ޗެލްސީ

ޗެލްސީ ވިއްކާލުމުގެ ކަންކަންވެސް "ފެއިލް" ވެދާނެކަމުގެ ބިރު

އިނގިރޭސި ކްލަބު ޗެލްސީ ވިއްކާލުމުގެ ކަންކަން ފެއިލް ވެދާނެ ކަމުގެ އިޝާރާތްތަކެއް އިނގިރޭސި މިނިސްޓަރުންގެ ފަރާތުން ދީފިއެވެ.

ރަޝިއާ ބިލިއަނަރު ރޯމަން އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ނިންމާފައި ވަނީ 4.2 ބިލިއަން ޕައުންޑުގެ އެއްބަސްވުމެއްގައެވެ. ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިނގިރޭސި ސަރުކާރުން ރަޝިއާއަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ޗެލްސީގެ ވެރިޔާ އަބްރަމޮވިޗަށް އެޅި ފިޔަވަޅުތަކާއެކު ޗެލްސީ ވިއްކާލަން އަބްރަމޮވިޗް ނިންމީވެސް އެހެން ގޮތެއް ނެތިގެންނެވެ.

ޗެލްސީ ވިއްކާލުމުގެ މަސައްކަތް އެންމެ ފަހުގެ މަރުހަލާއަށް ގޮސްފައިވާ އިރު، ޗެލްސީ ވިއްކާލަން ނިންމާ އެއްބަސްވެފައި ވަނީ އެމެރިކާގެ ބިލިއަނަރު، އެލްއޭ ޑޮޖާސްގެ ކޯ އޯނަރު ޓޮޑް ބޯލީ އިސްވެ އުފެއްދި ގްރޫޕަކަށެވެ. އެ ގްރޫޕަށް ޗެލްސީ ވިއްކާލަން ނިންމައި، އެކަން ކުރިއަށް ގެންދަނީ އިނގިރޭސި ސަރުކާރުގެ ތެރެއިންނެވެ. އެއީ ޑީލްގެ ފައިދާ އެއްވެސް ވަރަކަށް އަބްރަމޮވިޗަށް ނުލިބޭނެ ކަން ސަރުކާރުން ޔަގީން ކުރުމަށެވެ. ޗެލްސީ ވިއްކާލައިގެން ލިބޭ ފައިދާ ހޭދަކުރަން ހަމަޖައްސާފައި ވަނީ ޔޫކްރެއިންއަށް އެހީވުމަށެވެ.

އެފަދަ ގޮތަކަށް އެެކަން އޮތް ނަމަވެސް އެތެރެ އެތެރެއިން އަބްރަމޮވިޗް ޗެލްސީ ވިއްކާލުމުގެ ފައިދާ ނަގަން އުޅޭ ކަމަށް ބުނެ، އެކަމަށް ވަނީ ކަންބޮޑުވުންތަކެއް ކުރިމަތިވެފައެވެ. ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އިނގިރޭސި ސަރުކާރުގެ މިނިސްޓަރުން ވަނީ ޗެލްސީ ވިއްކާލުމުގެ ޑީލް ހުއްޓުވައިލަން މަސައްކަތް ކޮށްފައެވެ.

ބީބީސީއަށް ބައެއް މިނިސްޓަރުން ވިދާޅުވީ ޗެލްސީ ވިއްކާލުމުގެ ކަންތައް "ސީރިއަސް ހާލަތެއް،"ގައި އޮތް ކަމަށާއި، ކަނޑައެޅިފައިވާ ވަގުތަށް ކަންކަން ނުހިނގިފައިފި ނަމަ ޑީލް ފަނިވުން އެކަށީގެންވާ ކަމަށެވެ. އޭގެ އިތުރުން އިނގިރޭސި ސަރުކާރުން ހުށަހަޅާފައިވާ "ޑީލް ސްޓްރަކްޗާ" ވެސް ޗެލްސީން ގަބޫލުކުރަން އިންކާރު ކުރާ ކަމަށްވެސް ބައެއް މިނިސްޓަރުން ވިދާޅުވިއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ޗެލްސީ ވިއްކައިލުމުގެ ކަންކަން މިމަހުގެ ނިޔަލަށް ނިންމަން ޖެހޭނެއެވެ. އެހެން ނޫންނަމަ ޗެލްސީ "ޕްރިމިއާ ލީގާއި ޔޫއެފާގެ މުބާރާތްތަކުން އެކުގައި ސަސްޕެންޑް ވެގެން ދާނެ،" ކަމަށް ލަފާކޮށްފައި ބައެއް މިނިސްޓަރުން ވަނީ ވާހަކަ ދައްކަވައިފައެވެ.

އެފަދަ ހާލަތަކަށް ކަންކަން ގޮސްފައިވީ ނަމަވެސް ޗެލްސީ ގަތުމަށް ބޯލީގެ ގްރޫޕުން ވަރުގަދައަށް ތިބިކަމަށް އެ ގްރޫޕާ ގާތުން މަސައްކަތް ކުރާ ވަސީލަތްތަކުން ވަނީ ބުނެފައެވެ.