އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުން އެނގިގެން ދިޔައީ ސިޔާސީ ގޮތުން އެމްޑީޕީ ފައްކާވެފައި އޮތް މިންވަރު ކަމަށް އެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު މިނިސްޓަރު ފައްޔާޒް ކާމިޔާބުކުރެއްވީ، ވޯޓުލީ މީހުންގެ 58 ޕަސަންޓު ހޯއްދަވައިގެންނެވެ. އިންތިއަށް ލިބިވަޑައިގެންނެވީ 42 ޕަސަންޓް ވޯޓެވެ.
މިނިސްޓަރު ފައްޔާޒަށް މަރުހަބާ ދަންނަވައި އިންތި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ އަސާސްތައް ދެމެހެއްޓުމުގައި އަބަދުވެސް ދެމިހުންނަވާނެ ކަމަށެވެ.
"ނިމިދިޔަ އިންތިހާބުގައި އަޅުގަނޑާއެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރިއްޔާ! އަޅުގަނޑުމެން މިވީހާ ދުވަހު ނަގަހައްޓަމުން މިއައި ހަމަތަކާ އަސާސްތަކުގައި މިޕާޓީއާއެކު ދެގޮތެއް ނުވެ، އަބަދުވެސް ދެމިހުންނާނަން،" އިންތި ވިދާޅުވިއެވެ.
އިންތިއަށް ޝުކުރުދަންނަވައި ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބަށް ފަހު ތިބޭނީ އެއްކޮށް ކަމަށާއި ޕާޓީ ދާނީ އެކުގައި ކުރިއަށް ކަމަށެވެ.
"ވާދަވެރި މި ސިޔާސީ ހަރަކާތުން އެނގޭ އެކައްޗަކީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރު. އަޅުގަނޑުގެ ވާދަވެރި ކެނޑިޑޭޓު ކަމުގައި ވިޔަސް، ކުރިންވެެސް ދެންނެވި ފަދައިން އަޅުގަނޑުމެން އިންތިހާބަށް ފަހުގައި ތިބޭނީ އެއްކޮށް. މިޕާޓީ ދާނީ އެކީ އެކަށް ކުރިއަށް" ފައްޔާޒް ވިދާޅުވިއެވެ.
ޗެއާޕާސަންގެ އިންތިހާބުގައި އިންތި ވާދަކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކުއެވެ. އަދި ފައްޔާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަކުރެއްވި ކެންޑިޑޭޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު