މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޓިކްޓޮކްގެ ތަރި މަރިޔަމް ރޫމާ (ޕްރިޓީ ރޫމީ)، ޕްރެޝާ ހައިވެގެން ހޭނެތުނު ކަމަށާއި އޭނާއަކީ ޑިޕްރެޝަންވެސް ހުންނަ މީހެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނެފިއެވެ.
ރޫމާ، 45، އާއި އޭނާގެ ފިރިމީހާ މުހައްމަދު ނަސީމް 49، ހައްޔަރުކުރީ، މާލޭގައި އެ ދެ މީހުން ދިރިއުޅުނު ގެ، ހ. ބްލޫބާޑް, ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަދުވަހުގެ ރޭ ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިގެންނެވެ.
އެ މައްސަލައިގައި އެ ދެމަފިރިން ހައްޔަރުކޮށްފައިވާއިރު، އެ ދެމަފިރިންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އެ ދެމީހުންގެ ބަންދަށް ކޯޓުން ވަނީ އިތުރު ހަތް ދުވަސް ދީފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރީ، އެމީހުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބަލައިފައެވެ.
މަސްތުވާތަކެތި ފެނުނީ އެ ގެއިން ނޫން ނަމަވެސް، މަސްތުވާތަކެތި އަޅާފައި ހުރި، ނަސީމުގެ ކޮތަޅެއް އެއްލައިލި ކަމަށް ތަހުގީގުގައި ރޫމާ އެއްބަސްވި ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ މައުލޫމާތާ އެއްގޮތަށް އެހެން ގެއެއްގެ ފުރާޅު މަތިން އެފަދަ ކޮތަޅެއް ފުލުހުން ހޯދި އެވެ.
ރޫމާގެ ބަންދުގެ މުއްދަތު އިތުރުކުރި ކޯޓު އަމުރުގައި، ބަލައިފާސްކުރުމުގެ އަމުރުގައި ބަލައިފާސްކުރަން ހުއްދަ ދީފައިވާ ގޭގެ އެޑުރެހާއި ބަލައިފާސްކުރި ގޭގެ އެޑުރެސް ދިމާނުވާ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ. އަދި އެކަމާ ގުޅޭ ރަސްމީ ލިޔެކިޔުން ރޫމާ އާއި ނަސީމު ހުށަހަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ބަލައިފާސްކުރި ގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ނުފެންނަ ކަމަށާއި ރޫމާ އާއި ނަސީމު ބަންދުކުރީ ބަލައިފާސްކުރުމުގެ ތެރެއިން ހޯދި ހެކީގެ މައްޗަށް އެކަނި ބިނާކޮށް ނޫން ކަމަށް ބެލެވޭ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ. އަދިއެ ދެ މީހުން ބަންދުކުރީ ރޫމާ ފުލުހުންނަށް ދިން މައުލޫމާތަށާއި އެ މައުލޫމާތާ އެއްގޮތަށް މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުރާޅު މަތިން ފެނުމުން ކަމަށް ބެލެވޭ ސަބަބުތަކެއް ތަހުގީގު ބަޔާނުން ފެންނަން އޮތް ކަމަށްވެސް ބުނެފައިވެއެވެ.
ރޫމާ ވަނީ އޭނާގެ ބޭސްފަރުވާއާ ބެހޭ ޑޮކިއުމަންޓެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ފުލުހުންގެ ކަސްޓޯޑިއަލުން ބޭސްފަރުވާ ލިބޭނެ ކަމަށާއި ދާއިމީ ބޭސްތައްވެސް ލިބޭނެ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި ރޫމާގެ ވަކީލު ވަނީ ޕްރެޝާ ހައިވެގެން، ރޫމާ ހޭނެތުނު ކަމަށާއި ރޫމާއަކީ ޑިޕްރެޝަން ހުންނަ މީހެއް ކަމަށް ބުނެފައެވެ. އަދި އޭނާގެ ތިން ދަރީން ތިބޭ ކަމަށާއި ކިތަންމެ ހަރުކަށި ޝަރުތެއް ކޮށްފައި ނަމަވެސް ބަންދަށް ލުޔެއްދޭން ރޫމާ ވަނީ އެދިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު