ޚަބަރު

ހުޅުމާލޭ ވޯޓު މަރުކަޒު ބަދަލުވީ އިދާރީ އޮޅުމަކުން، ހުރަވީގައި ވޯޓުލާން ފެށީ ދެ ކެންޑިޑޭޓުންގެ ރުހުމާއެކު: އެމްޑީޕީ

އިބްރާހިމް ޒަކީ

މިއަދު ހެނދުނުން ފެށީގެން ކުރިއަށްދާ، އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި، ހުޅުމާލޭގައި ހުންނަ ހުރަވީސްކޫލްގައި ވޯޓުލާން ފެށީ، އެ އިންތިހާބުގައި ވާދަ ކުރައްވާ، ދެ ކެނޑިޑޭޓުން ކަމަށްވާ، މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ އާއި އިކޮނޮމިކު މިނިސްޓަރު ފއްޔާޒު އިސްމާއީލްގެ ރުހުމާއެކުގައި ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނީ، ހުޅުމާލޭގެ ވޯޓުލުން ޣާޒީ ސްކޫލުގައި ބޭއްވުމަށް ނިންމާފައި ވަނިކޮށް، އެންގުމަކާ ނުލައި ކުއްލިއަކަށް މިއަދު ހެނދުނު ވޯޓުލުން ހުރަވީ ސްކޫލަށް ބަދަލުކޮށްފައިވާ ކަމަށް ބުނެ އިންތިގެ ކެމްޕެއިން ޓީމުން ޝަކުވާ ކޮށްފައި ވަނި ކޮށެވެ.

އިންތިގެ ކެމްޕޭން މެނޭޖަރު އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އިންތިހބާބެހޭ ގިނަ މައްސަލަތަކެއް މިއަދު ފާހަކަކުރައްވައިފައިވާއިރު، އޭނާ ވިދާޅުވީ، ޣާޒީ ސްކޫލުގައި ބޭއްވުމަށް ނިންމާފައި ވަނިކޮށް، އެންގުމަކާ ނުލައި ކުއްލިއަކަށް މިއަދު ހެނދުނު ވޯޓުލުން ހުރަވީ ސްކޫލަށް ބަދަލުކޮށްފައިވާތީ ގިނަ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެކަމާގުޅިގެން މި އިންތިހާބާބެހޭ، އިންތިޒާމީ ކޮމިޓީން ބުނެފައި ވަނީ، އިންތިހާބުގައި ހުޅުމާލޭގައި ބެހެއްޓުމަށް ހަމަޖެއްސި ވޯޓު ފޮށި ހުޅުމާލޭ ޣާޒީ ސްކޫލްގައި ބެހެއްޓުމަށް ހަމަޖައްސާފައި ވަނިކޮށް ހުރަވީ ސްކޫލަށް ބަދަލު ކުރީ ދިމާވި އިދާރީ އޮޅުމަކުން ކަމަށެވެ.

އެކަމުގެ ސަބަބުން ވޯޓު ފޮށި ބެހެއްޓުމަށް އެ ކޮމިޓީން ހުޅުމާލޭ ހުރަވީ ސްކޫލް ހޯލް ތައްޔާރު ކުރިކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ.

އެހެންކަމުން އެ ފޮށީގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ވޯޓުލާ މަރުކަޒަށް، މި އިންތިހާބުގެ ދެ ކެނޑިޑޭޓުން ކަމަށްވާ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ ފަރާތުން މަންދޫބުން ހާޒިރުވި ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އެ ސްކޫލްގައި ވޯޓުލާން ފެށީ ދެ ކެނޑިޑޭޓުންގެ މަންދޫބުންނާއި މަޝްވަރާ ކުރުމުން، އިންތިޒާމު ކުރެވިފައިވާ ގޮތަށް ހުރަވީ ސްކޫލްގައި ވޯޓު ލުން ކުރިއަށްގެންދިއުމަށް އެ ދެ ކެނޑިޑޭޓުންގެ މަންދޫބުން އެއްބަސްވުމުން ގެނދުނު 9:55 ގައި ކަމަށްވެސް ބުނެފައިވެއެވެ.

އެ ސްކޫލްގައި ވޯޓުލުން ކުރިއަށް ގެންދަން ނިންމެވީ އެ ބޭފުޅުންގެ އެއްބަސްވުމާއެކު ކަމަށްބުނެ އެ ދެ ކެނޑިޑޭޓުންގެ މަންދޫބުން ސޮއިކުރައްވާފައިވާ ލިޔުންވެސް އިންތިހާބު ކޮމިޓީން ވަނީ އާއްމު ކޮށްފައެވެ.

މި އިންތިހާބުގައި ޗެއާޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސަކު އިންތިހާބުކުރުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ އިރު ޒުވާނުންގެ ހިތްވަރަށް މީހަކު އިންތިޚާބުކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވޭނެއެވެ.

މި އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 ގައި ފަށާފައިވާއިރު، ހަވީރު 4:00 އަށް ކުރިއަށްދާނެއެވެ.