ޚަބަރު

ސްޓެލްކޯއިން އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމުގެ ވިސްނުމެއް ނެތް: ޝަރީފް

މުހައްމަދު އިޝާން

ސްޓެލްކޯއިން އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސުވާލުކުރައްވަމުން ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން މެންޑޭޓުން ބޭރުގައިވާ ކަންކަން ކުރަމުންދާ ކަމަށެވެ.

އެގޮތުން ސްޓެލްކޯ އާއި ފެނަކައިން، މި ތަންތަނުގެ ހިދުމަތް ރަނގަޅު ކޮށް ކަރަންޓްގެ އަގު ހެޔޮ ކުރުމަށް، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަންނަން އުޅޭ ކަމަށާއި ފުލުހުންގެ ހިދުމަތް ރަނގަޅު ކުރުމަށް ޕޮލްކޯއިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަނުމުގެ އިތުރުން ގައުމީ ސަލާމަތާބެހޭ ކަންކަން ރަނގަޅުކުރަން ސިފްކޯއިން ވެސް ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވަންނަން އުޅޭ ކަމަށް އަފީފު ވިދާޅުވިއެވެ.

އެ ސުވާލާ ގުޅިގެން އަސްލަމް ވިދާޅުވީ އެހެން ކަންކަމަށް އުފެދިފައި ހުރި ސަރުކާރުގެ ކުންފުނިތަކުން ކަމާ ނުގުޅޭ ދާއިރާތަކަށް ވަނުމަކީ ޕްލޭނިން މިނިސްޓްރީގެ ސިޔާސަތެއް ނޫން ކަމަށާއި އެކަންކަމުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެ ކަމަށެވެ. އަދި މިނިސްޓްރީން ކުރިއަށް ގެންދާ އެފަދަ މަޝްރޫއެއް ކަމާ ނުގުޅޭ ސަރުކާރުގެ ކުންފުންޏަކަށް ދީފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަފީފުގެ އެ ސުވާލަށްފަހު އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ވިޔަފާރިވެރިން ބުނަމުންދަނީ ސްޓެލްކޯއިން ސަރުކާރުގެ އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ބިޑް ކުރަމުންދާ ކަމަށެވެ. އަދި އެއީ ކަންބޮނޑުވުމެއް ކަމަށް ވެސް އެ ވިޔަފާރިވެރިން ވަނީ ފާހަގަ ކުރައްވައިފައެވެ.

އެކަމާ ގުޅިގެން މިރޭ ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސްޓެލްކޯއިން އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް ބިޑު ނުކުރާ ކަމަށާއި އެ ކުންފުނިން އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ވިޔަފާރިވެރިން ބުނެފައިވަނީ، ހުޅުމާލޭގައި ހަ ބުރީގެ ޕާކިން އިމާރާތެއް ހަދަން އެޗްޑީސީން ހުޅުވި ބިޑަށާއި ސަރުކާރުގެ އެހެން މަޝްރޫއުތަކަށް ބިޑް ކުރަމުންދާ ކަމަށެވެ.