އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ކުރިއަށްގެންދިޔަ އިންތިހާބުގައި ޅ. ހިންނަވަރުގައި ބެހެއްޓި ވޯޓު ފޮށި ބޮޑު ތަފާތަކުން އެ އިންތިހާބުގައި ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކާމިޔާބު ކުރައްވައިފިއެވެ.

ހިންނަވަރުގައި ބެހެއްޓި ވޯޓު ފޮށިން ފައްޔާޒަށް ލިބުނީ 600 ވޯޓެވެ. އެ އިންތިހާބުގައި ދެން ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް ލިބުނީ ނުވަ ވޯޓެވެ. އެ ވޯޓު ފޮށީގެ ބާތިލް ވޯޓަކީ އަށެކެވެ.

ޗެއާޕާސަން އިންތިހާބުގައި މިހާތަނަށް ނަތީޖާ ލިބިފައިވާ ފޮށިތަކަށް ބަލާއިރު، ބޮޑުތަފާތަކުން ކުރީގައި އުޅުއްވަނީ އިނޮކޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

ހިންނަވަރުގައި ބެހެއްޓި ވޯޓު ފޮށި ބޮޑު ތަފާތަކުން ފައްޔާޒު ކާމިޔާބުކުރެއްވި އިރު، ހިންނަވަރަށް ނިސްބަތްވެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ފައްޔާޒެވެ.

އިންތިއަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދުގެ ތާއީދު އޮތް ބޭފުޅެކެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ފައްޔާޒާއި އިންތިވެސް ވަނީ ވަރަށް ބޮޑަށް ކެމްޕެއިން ކުރައްވައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ފައްޔާޒް ކާމިޔާބުކުރައްވާނެކަން ޔަގީންވެފައިވާއިރު، އިންތިގެ ކެމްޕެއިން ވަނީ އެ އިންތިހާބުގެ ސައްހަ ކަމާމެދު ސުވާލު އުފައްދައިފައެވެ. އެގޮތުން އިންތިހާބަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށާއި ހަތަރު ވޯޓު ފޮއްޓެއްގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ، އެ ޓީމުން ވަނީ އެ ހަތަރު ވޯޓު ފޮށި ބަންދުކޮށްދިނުމަށްވެސް އެދި، އެ މައްސަލަ އިންތިހާބާ ބެހޭ ކޮމިޓީއަށްވެސް ހުށަހަޅާފައެވެ. ނަމަވެސް އެކަމާމެދު އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި 94،000 ވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިފައިވާއިރު ޖުމްލަ 282 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.