ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދުގެ ދަށުން މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒަށް މަރުހަބާ ދެންނެވުމުގެ ގޮތުން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފައްޔާޒަށާއި އޭނާގެ ކެމްޕޭން ޓީމާއި އިންތިގެ ކެމްޕޭން ޓީމަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ވިދާޅުވީ، ފައްޔާޒްގެ ޗެއާޕާސަންކަމުގެ ދަށުން އެމްޑީޕީއަށް އިތުރު ކާމިޔާބުތަކެއް ހޯދޭނެކަމަށް އެމަނިކުފާނުގެ ހިތުގައި ޝައްކެތް ނެތް ކަމަށެވެ.

އެ ޓުވީޓު ރީ ޓުވީޓުކުރައްވައި ފައްޔާޒް ވިދާޅުވީ، ނަޝީދުގެ އިރުޝާދުގެ ދަށުން އެމްޑީޕީން މަސައްކަތްކުރާނީ ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް ރާއްޖެ ތަރައްގީކުރަން ކަމަށެވެ.

ފައްޔާޒް މީގެ ކުރިން ވިދާޅުވެފައިވަނީ، ނަޝީދާއެކު މަސައްކަތްކުރައްވަން ވަރަށް ބޭނުންވާ ކަމަށާއި ނަޝީދާއެކު މަސައްކަތްކުރައްވަން ވަރަށް ފަސޭހަވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފައްޔާޒް ކާމިޔާބުކުރެއްވީ، ވޯޓުލީ މީހުންގެ 58 ޕަސަންޓު ހޯއްދަވައިގެންނެވެ. އެ މަގާމަށް ދެން ކުރިމަތިލެއްވި މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް ލިބިވަޑައިގަތީ 42 ޕަސަންޓެވެ.

ޗެއާޕާސަންގެ އިންތިހާބުގައި އިންތި ވާދަކުރެއްވީ ރައީސް ނަޝީދުގެ ތާއީދާއެކުއެވެ. ފައްޔާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަކުރެއްވި ކެންޑިޑޭޓެވެ.