ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ސެމީ ފައިނަލްގެ ޖާގަތައް ޔަގީން ވެއްޖެއެވެ.

ޖުމްލަ 10 ޓީމު ވާދަކުރާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕްގެ ގްރޫޕް ސްޓޭޖުގެ ކުޅުން ރޭ ވަނީ ނިމިފައެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެފައިވާ އިރު، ރޭ ކުޅެފައި ވަނީ ގްރޫޕް ސްޓޭޖުގެ ފަހު ތިން މެޗެވެ. ރޭގެ މެޗުތަކަށް ފަހު ސެމީ ޔަގީންކުރީ ތުނޑީ އޯލްޑް ބޯއީސްއާއި ޓީމު މާވަށް، ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އަދި ސެންޓްރަލް އޭރިއާ ވެޓްރަންސް އެވެ.

ގްރޫޕް އޭގެ އެއްވަނަ މަގާމު ހޯދައިގެން ސެމީ އަށް ދިޔައީ ތުނޑީ އޯލްޑް ބޯއީސްއެވެ. އެ ގްރޫޕުގެ ދެވަނަ މަގާމު ހޯދީ ސެންޓްރަލް އޭރިއާ ވެޓްރަންސް އެވެ. ގްރޫޕް ބީގެ އެއްވަނަ މަގާމު ހޯދީ އެފްއެމްއެސްސީ އެވެ. އަދި އެ ގްރޫޕުގެ ދެވަނަ މަގާމު ހޯދީ ޓީމު މާވަށެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި އެމްއެންޑީއެފް ވެޓްރަންސް ނުކުތީ ލ. ގަން ޕޮލިހާ ދެކޮޅަށެވެ. އެ މެޗަށް ނުކުތް އިރުވެސް ސެންޓްރަލް އޭރިއާ ވެޓްރަންސްއަށް ސެމީ ޔަގީން ވެފައި އޮތް ނަމަވެސް، މެޗު މުހިއްމުވީ އެއްވަނަ މަގާމު ހޯދުމަށެވެ. އެމެޗުން ސެންޓްރަލް އޭރިއާ ވެޓްރަންސް ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕޮލިހުގެ އިބްރާހީމް ސަމީރު ހެޓްރިކް ހެދި އިރު، ސައުދު އަހުމަދު އަދި އަލީ މޫސާ ވަނީ ގޯލު ޖަހައިފައެވެ. ސަމީރު މިހާތަނަށް މުބާރާތުގައި އަށް ގޯލު ޖަހައިފައިވާ އިރު، އޭނާއަކީ މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.

ސެންޓްރަލް އޭރިއާ ވެޓްރަންސްގެ ގޯލު ޖެހީ މުހައްމަދު އާރިފެވެ.

އެފްއެމްއެސްސީން ރޭގެ މެޗުން 12-0 އިން ޓީމު ޖޭމް ބަލިކޮށް، ސެމީ ޔަގީން ކުރީ ގްރޫޕް ބީގެ އެއްވަނަ މަގާމާ އެކުގައެވެ. އެ މެޗުގައި އެފްއެމްއެސްސީގެ އަހުމަދު ރިލުވާން (ރިލޭ) ހަތަރު ގޯލު ޖެހި އިރު، މުހައްމަދު ސިޒާން ވަނީ ހެޓްރިކް ހަދާފައެވެ. އޭގެ އިތުރުން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ހުސައިން މޫސާ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. އަދި އަހުމަދު ޝަރީފްވެސް ވަނީ ގޯލެއް ޖަހައިފައެވެ.

ރޭގެ ފަހު މެޗުގައި ކުޅުނީ ކިއުއެމް ސްޕޯޓްސް އާއި އައުޓްރީފް އެސްސީއެވެ. އެ މެޗަށް ނުކުތް އިރު ދެޓީމު ކަޓާފައި އޮތް ނަމަވެސް، ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ފެނުނީ ހިތްވަރު ގަދަ ކުޅުމެކެވެ. އެ މެޗު އައުޓްރީފުން 5-7 އިން ކާމިޔާބުކުރި އިރު، އައުޓްރީފްގެ އަހުމަދު ޝިޔާމާއި ޝާހިދު މުހައްމަދު ވަނީ މެޗުގައި ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.

އޭގެ އިތުރުން އައުޓްރީފްގެ ގޯލުތައް ޖެހީ އާދަމް ނަސީމާއި އަބްދުލް ރައޫފް އަބްދުލް ރައްޒާގާއި އަބްދުލް ހަންނާނު އަބްދުލް ރަހީމެވެ. ކިއުއެމް ސްޕޯޓްސްގެ ގޯލުތައް ޖެހީ އަހުމަދު ޝަރީފާއި ޝާފިއު އިސްމާއީލް އަދި މުހައްމަދު އަނަސްއެވެ. އޭގެ ތެރެއިން އަހުމަދު ޝަރީފާއި ޝާފިއު އިސްމާއީލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.

ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޓައިޓަލް ސްޕޮންސަރަށް "އަމް މުދިޝް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް އަދި ފޮނަދޫ ކައުންސިލެވެ. އޯގަނައިޒިން ޕާޓްނަރަކީ ލ. އެޓޯލް ޕޮލިހެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ޝަބްނަމީ ހޯލްޑިންގްސްއެވެ.

ލޮޖިސްޓިކްސް ޕާޓްނަރަކީ ދިވްޒޯން ލާމެވެ. ކޮފީ ޕާޓްނަރަކީ ލ. ފޮނަދޫގެ ދި ޖޭމް ކިޗަން ރެސްޓޯރަންޓެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. އޮފިޝަލް ކިޓް ޕާޓްނަރަކީ މަޅި އެމްވީއެވެ. ލައިވް ޕާޓްނާއަކީ "ބިގޭ ޓީވީ"އެވެ.

ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.

20:30 ތުނޑީ އޯލްޑް ބޯއީސް - ޓީމް މާވަށް

22:00 އެފްއެމްއެސްސީ - ސެންޓްރަލް އޭރިއާ ވެޓްރަންސް