ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް)ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ގްރޫޕް ސްޓޭޖުގައި ރޭ ކުޅުނު މެޗުތަކާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ވެޓްރަންސްއިން ސެމީ ފައިނަލްގެ ޖާގަ ޔަގީން ކޮށްފިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު ތިން މެޗު ރޭވެސް ކުޅެފައިވެއެވެ. އެއީ ގްރޫޕް އޭގެ ދެމެޗާއި ގްރޫޕް ބީގެ މެޗެކެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބު (އެފްއެމްއެސްސީ) އިން މާވަށާ ދެކޮޅަށް ނުކުތް އިރު، މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. އެފްއެމްއެސްސީގެ ގޯލުތައް މެޗުގައި ޖަހައިދިނީ އަބްދުﷲ މިދިހަތު ފަހުމީ (ބިޗަޑް) އާއި އިބްރާހީމް ގަހުތާނެވެ. އަނެއްކޮޅުން މާވަށުގެ ގޯލުތައް ޖެހީ އާދަމް ވަޖީހާއި ހަސަން ސުހާނެވެ.
އެ ނަތީޖާއާއެކު އެފްއެމްއެސްސީއާއި މާވަށް އޮތީ ގްރޫޕް ބީގައި ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފައެވެ. ދެޓީމަށްވެސް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، އެފްއެމްއެސްސީއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
ރޭ ދެން ކުޅުނީ ގްރޫޕް އޭގެ ދެމެޗެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުގައި ސެންޓްރަލް އޭރިއާ ވެޓްރަންސްއިން ވަނީ 4-2 ގެ ނަތީޖާއަކުން އޭލިއަން ބަލިކޮށްފައެވެ. އޭލިއަންގެ ދެ ގޯލު އަހުމަދު ނަދީމް ޖެހި އިރު، ސެންޓްރަލް އޭރިއާގެ ގޯލުތައް ޖެހީ މުހައްމަދު އަސްފާނާއި މުހައްމަދު އާރިފް އަދި އަލީ ހުސައިންނެވެ.
އެ މެޗުން މޮޅުވެ ސެންޓްރަލް އޭރިއާއިން ވަނީ މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެފައެވެ. އެ ނަތީޖާތަކާއެކު ސެންޓްރަލް އޭރިއާއަށް ސެމީ ޔަގީންވެފައިވާ އިރު، އެ ޓީމަށް ގްރޫޕުގެ މަގާމު ޔަގީން ވާނީ ފަހު މެޗުތަކަށް ފަހުއެވެ.
ރޭ ކުޅުނު ގްރޫޕް ބީގެ ދެވަނަ މެޗުގައި ގަން ޕޮލިހުން 8-2 ގެ ނަތީޖާ މޮޅުވި އިރު، ގަން ޕޮލިހުގެ އިބްރާހީމް ސަމީރު ވަނީ ހެޓްރިކް ހަދާފައެވެ. އޭގެ އިތުރުން ސައުދު އަހުމަދު ދެ ގޯލު ޖެހި އިރު، ހުސައިން ޝަރީފާއި އަލީ މޫސާ ވަނީ މެޗުގައި ގޯލު ޖަހައިފައެވެ. މާހިންނަ އެސްސީގެ ގޯލުތައް ޖެހީ މުހައްމަދު އަސްލަމާއި މުހައްމަދު ޝާފީއެވެ.
ރޭގެ ނަތީޖާއާއެކު ގަން ޕޮލިހަށް ސެމީގެ އުންމީދު ދެމެހެއްޓުނު އިރު، އެޓީމު އޮތީ ގްރޫޕްގެ ތިން ވަނައިގައެވެ. ތުނޑީ އޯލްޑް ބޯއީސް ގްރޫޕްގެ ދެވަނައިގައި އޮތް އިރު، އެ ގްރޫޕުން ސެމީއަށްދާ އަނެއް ޓީމު އެނގޭނީ ގްރޫޕް ސްޓޭޖު ފަހު މެޗުތަކަށް ފަހުގައެވެ.
ޖުމްލަ 10 ޓީމު ވާދަކުރާ އަލް މުދިޝް ލީޑް ވެޓްރަންސް ފުޓްސަލް ކަޕް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން ދެޓީމު ސެމީ ފައިނަލަށް ދާއިރު، ގްރޫޕް ސްޓޭޖު މެޗުތައް ނިމޭނީ މާދަމާ ރޭގައެވެ.
ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޓައިޓަލް ސްޕޮންސަރަށް "އަމް މުދިޝް" ހަމަޖައްސާފައިވާ އިރު، މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް، ބޭންކް އޮފް މޯލްޑިވްސް އަދި ފޮނަދޫ ކައުންސިލެވެ. އޯގަނައިޒިން ޕާޓްނަރަކީ ލ. އެޓޯލް ޕޮލިހެވެ. މުބާރާތުގެ ބެވަރޭޖް ޕާޓްނަރަކީ ޝަބްނަމީ ހޯލްޑިންގްސްއެވެ.
ލޮޖިސްޓިކްސް ޕާޓްނަރަކީ ދިވްޒޯން ލާމެވެ. ކޮފީ ޕާޓްނަރަކީ ލ. ފޮނަދޫގެ ދި ޖޭމް ކިޗަން ރެސްޓޯރަންޓެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން" އޮންލައިނެވެ. އޮފިޝަލް ކިޓް ޕާޓްނަރަކީ މަޅި އެމްވީއެވެ. ލައިވް ޕާޓްނާއަކީ "ބިގޭ ޓީވީ"އެވެ.
ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2022ގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅައިފައެވެ.
20:30 ކިއުއެމް ސްޕޯޓްސް - ޓީމް ޖޭމް
21:30 ޓީމް މާވަށް - އައުޓްރީފް އެސްސީ
22:30 ތުނޑީ އޯލްޑް ބޯއީސް - އޭލިއަން
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް