މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޓިކްޓޮކުގައި މަޝްހޫރުކަން ހޯދި ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) މަސްތުވާތަކެތި ހުރި ކޮތަޅެއް ގެއެއްގެ ފުރާޅުމައްޗަށް އެއްލައިލި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ރޫމީ ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ހ. ބުލޫބާޑް ގެއިންނެވެ. އެ ގެއަކީ ރޫމީ ދިރިއުޅޭ ގެއެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކޮށްފައެވެ.
އެ އޮޕަރޭޝަންގައި ރޫމީގެ ފިރިމީހާ މުހައްމަދު ނަސީމު ވެސް ފުލުހުން ހައްޔަރުކުރިއެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ރޭ ހާޒިރުކުރުމުން، އެ ދެމަފިރިންގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވަނީ ނޫވިލާމަންޒިލް ކިޔާ ގެއެއް ކަމަށާއި، ނަމަވެސް ކޯޓު އަމުރު ހޯދާފައިވަނީ ބުލޫބާޑް ބަލައި ފާސްކުރަން ކަމަށެވެ. އެހެންކަމުން ފުލުހުން ބަލައި ފާސްކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ ރަނގަޅަށް ނޫންކަމަށް ދިފާއުން ފާހަގަކުރިއެވެ.
ބްލޫބާޑް ގެއިން މަސްތުވާ އެއްވެސް އެއްޗެއް ނުފެންނަ ކަމަށާއި، އަދި ފެނިފައިވާ މަސްތުވާ އެއްޗަކީ ބުލޫބާޑް ގެއާ މާދުރުން ފެނުނު ކޮތަޅަކުން ފެނުނު މަސްތުވާތަކެތި ކަމަށް ދިފާއުން ވިދާޅުވިއެވެ. ކޮތަޅުން ފެނުނު މަސްތުވާތަކެއްޗާ ދެމަފިރިންނާ ގުޅުވާލެވޭނެ ހެއްކެއް ނުވަތަ ގަރީނާއެއް ނެތުމުން ބަންދުގެ މުއްދަތު އިތުރުކޮށް ނުދިނުމަށް ދިފާއުން ވަނީ އެދިފައެވެ.
ކުރިމިނަލް ކޯޓަށް ދެމަފިރިން ހާޒިރުކޮށް އެ މައްސަލަ ތަހުގީގުކުރާ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވިދާޅުވެފައިވަނީ، ނޫވިލާމަންޒިލް ގޭގެ ފުރާޅުމަތިން ފުލުހުން ހޯދި ކޮތަޅުގައި މަސްތުވާތަކެތި ހުރި ކަމަށާއި، ނަމަވެސް އެގެއިން މަސްތުވާތަކެތި ފެނިފައިނުވާ ކަމަށެވެ. އަދި މަސްތުވާތަކެތި ހުރި ކޮތަޅު ނޫވިލާމަންޒިލްގެ ފުރާޅުމައްޗަށް އެއްލައިލި ތަން ސީން އަށް ދިޔަ އެއްވެސް ފުލުހަކަށް ނުފެންނަ ކަމަށެވެ.
ނަމަވެސް އެ ވަގުތު ސީނުގައި ތިބި ފުލުހުންގެ ކައިރީގައި އެއީ ތިމަންމަ އެއްލާލި ކޮތަޅެއްކަމަށް ރޫމީ އެއްބަސްވެފައިވާ ކަމަށް އައިއޯ ވިދާޅުވިއެވެ. އެގޮތަށް ރޫމީ ބުނިއިރު އޭނާ ހުރީ ކަންކަން އެނގޭނެ ހަލާތެއްގައި ނޫންކަމަށް ވެސް ވިދާޅުވިއެވެ.
އައިއޯގެ އެ ވާހަކަތަކާ ގުޅިގެން ދިފާއުން ވިދާޅުވީ، ރޫމީ އެވަގުތު ހުރި ހާލަތު ސާފުވެއްޖެ ކަމަށާއި ވަކި ގޮތަކަށް ބަޔާން ދިނުމަށް ފުލުހުން ރޫމީއަށް ބާރު އަޅަމުންދާ ކަމަށެވެ.
އެ މައްސަލައިގެ ބަންދާ މެދު ގޮތެއް ނިންމަވަން ހުރި ގާޒީ އާދަމް މުހައްމަދު ދެ ފަރާތުގެ ވާހަކަ އަޑު އެއްސެވުމަށްފަހު އަމުރުކުރެއްވީ ރޫމީ ތިން ދުވަސް ވަންދެން ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށެވެ. އެއީ ރޫމީގެ މައްޗަށް ފުލުހުން ކުރާ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތަށް ބާރުދޭ ހެކި ގަރީނާ ފުލުހުން ހުށަހަޅާފައިވާތީއެވެ.
ރޫމީ ބަންދުން ދޫކޮށްލައިފިނަމަ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލަމާތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ގާޒީ އާދަމް މުހައްމަދު ވިދާޅުވިއެވެ.
ރޫމީގެ ފިރިމީހާ ނަސީމުގެ ބަންދަށް ވެސް ކުރިމިނަލް ކޯޓުން ވަނީ ތިން ދުވަސް ޖަހައިފައެވެ.