ޚަބަރު

އިންތި ކެމްޕެއިންގެ ފަރާތުން ގިނަ މައްސަލަަތަކެއް ފެންމަތި ކޮށްފި

އިބްރާހިމް ޒަކީ

މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ އިންތިހާބުގައި ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕެއިން ޓީމުން އިންތިހާބާބެހޭ ގިނަ ަމއްސަލަތަކެއް ފާހަގަ ކޮށްފިއެވެ.

އިންތިގެ ކެމްޕޭން މެނޭޖަރު އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ، ފ. ނިލަންދޫގައި ވޯޓު ލުމަށްފަހު ވޯޓު ކަރުދާސް ދައްކަން އަންގަމުން ގެންދާ ކަމަށެވެ. މިއީ ޕާޓީން ނެރެފައިވާ ވޯޓުލުން ކުރިޔަށް ގެންދާނޭ ގޮތުގެ އުސޫލުތަކާ ހިލާފު ކަމެއް ކަމަށާއި، އަދި ވޯޓުން މަކަރު ހަދަން ހިންގާ ކަމެއް ކަމަށެވެ.

ލ. މާވަށު އާފާގުގެ އަލީ މޫސާ ވޯޓުލުމަށްޓަކައި، އެރަށު ވޯޓުލާ މަރުކަޒުން ދޫކުރި ވޯޓްު ކަރުދާހުގައި ކެންޑިޑޭޓް ނަމްބަރު ދެޔަކާ ދިމާލުގައި ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާހެއް ދޫކުރިކަމުގެ ޝަކުވާ ލިބިފައިވާ ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. މި އިންތިހާބުގައި ކެންޑިޑޭޓް ދެޔަކަކީ، އިންތިއާ ވާދަ ކުރައްވާ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.

ހުޅުމާލޭ ވޯޓުލުން ޣާޒީ ސްކޫލުގައި ބޭއްވުމަށް ނިންމާފައި ވަނިކޮށް، އެންގުމަކާ ނުލައި ކުއްލިއަކަށް މިއަދު ހެނދުނު ހުރަވީ ސްކޫލަށް ބަދަލުކޮށްފައިވާތީ ވެސް ވަރަށް ގިނަ ޝަކުވާ ލިބެމުންދާ ކަމަށް ވެސް ވައްޑޭ ވިދާޅުވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމެޓީގެ މެންބަރުން މިއަދު ވިދާޅުވެފައިވާ ގޮތުގައި މަރުކަޒު ބަދަލު ކުރީ ދެ ކެންޑިޑޭޓުންގެ ފަރާތުން ވަޑައިގެން ތިއްބެވި މަންދޫބުންނާ މަޝްވަރާކުރެއްވުމަށްފަހު އެވެ.

މި އިންތިހާބުގައި އިންތި ވާދަ ކުރައްވަނީ، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމސދު ނަޝީދުގެ ފެކްޝަނުންނެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރއިްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވާދަ ކުރައްވަނީ އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިންމާއީލެވެ.

މި އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުގެ އެމްޑީޕީ ގިނަ މެންބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. ފައްޔާޒަށް ތާއީދުކުރައްވާ ވަޒީރުންގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ހިމެނިވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ގިނަ މެންބަރުންގެ ތާއީދު ފައްޔާޒަށް އޮތް ނަމަވެސް، މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއެކު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ތާއީދުކުރައްވަނީ އިންތިއަށެވެ. އެ ޓީމުގެ އެންމެ އިސް ސަފުން ދެން ފާހަގަކޮށްލެވެނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާއެކު މިއަދު އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސާގެ އިންތިހާބު ވެސް ކުރިއަށްދެއެވެ. އެ އިންތިހާބުގައި ވާދަކުރައްވަނީ ފައްޔާޒާއެކު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި އިންތިއަށް ތާއީދުކުރައްވާ ސަފާތު އަހުމަދު ޒާހިރެވެ.

މި އިންތިހާބުގައި ޗެއާޕާސަން ހޮވުމަށް 94،211 މީހުންނަށް ވޯޓުލެވޭ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި އަންހެނުންގެ ރޫހުގެ ރައީސަކު އިންތިހާބުކުރުމަށް 41،027 މެމްބަރުންނަށް ވޯޓުލެވޭ އިރު ޒުވާނުންގެ ހިތްވަރަށް މީހަކު އިންތިޚާބުކުރުމަށް 32،057 މެމްބަރުންނަށް ވޯޓު ލެވޭނެއެވެ.

މި އިންތިހާބުގެ ވޯޓުލުން ހެނދުނު 9:00 ގައި ފަށާފައިވާއިރު، ހަވީރު 4:00 އަށް ކުރިއަށްދާނެއެވެ.