މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ނަތީޖާއިން ފެނިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް އިތުބާރު ކަމަށް އެ އިންތިހާބު ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕަސަން އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ކެމްޕޭނުގެ މައި ޖަގަހައަށް ވަޑައިގެން މީޑިއާތަކަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއާމެދު ޝައްކެއް ކުރާނެ އަދި ޝަކުވާއެއް ކުރާނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި މަސައްކަތް ކުރާނީ އެންމެންނާވެސް ގުޅިގެން ޕާޓީ ކުރިއަރުވަން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއިން ދޭހަވަނީ އެމްޑީޕީގެ ސަރުކާރެއް 2023ގައި ގެންނަން ޕާޓީގެ މެންބަރުން ބޭނުންވާ މިންވަރު ކަމަށެވެ.
"މި ކާމިޔާބީން އެންމެ ބޮޑަށް ދޭހަ މިވަނީ އެމްޑީޕީ މެންބަރުން ސަރުކާރާ މެދު ހިތްހަމަޖެހޭކަން. އޭގެ މާނައަކީ ރައީސް ސޯލިހަށް އޮތް އިތުބާރު ފެނިގެން ގޮސްފި،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީ "ހިންގާލުމުގެ" މަސައްކަތް ކުރައްވާނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިވެރިވުމާ އިންތިހާބުން ނާކާމިޔާބުވި އިންތިގެ ޓީމާވެސް އެކުގައި ކަމަށެވެ. އަދި އެމްޑީޕީ ދެފަޅި ނުކުރެވޭނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ބޮޑު ތަފާތަކުން މިނިސްޓަރު ފައްޔާޒް އިންތިހާބު ކާމިޔާބު ކުރެއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ(އިންތި)އާ ވާދަ ކުރައްވައިގެންނެވެ.
އިންތިހާބު ކާމިޔާބުކުރެއްވި ފައްޔާޒަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރާ ގިނަ މެންބަރުންނާއި ކެބިނެޓްގެ ގިނަ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ ތާއީދުވެސް އޮތީ ފައްޔާޒަށެވެ.
އިންތިއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ މުހައްމަދު މުހައްމަދު ނަޝީދުގެ ތާއީދު އޮތް ބޭފުޅެކެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފައްޔާޒް ކާމިޔާބު ކުރެއްވީ 8،000 ވުރެ ގިނަ ވޯޓުގެ ތަފާތުންނެވެ.