ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު 2023 ވަނަ އަހރުގެ ރިޔާސީ ޓިކެޓަށް ކުރިމަތިލައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަުދ ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
ދިވެހި ޗެނަލްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮބައިކަން ނިންމަންވާނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ.
އެ މެންބަރުން ނިންމަވާ ގޮތެއްގެ މައްޗަށް އަޅުގަނޑުމެން އެންމެން ވެސް އެއްބަސްވާން ވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ނޫން އެހެން ބޭފުޅުންވެސް ރިޔާސީ ރޭހުގެ ތެރެއަށް ނުކުތުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހު އެރޭހަށް ނިކުންނަވާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ސޯލިހާއި އަޅުގަނޑު ނޫން، އެހެން ބޭފުޅުންވެސް މި ރޭހުގެ ތެރެއަށް ނުކުތުމަކީ ވަރަށް ބޭނުންތެރިކަމެއް، އަޅުގަނޑު ލަފައެއް ނުކުރަން ރައީސް ސޯލިހު ނިކުންނަވާނެ ކަމަކަށް،"
އަދިވެސް ރާއްޖެއަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމުކަމަށް ރައީސް ނަޝީދު މިފަހަރުވެސް ތަކުރާރު ކުރެއްވިއެވެ.
ވިދާޅުވީ، "އަޅުގަނޑު ރައީސް ސޯލިހު އަރިހު އަނެއްކާވެސް ދަންނަވާނީ ރަނގަޅަށް ވިސްނަވާށޭ، ރާއްޖޭގެ ވެރިކަން ތަހައްމަލު ކުރެވިގެން، ސަކާ ކުރެވިގެން، ރީތި ގޮތުގައި ރައްޔިތުންނަށް ހިންގާ ގޮތުގައި އަދި ރައްޔިތުންނަށް އޭގެ ފައިދާއެއް ވަމުން ގެންދެވޭނެ ވެރިކަމެއް ހިންގޭނީ ރައީސް ސޯލިހު އިހުވެސް ގަބޫލު ކުރެއްވިގޮތަށް ބަރުލަމާނީ ނިޒާމެކޭ ރާއްޖެއަށް އެންމެ ރަނގަޅީ،" ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު