ޚަބަރު

ދައުވާއެއް ކުރިއަށްގެންދަން ނިންމާ ނިންމުން، ދެން އިސްތިއުނާފު ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

އިބްރާހިމް ޒަކީ

ދައުވާ ކުރިއަށް ގެންދަން ކޯޓުތަކުން ނިންމާ ނިންމުންތައް ދެން އިސްތިއުނާފު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

ހައިކޯޓުން މިގޮތަށް ކަނޑައެޅީ، ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް ދައުލަތުން ކުރާ، މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ މަދަނީގޮތުން ކުރިއަށްގެންދެވޭނެ ކަމަށް ކުރިިމިނަލް ކޯޓުން ކަނޑައެޅުމުން، ހައިކޯޓަށް ހުށަހެޅި އިސްތިނާފުގައި، ކުރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ބަދަލު ނުގެނައުމުން، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ބެހޭގޮތުން އެ ކޯޓުން މިއަދު އިއްވި ހުކުމްގައެވެ.

މައްސަލަ ބެއްލެވި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑަައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު އިއްވަވައިދެއްވަމުން ފަނޑިޔާރު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 198 ވަނަ މާއްދާއަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ނަތީޖާއެއްގެ ގޮތުން ޖިނާއީ މައްސަލައެއްގައި މިހާރު އިސްތިއުނާފު ކުރެވޭނީ، ދަށުކޯޓުން ކޮށްފައިވާ ހުކުމްތަކާއި، ނެރެފައިވާ އަމުރުތަކާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުހަލާ އާއި ކޯޓުތަކުން ނިންމާ ނިންމުންތައް ކަމަށެވެ.

އެހެންކަމުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިސްތިއުނާފު ކުރަން، ކުރިން ހުޅުވިފައި އޮތް ފުރުސަތު، އެ އިސްލާހުން ހަނިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ފުރުސަތު ހަނިވުމުގެ ނަތީޖާއަކީ މައްސަލައެއްގައި، އެ މައްސަލައަކީ ޝަރީއަތް ކުރާނެ ތަން އޮތް މައްސަލައެއްކަމަަށް ފަނޑިޔާރު ނިންމާ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ގެއްލިގެންދިއުން ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން އެފަދަ މައްސަލަތައް އިސްތިއުނާފު ކުރެވިދާނެކަމަށް އޮތް އޮތުން މިހާރު ނިމުމަކަށް އައިސްފައި އޮތުމުން އިސްތިއުނާފު ކުރުމުގެ ފުރުސަތު ދެން ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލައެއް ކުރިއަށް ނުގެންދެވޭނެކަމަށް، ފަނޑިޔާރު ކަނޑައަޅާ މައްސަލަތައް އިސްތިއުނާފު ކުރެވޭނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ހުކުމް ކުރީ، މި މައްސަލަ ބެއްލެވި ފަނޑުޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ލިޔުއްވި މި ހުކުމަަށް، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން ވަނީ އިއްތިފާގުވެވަޑައިގެންނެވެ.