އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކުރީ، 4:00ގެ ފަހުން ކަމުގެ ޝަކުވާތަކާ އެކު މައްސަލަ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
މި މައްސަލަ އެ ކޮމިޓީއަށް ހުށަހެޅީ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ޓީމު "ތިލަފަތުގެ ރަމްޒު"ގެ ފަރާތުންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސާ ކަމަށާއި ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް މެންބަރަކު އިންތިހާބު ކުރުމުގެ ވޯޓުލުން އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ނަމަވެސް އިންތިހާބާ ބެހޭ ކޮމިޓީން ވަނީ މިއަދު ހަވީރު 6:00 އަށް ވަގުތު އިތުރުކޮށްފައެވެ.
އިންތިގެ ކެމްޕެއިން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތިގެ ލީގަލް ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު ނިޝާން ވިދާޅުވީ އިންތިހާބާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާ ފަދަ ޝަކުވާތައްވެސް ހިމެނޭ ކަމަށެވެ.
އެގޮތުން އިންތިހާބުގައި ދެން ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ތާއީދުކުރާ ފަރާތްތަކަށް އެހީވުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށާއި އިންތިގެ އޮބްސާވަރުންގެ ނަންމަތީގައި ފައްޔާޒަށް ތާއީދުކުރާ އޮބްޒާވަރުން ހަރަކާތްތެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލިސްޓްގައި ނެތް މީހުން ވޯޓުލާފައިވާ ކަމުގެ ޝަކުވާ އާއި ވޯޓުލުމަށް ފަހު އިނގިލީގެ ނިޝާން ނުޖެހުމުގެ މައްސަލަތައްވެސް ގިނަ އަދަދަކަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވާނެ ވޯޓު ފޮށީގެ ނަތީޖާއަށް ބަދަލު އަންނަ ވަރުގެ ބޮޑެތި ޝަކުވާތަކެއް ހުށަހަޅާފައި، ހަތަރު ވޯޓު ފޮއްޓެއްގެ ވޯޓުލުން ހުއްޓައިދިނުމަށް އެދިފައިވާނެ. ނަމަވެސް އެކަމަށްވެސް އަދި ވަކި ޖަވާބެއް ނުލިބޭ،" ނިޝާން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ، ވޯޓުލުމުގެ ވަގުތު އިތުރުކުރީވެސް އުސޫލާ ހިލާފަށް ކަމަށާއި އެއީ އެއްވެސް އިންތިހާބެއްގައި އަމަލު ކުރާ އުސޫލެއް ނޫން ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
"ހަތަރެއް ޖެހީމާ ވޯޓު ހުއްޓާލާ ގޮތަށް އޮތީ. އެހެން ނަމަވެސް ވޯޓުލާ ވަގުތު އިތުރުކުރަން އިއުލާނުކުރީ ހަތަރެއްގެ ފަހުން،" ނިޝާން ވިދާޅުވިއެވެ.
ނިޝާން އިތުރަށް ވިދާޅުވީ، އައިޑީ ކާޑު ގަތުމާއި ފައިސާގެ ނުފޫޒު އިންތިހާބަށް ފޯރުވަމުންދާ ކަމުގެ ޝަކުވާތައްވެސް ލިބެމުންދާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި 94،000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. މި އިންތިހާބުގައި ޖުމްލަ 282 ވޯޓް ފޮށި ބަހައްޓާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު