އޭއެފްސީ ކަޕް

އޭއެފްސީ ކަޕުގައި ވާދަކުރުމަށް މާޒިޔާ, އިންޑިއާއަށް ފުރައިފި

އޭއެފްސީ ކަޕުގައި ވާދަކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު, އިންޑިއާއަށް ފުރައިފިއެވެ.

އެ މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ މާޒިޔާ, އިންޑިއާގެ ކަލްކަތާއަށް ފުރާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރާނީ ދެކުނު އޭޝިއާގެ ގްރޫޕުގައެވެ. އެ ގްރޫޕުގައި މާޒިޔާ ވާދަކުރަން ޖެހޭނީ އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރެލާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގުލަދޭޝްގެ ބަޝުންދަރާ ކިންގްސްއެވެ. އެ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ކަލްކަތާގައެވެ.

މިއީ ދިވެހި ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ މާޒިޔާ އިން އޭއެފްސީ ކަޕުގައި ވާދަކުރާ ހަތްވަނަ ފަހަރެވެ. އެ މުބާރާތުގައި މާޒިޔާއަށް އަދި ގްރޫޕު ސްޓޭޖު ފަހަނަ އަޅައި ދެވިފައެއް ނުވެއެވެ. އެޓީމަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދިފައިވަނީ 2017 ވަނަ އަހަރުގެ މުބާރާތުގައެވެ. އެފަހަރު މާޒިޔާ އިން ވަނީ ގްރޫޕުގެ ދެވަނަ ހޯދައިފައެވެ. ނަމަވެސް މުބާރާތުގެ ފޯމެޓު އޮންނަ ގޮތުން އިންޓަ ޒޯން ޕްލޭ އޮފް ސެމީ ފައިނަލަށް ދަނީ ހަމައެކަނި ގްރޫޕުގެ އެއްވަނަ ހޯދާ ޓީމެވެ.

މިފަހަރުގެ މުބާރާތުގެ ގްރޫޕު ސްޓޭޖަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖޭގެ ކްލަބު ވެލެންސިއާއަށް ވެސް އޮތެވެ. ޕްލިމިނަރީ ކޮލިފިކޭޝަން ބުރުގައި ވެލެންސިއާއިން ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ކޮލިފިކޭޝަން ފުރަތަމަ މެޗުގައި ބޫޓާންގެ ޕަރޯ އެފްސީގެ މައްޗަށް 2-1 އިން ކުރި ހޯދައިގެން ދެވަނަ މެޗަކަށް ފުރުސަތު ހޯދި ނަމަވެސް، ޑާކާ އަބަހާނީއާ ދެކޮޅަށް ބަންގުލަދޭޝްގައި ކުޅެން އޮތް މެޗަށް އެ ކްލަބަށް ފުރިފައެއް ނުވެއެވެ.

ވެލެންސިއާއަށް ނުފުރުނީ ފައިސާގެ ހާލަތު ގޯސްވެ، ކްލަބު ފުރުމަށް ގިނަ ކަންތައްތަކެއް ހަމަނުޖެއްސިގެންނެވެ. ވެލެންސިއާއިން މުބާރާތުން ވަކިވުމުން ޑާކާ އަބަހާނީއަށް އެ މެޗު ލިބިފައިވާ އިރު، ވެލެންސިއާއަށް އެޅި ވަކި ފިޔަވަޅެއް އަދި އަންގައިފައެއް ނުވެއެވެ.