އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި މާލެ ސިޓީއާއި ފުވައްމުލަކު ސިޓީގެ އަގުލަބިއްޔަތު އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހޯއްދެވި އިރު, އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީން އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކުރި ހޯއްދަވައިފިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފައްޔާޒު އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ 59 ޕަސެންޓް ވޯޓުންނެވެ. އިންތިއަށް ލިބިވަޑައިގެންނެވީ 41 ޕަސެންޓް ވޯޓެވެ.
ނަތީޖާއަށް ބަލާއިރު, މާލޭގެ 15 ދާއިރާގެ ތެރެއިން އިންތި ވަނީ ނުވަ ދާއިރާއެއް ކާމިޔާބު ކުރައްވައިފައެވެ. އިންތިގެ މައްޗަށް ފައްޔާޒު ކުރި ހޯއްދެވި ދާއިރާތަކަކީ ހުޅުމާލެ ދާއިރާ, ހެންވޭރު ދެކުނު ދާއިރާ, ހެންވޭރު އުތުރު ދާއިރާ, މައްޗަންގޮޅި އުތުރު ދާއިރާ, މާފަންނު ހުޅަނގު ދާއިރާ އަދި މާފަންނު ދެކުނު ދާއިރާއެވެ.
އައްޑޫ ސިޓީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހިތަދޫ މެދު ދާއިރާ އާއި މަރަދޫ ދާއިރާ ފިޔަވައި ބާކީ ހުރި ހަތް ދާއިރާއިން ކުރި ހޯއްދަވާފައިވަނީ ފައްޔާޒެވެ. ނަމަވެސް ފުވައްމުލަކު ސިޓީން ފައްޔާޒަށް ކުރި ހޯއްދެވުނީ ތިން ދާއިރާގެ ތެރެއިން ފުވައްމުލަކު މެދު ދާއިރާއިން އެކަންޏެވެ. ފުވައްމުލަކު އުތުރާއި ދެކުނުން ކުރި ހޯއްދެވީ އިންތިއެވެ.
ކުޅުދުއްފުށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާ ފައްޔާޒު ކާމިޔާބު ކުރެއްވި އިރު, ދެކުނު ކާމިޔާބު ކުރެއްވީ އިންތިއެވެ. ނަމަވެސް އެ ސިޓީން 58 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވަނީ ފައްޔާޒެވެ. މުޅި ކުޅުދުއްފުށިން ފައްޔާޒަށް 349 ވޯޓު ލިބިވަޑައިގެންނެވި އިރު, އިންތިއަށް ލިބިވަޑައިގެންނެވީ 291 ވޯޓެވެ.
ޖުމްލަ 94،211 މީހުންނަށް ވޯޓުލުމުގެ ހައްގު އޮތް އިންތިހާބުގައި މާލޭގައި 87 ވޯޓު ފޮށި ބެހެއްޓިއިރު, 194 ރަށެއްގައި ވޯޓު ފޮށި ބެހެއްޓިއެވެ.