ކަމުގައެވެ. އެކަމުގައި ދައުލަތުން ފާހަގަކޮށްފައިވަނީ، ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ނަގައި، އެ ކަން ސާބިތު ކުރަން ހެކި ހުށަހަޅާނަމަ ކުރިން ހާމަ ކުރަން ޖެހޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ މާއްދާއެވެ.

ޝަރަފް ރަޝީދުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ، އެއްވެސް ހުށަހެޅުއްވުމެއް ނެތް ކަމަށެވެ. މާޒިން އާއި ޝަމީމްގެ ފަރާތުން ވަކީލު ޝާހިދު ވަނީ ހަތަރު ހުށަހެޅުމެއް ހުށަހަޅުއްވައިފައެވެ.

އެގޮތުން، އެ ދައުވާއާ ދައުވާގެ ސީގާއާ ދިމާނުވާ ކަމަށާއި ދައުވާ ކުރަން ފޮނުވީ ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ގިނަ ދުވަސް ނެގުމަށް ފަހުކަން ފާހަގަކޮށްފައިވެއެވެ. އަދި އެ މައްސަަލައިގައި ދައުލަތުން ހުށަހެޅި 25 ހެކީންގެ ތެރެއިން ބައެއް ހެކީން ބަލައި ނުގަތުމަށެވެ.

ދައުލަތުގެ ހެކިންގެ ވަނަވަރު އުނިކުރުމަށް ފަހު ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތައް ދިފާއަށް ދީފައިވާ އިރު، އެ ބަޔާންތަކުން އެ މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކާއި މަރުވެ ދިޔަ ފަރާތުގެ ގާތް ބަޔަކު ހިމެނޭ ކަން އެނގޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެހެންކަމުން އެއީ ދައުވާ އުފުލިފައިވާ ތިން މީހުންގެ އަދާވާތްތެރިން ކަމުގައި ބެލެވެން އޮތް ކަމަށް ވިދާޅުވެ ޝާހިދު އެދިވަޑައިގަތީ އެ ހެކިތައް ބަލައިނުގަތުމަށެވެ. އަދި އަދާވާތްތެރިންގެ ހެކި ބަހަކީ ބަލައިގަނެވޭނެ ހެކި ބަހެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެކަމަށް ރައްދުދެއްވައި، ދައުލަތުގެ ވަކީލުން ވިދާޅުވީ ދައުވާ ރައްދުވާ ފަރާތާއި މަރުވެ ދިޔަ ފަރާތުގެ ގާތް މީހުން ހެކިންގެ ގޮތުގައި ތިއްބަސް އަދި ނެތަސް މުހިންމީ އެއް ހެއްކާއި އަނެއް ހެއްކާ ގުޅުން ވަރު ބެލުން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި، ޝަރަފްގެ ގާނޫނީ ވަކީލް މުހައްމަދު ނިޝާން އިބްރާހިމް ވަނީ މިމަހުގެ 23 ވަނަ ދުވަހު ޝަރަފުގެ ހާނިޔާގެ އޮޕަރޭޝަނެއް ކުރާތީ އޮޕަރޭޝަންގެ ކަންކަން ނިމި އޭނާގެ ބަލި ހާލަތު ރަނގަޅުވަންދެން ޝަރުތުކޮށްފައި ބަންދަށް ލުއިދީ އާއިލާ ކައިރިއަށް ފޮނުވައިދޭން އެދިފައެވެ. އަދި އޮޕަރޭޝަންގެ ކަންކަން އާއިލާއަށް އެނގިގެން ކޮށްދޭން ކަރެކްޝަންސް އަށް އެންގުމަށްވެސް އެދިފައިވެއެވެ. ނަމަވެސް އެ މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ އެއީ ކުރިމިނަލް ކޯޓުގެ އިހުތިސޯސްގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.

ދެ ފަރާތަށް ވެސް ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދެ ފުރުސަތު ދެއްވުމަށް ފަހު، އެ މައްސަލަ ބައްލަވާ ގާޒީ ނަދީމް މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ، އަންނަ މަހުގެ ދެވަނަ ދުވަހުގެ ހެނދުނު 11:00 ގައި، ހުށަހެޅުންތަކަށް ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވާނެ ކަން އިއުލާނުކުރައްވައިފައެވެ.

އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެއެވެ. އެ ކުއްޖާގެ މައްސަލަ ޖުވެނައިލް ކޯޓުގައި ކުރިއަށްދާ އިރު. މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެ ކުއްޖާއަށް ވަނީ ކޮށްފައެވެ.